ENGLISH

29 ޖޫން 2026

Advertisement

ވޯލްޑް ކަޕުން ކެޓުމުން، ސައުދީ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް އިސްތިއުފާ ދެއްވައިފި

29 ޖޫން 2026

|

ސުވެއިދާ ހުސެއިން

ސައުދީ އަރަބިއްޔާގެ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް ޔާސިރު އަލް މިސެހަލް --- ފޮޓޯ: އޭޕީ

ސައުދީ އަރަބިއްޔާގެ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް ޔާސިރު އަލް މިސެހަލް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އޭނާ މަގާމުން ވަކިވެވަޑައިގަތުމަށް ނިންމެވީ ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ސްޓޭޖުން ސައުދީ ޓީމު ކެޓުމާ ގުޅިގެންނެވެ.

މި ފަހަރުގެ މުބާރާތުގައި ސައުދީ ޓީމު އޮތީ ގްރޫޕް އެޗްގެ އެންމެ ފުލުގައެވެ. އުރުގުއޭ އަދި ކާބޯ ވާޑޭއާ ދެކޮޅަށް ކުޅުނު މެޗުތައް އެއްވަރުވެ، ސްޕެއިން އަތުން ބަލިވުމުން އެ ޓީމަށް ލިބުނީ އެންމެ ދެ ޕޮއިންޓެވެ.

މިކަމާ ގުޅޭގޮތުން އަލް މިސެހަލް ވިދާޅުވީ، ވޯލްޑް ކަޕުގެ ދެވަނަ ބުރަށް ޓީމު ކޮލިފައިނުވުމަކީ އެންމެންގެ އުއްމީދުތަކާ ނުބައްދަލު ނަތީޖާއެއް ކަމަށެވެ. އަދި މިނާކާމިޔާބީގެ ފުރިހަމަ ޒިންމާ އޭނާ އަމިއްލައަށް އުފުއްލަވާ ކަމަށާއި، ޓީމަށް ރަނގަޅު ކާމިޔާބީއަކަށް އެދުނު ހުރިހާ ފަރާތްތަކެއްގެ ކިބައިން މައާފަށް އެދޭ ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އައު ފެށުމަކަށް ފުރުސަތު ދިނުމަކީ ޒިންމާދާރުވުމުގެ ގޮތުން ކުރަންޖެހޭ ކަމެއް ކަމަށް ގަބޫލުކުރައްވާތީ، ދައުރު ހަމަވުމުގެ ކުރިން މަގާމުން ވަކިވާން ނިންމެވީއެވެ.

ޔާސިރު އަލް މިސެހަލް ވަނީ ހަތް އަހަރު ދުވަހު ފެޑެރޭޝަންގެ ރައީސްކަން ކުރައްވާފައެވެ. އަދި 2034 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު ސައުދީ އަރަބިއްޔާއަށް ހޯދައިދިނުމުގައި އޭނާވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ.

މިއީ ސައުދީން ޖެހިޖެހިގެން ވޯލްޑް ކަޕުގައި ވާދަކުރި ތިންވަނަ ފަހަރެވެ. އަދި މިއީ އެ ޤައުމުން މި މުބާރާތުގައި ބައިވެރިވި ހަތްވަނަ ފަހަރެވެ. ނަމަވެސް، މުބާރާތް ފެށެން ދެމަހަށް ވެފައިވަނިކޮށް ކޯޗު ހާވޭ ރެނާޑުގެ ބަދަލުގައި ޖޯޖިއޯސް ޑޯނިސް އައްޔަންކުރުމަކީ ޓީމުގެ ތައްޔާރީތަކަށް އެޅުނު ހުރަހެއްގެ ގޮތުގައި، ގިނަ ބަޔަކު ފާހަގަކުރެއެވެ.

ސައުދީ ސަރުކާރުން ފަހަކަށް އައިސް ފުޓްބޯޅަ ކުރިއެރުވުމަށް ބޮޑެތި ހޭދަތަކެއް ކޮށްފައިވެއެވެ. އޭގެ ތެރޭގައި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ނޭމާ ފަދަ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިން ސައުދީގެ ކުލަބުތަކަށް ގެނައުން ހިމެނެއެވެ. ނަމަވެސް، މި ފަހަރުގެ ވޯލްޑް ކަޕުން ލިބުނު ނަތީޖާ ފޮންޔެން ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު