ENGLISH
29 ޖޫން 2026
ކަސްޓަމުން ނިމުނު ދެ އަހަރާއި ބައިން އަތުލައިގަތް މަސްތުވާތަކެތި %31.1 އިތުރު
29 ޖޫން 2026
|
ކަސްޓަމުގެ އޮޕަރޭޝަނެއްގައި އަތުލައިގަތް މަސްތުވާތަކެތި
އެންމެ މަޤްބޫލު
ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭ މޯލްޑިވްސް ކަސްޓަމް ސާވިސްއިން އަތުލައިގަތް މަސްތުވާތަކެތީގެ އަދަދު އޭގެ ކުރީ ތިން އަހަރާ އަޅާބަލާއިރު 31.1 އިންސައްތަ އިތުރުވެފައިވާކަން އެ އިދާރާގެ ތަފާސްހިސާބތަކުން ދައްކައިފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން މީސްމީޑިޔާ މަންސަތަކުގައި އާއްމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު 2021 ވަަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ހޭދަވި ތިން އަހަރު ތެރޭ ކަސްޓަމުން ބަލާފައިވަނީ މަސްތުވާތަކެއްޗާ ގުޅުންހުރި 116 މައްސަލައެކެވެ.
އެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި 2024 ވަނަ އަހަރުން ފެށިގެން ހިނގަމުންދާ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކަސްޓަމުންވަނީ މަސްތުވާތަކެތީގެ 147 މައްސަލަައެއް ބަލާފައެވެ. އެހެންކަމުން އޭގެ ކުރީ ތިން އަހަރަށްވުރެ އެ އިދާރާއިން ބެލި މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކުގެ އަދަދު 27 އިންސައްތަ އިތުރުވެފައިވެއެވެ.
މަސްތުުވާތަކެތި އަތުލައިގަނެވުނު މިންވަރަށް ބަލާއިރު 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ 247 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފައިވެއެވެ. 2024 ވަނަ އަހަރުން ފެށިގެން 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އަތުލައިގަނެވިފައިވަނީ 324 ކިލޯގެ މަސްތުވާތަކެއްޗެވެ. އެހެންކަމުން އެ މުއްދަތުގައި އަތުލައިގަތް މަސްތުވާތަކެތީގެ އަދަދު 31.1 އިންސައްތަ އިތުރުވެފައިވެއެވެ.
ކަސްޓަމުން ބުނެފައިވަނީ 2019 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ފާއިތުވި ފަސް އަހަރުގެ ތެރޭގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗަށްވުރެ، 2024 ވަނަ އަހަރުން ފެށިގެން 2026ގެ ޖޫން މަހާ ދެމެދުގައި ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭ އަތުލައިގަނެވުނު މަސްތުވާތަކެތީގެ އަދަދު އިތުރު ކަމަށެވެ.
ސަރުކާރުން އަންނަނީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މިންވަރު މަދުކުރުމަށް ބޯޑަރު ބެލެހެއްޓުން ހަރުދަނާކޮށް މަސްތުވާތަކެތި މަގު މައްޗަށް ނުކުތުމުގެ ކުރިން އަތުލައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.