ENGLISH
29 ޖޫން 2026
ސަރުކާރުގެ އައިނު ފިހާރައިން 22،000 އަށް ވުރެ ގިނަ އައިނު ހައްދައިދީފި
29 ޖޫން 2026
|
އައިޖީއެމްއެޗްގައި ހުންނަ އެމްސީޖީއެޗް އޮޕްޓިކަލްސް
އެންމެ މަޤްބޫލު
ސަރުކާރުގެ އައިނު ފިހާރަތަކުން މިހާތަނަށް 22،000 އަށް ވުރެ ގިނަ އައިނު ހައްދައިދީފައިވާކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ބުނެފިއެވެ.
ސަރުކާރުން ރަސްމީކޮށް އައިނުގެ ވިޔަފާރިއަށް ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. މިހާރު ސަރުކާރުން އަންނަނީ ރާއްޖޭގެ ހަތަރު ސަރަހައްދަކުން މި ހިދުމަތް ފޯރުކޮށްދެމުންނެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން "އެމްއެމްޓީވީ"އާ ހިއްސާކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން ސަރުކާރުގެ އައިނު ފިހާރަތަކުން އައިނަށް އެދި 25،028 މީހަކު ހުށަހަޅާފައިވާއިރު އޭގެ ތެރެއިން މިހާތަނަށް 22،618 އަށްވުރެ ގިނަ މީހުންނަށް އައިނު ދޫކޮށްފައިވެއެވެ.
ސަރުކާރުގެ އައިނު ފިހާރަތަކުގެ ތެރެއިން އެންމެ ގިނަ މީހުންނަށް ހިދުމަތްދިނީ އައިޖީއެމްއެޗްގައި ހުންނަ އެމްސީޖީއެޗް އޮޕްޓިކަލްސްއިންނެވެ. އެގޮތުން އެ ފިހާރައިން ހިދުމަތަށް އެދި 13،084 މީހަކު ހުށަހެޅި އިރު އޭގެ ތެރެއިން 12،140 އައިނު ހައްދައި ވަނީ ހަވާލުކޮށްފައެވެ. އައިޖީއެމްއެޗްގައި ހުންނަ އެމްސީޖީއެޗް އޮޕްޓިކަލްސް ހުޅުވީ ނިމިދިޔަ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހުއެވެ.
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި އައިނު ފިހާރައެެއް ހުޅުވައި ހިދުމަތްދޭން ފެށީ މިއަހަރުގެ ފެބުރުއަރީމަހުގެ ހަތް ވަނަ ދުވަހުއެވެ. ހިސާބުތަކަށް ބަލާއިރު މި މުއްދަތުގައި އެ ފިހާރައިން ހިދުމަތަށް އެދި ހުށަހެޅި 1،810 މީހުންގެ ތެރެއިން 1،395 މީހަކަށް އައިނު ހައްދައިދީ ހަވާލުކޮށްފައިވެއެވެ.
ރާއްޖޭގެ އުތުރުގައި ގާއިމުކުރި އައިނު ފިހާރަ ކުޅުދުއްފުށި ސިޓީގައި ގާއިމުކޮށް ހިދުމަތްދޭން ފެށީ މިއަހަރުގެ ފެބުރުއަރީމަހުގެ 19 ވަނަ ދުވަހުއެވެ. މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ހިސާބުތަކަށް ބަލާއިރު އެ ފިހާރައިން ހިދުމަތަށް އެދި 1،484 މީހަކު ހުށަހެޅި އިރު އޭގެ ތެރެއިން 1،133 އައިނު ހައްދައިދީ ހަވާލުކޮށްފައިވެއެވެ.
މީގެއިތުރުން އައިނު ހެއްދުމަށް ރައްޔިތުން ކުރާ ބޮޑު ހޭދައަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ހުޅުމާލޭ ހޮސްޕިޓަލުގައި ގާއިމުކުރި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އައިނު ފިހާރަ ހުޅުވައި 2025 ވަނަ އަހަރުގެ އޯގަސްޓުމަހުގެ 27 ވަނަ ދުވަހު ހިދުމަތްދޭންފެށިފަހުން މިހާތަނަށް އެ ފިހާރައިން އައިނު ހެއްދުމުގެ ހިދުމަތަށް އެދި 8،650 މީހަކު ހުށަހެޅިއެވެ. އޭގެ ތެރެއިން 7،950 މީހަކަށް ވަނީ ހިދުމަތްދީ ނިންމާފައެވެ.
ހެލްތު އިންޝުއަރެންސްގެ ތެރެއިން ރައްޔިތުންނަށް އައިނު ހެއްދުމަށް މީގެ ކުރިން ދެމުން ދިޔައީ ކޮންމެ ދެއަހަރުން އެއް އަހަރު 1،000 ރުފިޔާގެ އެހީތެރި ކަމެކެވެ. އެހެންނަމަވެސް މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން އައިނު ހައްދަން ދޭ އެހީ 2،000 ރުފިޔާއަށް ސަރުކާރުން ބޮޑުކުރިއެވެ. މީގެ އިތުރުން އާސަންދަ ސްކީމުގެ ދަށުން ހިދުމަތް ފޯރުކޮށްދެމުންދާ ބައެއް ތަންތަނުން ހައްދާ ނަންބަރު އައިނުތަކަށް އާސަންދައިގެ ހިދުމަތް ލިބޭނެގޮތް އާސަންދައިން ވަނީ ހަދާފައެވެ.