ENGLISH
30 ޖޫން 2026
ފުރަތަމަ ޖީޕީ ކްލިނިކު ކާމިޔާބު؛ ހަތް މަސް ތެރޭ 11،300 މީހުން ޚިދުމަތް ހޯދައިފި
29 ޖޫން 2026
|
އާބަލް ހެލްތު ކެއާ ސެންޓަރު، ފޮޓޯ: ސަން
އެންމެ މަޤްބޫލު
މާލޭ ސަރަހައްދުގެ ސިއްހީ ޚިދުމަތް ފުޅާކުރުމާއެކު ހޮސްޕިޓަލުތަކަށް އޮތް ޕްރެޝަރު ކުޑަކުރުމަށް ފެށި ޖީޕީ ކްލިނިކުކަމަށްވާ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުން ހަތް މަސްދުވަހުގެ ތެރޭގައި 11،300 މީހުން ޚިދުމަތް ހޯދާފައިވާކަން މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ހާމަކޮށްފިއެވެ.
އެމްއެމްޓީވީން އެދިގެން އެ ކުންފުނިން ހިއްސާކުރި ތަފާސްހިސާބުތަކަށް ބަލާއިރު 2025 ވަނަ އަހަރުގެ ނޮވެންބަރު 25 ވަނަ ދުވަހު ހުޅުވި ސެންޓަރުން އެ މަހުގެ 22 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 257 މީހަކު ޚިދުމަތް ހޯދިއެވެ. އަދި ޖެހިގެންއައި ޑިސެންބަރު މަހު 1،423 މީހަކު އެތަނުން ޚިދުމަތް ހޯދާފައިވެއެވެ.
ޖަނަވަރީ މަހުން ފެށިގެން އެ މަރުކަޒުގައި ޗައިލްޑް ހެލްތު ޔުނިޓު ގާއިމުކޮށް ޚިދުމަތް ދޭން ފެށިއެވެ. ކުރިން ދެމުންއައި އާއްމު ބަލިތަކާ ބެހޭ ޑޮކްޓަރުންގެ ހިދުމަތުގެ އިތުރަށް ކުޑަކުދިންގެ ދުޅަހެޔޮކަމާ ގުޅުންހުރި ޚިދުމަތްތައް ތައާރަފުކުރުމާއެކު ޚިދުމަތް ހޯދަމުންއައި މީހުންގެ އަދަދުވަނީ އިތުރުވެފައެވެ.
އެގޮތުން ޖަނަވަރީ މަހު 1،755 މީހުން ޚިދުމަތް ހޯދިއިރު، ފެބްރުއަރީ މަހުގައި 1،919 މީހުނ އަދި މާޗު މަހުގައި 1،701 މީހުން އަދި އޭޕްރީލު މަހުގައި 1،758 މީހުން އަދި މޭ މަހުގައި 2،487 މީހުން ޚިދުމަތް ހޯދިއެވެ.
ޖަނަވަރީ މަހު ޗައިލްޑް ހެލްތު ޔުނިޓުން 253 ކުއްޖަކަށް ޚިދުމަތްދިންއިރު، ފެބްރުއަރީ މަހުގައި 206 ކުއްޖަކަށް އަދި ޖެހިގެންއައި މާރިޗު މަހުގައި 290 ކުދިންނަށް އެއަށްފަހު އޭޕްރީލު މަހުގައި 233 ކުދިންނަށް އަދި މޭ މަހުގައި 306 ކުދިންނަށް އެ މަރުކަޒުން ޚިދުމަތް ދީފައިވެއެވެ. އެހެންކަމުން ފަސް މަސް ތެރޭގައި އެ މަރުކަޒުން 1،288 ކުއްޖަކަށް ޚިދުމަތް ފޯރުކޮށްދީފައިވެއެވެ.
އާއްމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކި މީހުންގެ އަދަދަށް ބަލާއިރު ނޮވެންބަރު މަހުން ފެށިގެން މޭ މަހުގެ ނިޔަލަށް 10،012 މީހަކުވަނީ އާއްމު ބަލިތަކުގެ ޑޮކްޓަރުންނަށް ދައްކައި ޖީޕީ ޚިދުމަތް ހޯދާފައެވެ.
ޖީޕީ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން މާލެއާއި ހުޅުމާލޭގައި އިތުރު ޖީޕީ ކްލިނިކުތައް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. ޖީޕީ ކްލިނިކުތައް ގާއިމުކުރުމަކީ އަސާސީ ސިއްހީ ޚިދުމަތް ފުޅާކުރުމާއެކު، ހޮސްޕިޓާތަކަށް އޮންނަ ބުރަ ކުޑަކުރުމެވެ.