ENGLISH
30 ޖޫން 2026
ފަހު ވަގުތު ޖަޕާން ބަލިކޮށް، ބްރެޒިލް ގަދަ 16 އަށް
30 ޖޫން 2026
|
ވޯލްޑް ކަޕުގައި ޖަޕާން ކޮޅަށް ލަނޑު ޖެހުމަށްފަހު ބްރެޒިލްގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ: ރޮއިޓަރސް
އެންމެ މަޤްބޫލު
މެޗުގެ އިތުރު ވަގުތުގެ ފަހު މިނެޓުގައި ގަބްރިއަލް މާޓިނެލީ ކާމިޔާބުކޮށްދިން ލަނޑާއެކު، ފަހަތުން އަރައި ޖަޕާން ބަލިކޮށް ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 16 އަށް ބްރެޒިލް ދަތުރުކޮށްފިއެވެ. އެމެރިކާގެ ހިއުސްޓަން ސްޓޭޑިއަމުގައި މިރޭ ކުޅުނު މި މެޗު ބްރެޒިލުން ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.
މިއީ ވޯލްޑް ކަޕުގެ ނޮކައުޓް މަރުހަލާގައި މޮޅެއް ހޯދުމަށް ޖަޕާނުން ކުރަމުންދިޔަ އުއްމީދުތަކަށް ލިބުނު ވަރަށް ހިތްދަތި ނިމުމެކެވެ. އެގޮތުން ޖަޕާނަކީ ވޯލްޑް ކަޕުގެ ނޮކައުޓް މަރުހަލާގައި އެންމެ ފަހުން ކުޅުނު ތިން މެޗުގައިވެސް ފުރަތަމަ ލީޑު ނަގައި، ނަތީޖާ ދަމަހައްޓާނުލެވި ބަލިވި ޓީމެވެ.
ވޯލްޑް ކަޕުގައި ބްރެޒިލް ކޮޅަށް ލަނޑު ޖެހުމަށްފަހު ޖަޕާނުގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ: ރޮއިޓަރސް
ކާލޯ އަންޗެލޮޓީގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ ބްރެޒިލް ޓީމު މުބާރާތުން ވަކިވާންޖެހިދާނެ ފަދަ ބިރުވެރި ހާލަތަކަށް ދިޔައީ، މެޗުގެ ފުރަތަމަ ހާފުގައި ކައިޝޫ ސާނޯ ޖަޕާނަށް ލީޑު ނަގައިދިނުމުންނެވެ. ކަސެމީރޯ ކައިރިން ނައްޓާލުމަށްފަހު އޭނާ މި ލަނޑު ޖެހީ އޭރިއާ ބޭރުންނެވެ.
ނަމަވެސް، ފުރަތަމަ ހާފުގައި ހެދުނު ގޯސް ރަނގަޅުކޮށް، ދެވަނަ ހާފުގައި ބްރެޒިލަށް ނަތީޖާ ހަމަހަމަކޮށްދިނީ ކަސެމީރޯއެވެ. ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ބޭކާރުވުމުގެ ކުޑަވަގުތުކޮޅެއް ފަހުން، ގަބްރިއަލް ނަގައިދިން ހުރަހެއް ބޮލުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ބްރެޒިލަށް އުއްމީދު އައުކޮށްދިނެވެ.
ވޯލްޑް ކަޕުގައި ޖަޕާން ކޮޅަށް ލަނޑު ޖެހުމަށްފަހު ބްރެޒިލްގެބ ކަސެމީރޯ އުފާފާޅުކުރަނީ --- ފޮޓޯ: ރޮއިޓަރސް
މެޗުގެ ފަހުކޮޅު ވިނީޝިއުސް ޖޫނިއަރ އަމިއްލަ ހުނަރު ބޭނުންކޮށްގެން ކުރިއަށް އަރައި ފޮނުވާލި ހަމަލާ، ޖަޕާނުގެ ގޯލްކީޕަރު ޒިއޯން ސުޒުކީ ދިފާއުކުރި ނަމަވެސް، އެ ބޯޅަ ޖެހުނީ ގޯލުގެ ދަނޑީގައެވެ. އެކަމަކު މެޗުގެ އިތުރު ވަގުތުގެ ހަވަނަ މިނެޓުގައި މާޓިނެލީ ފޮނުވާލި ބޯޅަ ހުއްޓުވުމުގައި ކީޕަރު ސުޒުކީ ނާކާމިޔާބުވިއެވެ. އޭނާގެ އަތުގައި ޖެހިފައި ބޯޅަ ގޯލުގެ ތެރެއަށް ވަނީ ދަނޑީގައި ޖެހިފައެވެ.
މި މޮޅާއެކު ގަދަ 16 އަށް ދަތުރުކުރި ބްރެޒިލް ދެން ބައްދަލުކުރަން ޖެހޭނީ އައިވަރީ ކޯސްޓް ނުވަތަ އާލިން ހާލަންޑުގެ ނޯވޭއާއެވެ.