ENGLISH

29 ޖޫން 2026

Advertisement

ރަސްމާލެއިން އެއްވެސް ބަޔަކަށް ބިމެއް ދޭކަށް ނޫޅެން: ރައީސް

29 ޖޫން 2026

|

އައިމިނަތު ޝަފާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަނީ. ފޮޓޯ؛ ރައީސް އޮފީސް.

ރަސްމާލޭގެ އެއްވެސް ތަނެއް ޕާލް ރެސިޑެންސް ހެދުމަށް އެއްވެސް ބަޔަކަށް ދޭން ނޫޅުއްވާކަމަށް ވިދާޅުވެ އެކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ފަތުރަމުން އަންނަ ވާހަކަތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދޮގުކުރައްވައިފިއެވެ. 

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެމަނިކުފާނު ބައިވެރިވަޑައިގެންނެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއުކަމަށްވާ ރަސްމާލެއިން ޔޫއޭއީގެ ކުންފުންޏަކަށް "ޕާލް ރެސިޑެންސް" ޕްރޮގްރާމް ހިންގުމަށްޓަކައި ބިމެއް ދޭން އުޅޭ ކަމަށް ބުނެ ދައްކަނީ ދޮގުވާހަކަތަކެއްކަމަށެވެ. 

"ރަސްމާލޭގެ އެއްވެސް ސަރަހައްދެއް "ޕާލް ރެސިޑެންސް" ޕްރޮގްރާމް ހިންގުމަށްޓަކައި އަޅުގަނޑުމެން ނޫޅެން އެއްވެސް ބަޔަކަށް ދޭކަށް، އެއީ އެއްގޮަތަކަށް ވެސް ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ނޫން،ދެން ތިކަހަލަ އެކި ކަހަލަ ވާހަކަތައް އެބަ ދައްކާ، މިހާތަނަށް އަޑު އިވުނު ތިފަދަ ހުރިހާ ވާހަކަތަކެއްގެ ވެސް ހަގީގަތެއް ނެތް،". ރައީސް ވިދާޅުވިއެވެ. 

މީގެ އިތުރަށް ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އޮންނަ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ގެ ހިއްސާ، އެމެރިކާގެ އެންމެ ބޮޑު އިންވެސްޓްމަންޓް ބޭންކް ކަމަށްވާ ޖޭޕީމޯގަން ޗޭސް އެންޑް ކޯ (ޖޭޕީމޯގަން) އަށް ވިއްކާލަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތައްވެސް ރައީސް ދޮގުކުރެއްވިއެވެ. 

ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދަން ގާއިމްކުރި މި ބޭންކުގެ އެތެރޭގެ އިދާރީ މަސައްކަތްތައް ހަލުއި ދުވެލީގައި ކުރިއަށްދާކަމަށް ސަރުކާރުން ބުނެއެވެ. 

ބޯހިޔާވަހިކަމުގެ މައްސަލައަށް ޖުމްލަ ހައްލެއް ގެނެސްދިނުމަށް ކ. ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ "ރަސްމާލެ"  މަޝްރޫއަކީ ރައީސް މުއިއްޒުގެ ސަރުކާރުން ފެށި އެންމެ އުއްމީދީ ބޯހިޔާވަހިކަމުގެ މަޝްރޫއެވެ. ދެ ހާސް ތޭވީސް ވަނަ އަހަރުގެ ޑިސެމްބަރު މަހު އަމަލީ މަސައްކަތް ފެށި މި މަޝްރޫޢުގައި ޖުމްލަ 1،153 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމަށްޓަކައި، ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު އެއް ޑްރެޖަރު ކަމަށްވާ "ކްރިސްޓޯބަލް ކޮލޯން" ދަނީ ބޭނުންކުރަމުންނެވެ. މި ޑްރެޖަރަކީ އެއްފަހަރާ 46,000 ކިއުބިކް މީޓަރުގެ ވެލި ނެގުމުގެ ގާބިލްކަން ލިބިގެންވާ އުޅަނދެކެވެ.

ކިޔުންތެރިންގެ ހިޔާލު