ENGLISH

29 ޖޫން 2026

Advertisement

ޖަނަވަރީ 2027 ގެ ނިޔަލަށް މުޅި ރާއްޖޭގައި އާރުޓީއެލްގެ ޚިދުމަތް ފެށުމަށް ނިންމައިފި

29 ޖޫން 2026

|

އަޙުމަދު ޙަމީދު

މިއަދު އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާ --

އަންނަ އަހަރުގެ ޖަނަވަރީ މަސް ނިމުމުގެ ކުރިން މުޅި ރާއްޖޭގައި އާރް.ޓީ.އެލް ވިއުގަ ގާއިމުކުރައްވައި، އެ ޚިދުމަތް ފެއްޓެވުމަށްޓަކައި ކުރައްވަންޖެހޭ އެންމެހާ ކަންކަން، ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި އެވެ.

ސަރުކާރުން ޢާންމުންނަށް ދެއްވާ ޚިދުމަތްތައް ހަރުދަނާކުރައްވައި، ކަނޑައަޅުއްވާފައިވާ ސުންގަޑިތަކަށް މަޝްރޫޢުތައް ނިންމެވުމުގެ މަޤުޞަދުގައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ވަނީ ނިންމަވައިފަ އެވެ.

އެގޮތުން ނިންމެވި އެއް ނިންމެވުމަކީ އަންނަ އަހަރުގެ ޖަނަވަރީ މަސް ނިމުމުގެ ކުރިން މުޅި ރާއްޖޭގައި އާރް.ޓީ.އެލް ވިއުގަ ގާއިމުކުރައްވައި، އެ ޚިދުމަތް ފެއްޓެވުމަށްޓަކައި ކުރައްވަންޖެހޭ އެންމެހާ ކަންކަން، ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރެއްވުމެވެ. މިހާރުވެސް އެ ޚިދުމަތް އިތުުރު އަތޮޅުތަކުގައި ފެށުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

މީގެ އިތުރުން ސަރުކާރުގެ ހުރިހާ މަޝްރޫޢުތަކާއި ހަރަކާތްތައް ވިލަރެސްކުރެއްވުމަށް ބޭނުންކުރައްވާ "ދުވެލި" ޕޯޓަލް އާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްއިން ތައްޔާރުކުރައްވާފައިވާ "ޕަބްލިކް އިންވެސްޓްމަންޓް މެނެޖްމަންޓް ސިސްޓަމް, (PIMS)" ޕޯޓަލް، މި ހަފުތާގެ ނިޔަލަށް އަދާހަމަކުރައްވައި، އެއަށްފަހު ވަގުތުން ވަގުތަށް އަދާހަމަކުރައްވަމުން ގެންދެވުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފަ އެވެ.

އަދި ސަރުކާރުން ކުރިއަށް ގެންދަވާ މަޝްރޫޢުތައް ކުރިއަށް ގެންދެވުމުގައި އެކިއެކި ވުޒާރާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދުވަހުން ދުވަހަށް ދިމާވާ މައްސަލަތައް ދެނެގަނެ، އެ މައްސަލަތަކަށް ޙައްލު ހޯއްދަވައިދެއްވުމަށްޓަކައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގައި އެކަމަށް ޚާއްޞަ ޓީމެއް ގާއިމުކުރެއްވުމަށާއި، މަޝްރޫޢުތައް ދުވަހުން ދުވަހަށް ވިލަރެސްކުރަމުން ގެންދާނޭ ޚާއްޞަ ޔުނިޓެއް، ކޮންމެ ވުޒާރާއެއްގައި ގާއިމުކުރެއްވުމަށްވެސް، ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފަ އެވެ.

މީގެ އިތުރުން މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ދަށުން ހިންގާ މަޝްރޫޢުތައް ކަނޑައަޅާފައިވާ ތާރީޚުތަކަށް ނިންމެވުމަށްޓަކައި، މި މަޝްރޫޢުތައް ހަވާލުކޮށްފައިވާ ކުންފުނިތަކާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްއާއެކު ޚާއްޞަ މަސައްކަތްތަކެއް ކުރެއްވުމަށް ވެސް ނިންމަވާފައިވެ އެވެ.

އަދި، ކެމިކަލް ގުދަންކޮށްފައި ހުންނަ ތަންތަނުގައި ހިނގާ ނުރައްކާތެރި ހާދިސާތަކަށް ރިއާޔަތްކުރައްވައި، މާލެއެކޭ އެއްފަދައިން، އަތޮޅުތެރޭގައިވެސް އެފަދަ ތަންތަން ތަރައްޤީކުރުމުގެ ހުއްދަ ދެވޭނީ، ރަށްރަށުގައި މީހުން ދިރިއުޅޭ ސަރަޙައްދާ ދުރު، ރައްކާތެރި ހިސާބުތަކުންކަމުގައިވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު