ENGLISH

30 ޖޫން 2026

Advertisement

ކްލަބް މޯލްޑިވްސް ކަޕް: އެމްއޭސީއެލް، ކަސްޓަމްސް، އެސްޓީއޯ އަދި އެމްޓީސީސީއަށް މޮޅެއް

30 ޖޫން 2026

|

އިސްމާއިލް ޝާހު

ކްލަބް މޯލްޑިވްސް ކަޕުގައި އެމްއޭސީއެލް އާއި ބީއެމްއެލް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގައި ހިމެނޭ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕް 2026 ގައި މިރޭ ކުޅުނު މެޗުތަކުން އެމްއޭސީއެލް، ކަސްޓަމްސް ރެކްރިއޭޝަން ކުލަބު، އެސްޓީއޯ ރެކްރިއޭޝަން ކުލަބު އަދި ކުލަބު އެމްޓީސީސީ މޮޅުވެއްޖެއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެންޑޯސްކޮށްފައިވާ މި އަހަރުގެ ކްލަބް މޯލްޑިވްސް ކަޕުގައި 17 ޓީމެއް ވާދަކުރެއެވެ. މި ޓީމުތައް ހަތަރު ގްރޫޕަކަށް ބަހާލާފައިވާއިރު، ގްރޫޕް އޭ، ބީ އަދި ސީގައި ހަތަރު ޓީމު ހިމެނެއެވެ. އަދި ގްރޫޕް ޑީގައި ހިމެނެނީ ފަސް ޓީމެވެ.

ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ގްރޫޕް ބީގައި މިރޭ ކުޅުނު މެޗުން އެމްއޭސީއެލް މޮޅުވީ ޔުނައިޓެޑް ބީއެމްއެލް އަތުން 6-3 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އެމްއޭސީއެލްގެ އަޙްމަދު ހުސާމް ހަތަރު ލަނޑު ޖެހިއިރު، އެ ޓީމުގެ އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ މުޙައްމަދު ޖިނާހު އަދި ފަހުމާން އަބްދުލް ހަމީދެވެ. މި މެޗުގައި ބީއެމްއެލްގެ ލަނޑުތައް ޖަހައިދިނީ އިބްރާހީމް ހަމްދާން އަދި އުނައިސް ޒުބައިރެވެ. އަދި އެ ޓީމުގެ އަނެއް ލަނޑަކީ އެމްއޭސީއެލްގެ އިބްރާހީމް އިމްރާހު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ކްލަބް މޯލްޑިވްސް ކަޕުގައި ކަސްޓަމްސް އާއި ފެނަކަ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

މި ގްރޫޕުގެ އަނެއް މެޗުގައި ކަސްޓަމްސްއިން ވަނީ 4-3 ގެ ނަތީޖާއަކުން ޓީމު ފެނަކަ ބަލިކޮށްފައެވެ. މި މެޗުގައި ކަސްޓަމްސްގެ ލަނޑުތައް ޖަހައިދިނީ އަބްދުލް ސަމީއު ހަސަން، ޔައީޝް ޖަމީލް އަދި ހުސައިން އައިހަމް ހަސަނަވެ. އަދި ފެނަކައިގެ މުޙައްމަދު ވަހީދު އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފައެވެ. މި މެޗުގައި ފެނަކައިގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މުޙައްމަދު ވަހީދު، މުޙައްމަދު އަރީޝް އަދި ހުސައިން ރިފާއު ސައީދެވެ.

މި ނަތީޖާތަކާއެކު ގްރޫޕް ބީގެ އެއްވަނައިގައި އެމްއޭސީއެލް އޮތީ ކުޅުނު ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ބީއެމްއެލް އާއި، ތިންވަނައިގައި އޮތް ކަސްޓަމްސްއަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ފެނަކައަށް ދެ މެޗުން އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ކްލަބް މޯލްޑިވްސް ކަޕުގައި އެސްޓީއޯ އާއި ޑީއެސްސީ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

މީގެ އިތުރުން މި މުބާރާތުގެ ގްރޫޕް ސީގައި މިރޭ އެސްޓީއޯއިން ވަނީ 3-0 ގެ ނަތީޖާއަކުން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) ބަލިކޮށްފައެވެ. މި މެޗުގައި އެސްޓީއޯގެ ލަނޑުތައް ޖަހައިދިނީ އަޙްމަދު ރާހިލް ރަޝީދު އަދި ސޮރޯޝްއެވެ. އަދި ޑީއެސްސީގެ މުޙައްމަދު އަލާއު އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފައެވެ.

މި ގްރޫޕުގެ އަނެއް މެޗުގައި އެމްޓީސީސީން ވަނީ ޓީމު އެފްއެސްއެމް އަތުން ފަސޭހަކަމާއެކު 7-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ. މި މެޗުގައި އެމްޓީސީސީގެ ލަނޑުތައް ޖަހައިދިނީ ހެޓްރިކް ހެދި މުޙައްމަދު އިސާމް، އަޔާޒް އަޙްމަދު، ސާމިން މުޙައްމަދު ނަސީރު އަދި އަލީ މާއިސްއެވެ. އަދި އެފްއެސްއެމްގެ މުޙައްމަދު މަސްއޫދު އަބްދުﷲ އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފައެވެ. މި މެޗުގައި އެފްއެސްއެމްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހައިދިނީ ހުޒައިފާ އިބްން ހުސައިނެވެ.

ކްލަބް މޯލްޑިވްސް ކަޕުގައި އެމްޓީސީސީ އާއި އެފްއެސްއެމް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

މި ނަތީޖާތަކާއެކު ގްރޫޕް ސީގެ އެއްވަނައިގައި އޮތް އެމްޓީސީސީ އާއި، ދެވަނައިގައި އޮތް އެސްޓީއޯއަށް ވަނީ ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައެވެ. އަދި ތިންވަނައިގައި އޮތް އެފްއެސްއެމްއަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ޑީއެސްސީއަށް ދެ މެޗުން އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މި މުބާރާތުގެ ހަތަރު މެޗެއް މާދަމާރެއަށްވެސް ވަނީ ތާވަލުކޮށްފައެވެ. މި މެޗުތަކަކީ މީގެ ކުރިން އާދީއްތަ ދުވަހުގެރެއަށް ތާވަލުކުރި މެޗުތަކެކެވެ. އެކަމަކު މޫސުން ގޯސްވުމާއެކު މެޗުތައް ވަނީ ފަސްކޮށްފައެވެ.

  • އެމްޕީއެލް - ކުލަބު ޓީޓީއެސް (20:15)
  • އާރްއާރްސީ - ކުލަބު ފެން (20:15)
  • ސްޓެލްކޯ އާރްސީ - ޕޮލިސް ކުލަބު (22:30)
  • ކުލަބު އެޗްޑީސީ - ކުލަބު އިމިގްރޭޝަން (22:30)
ކިޔުންތެރިންގެ ހިޔާލު