ENGLISH
30 ޖޫން 2026
ޕޭޕަލް ހިދުމަތާ 3،280 ސްޓާޓްއަޕަކުން ލިންކުކޮށްފި: ސަޢީދު
30 ޖޫން 2026
|
އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
އޫރީދޫ މެދުވެރިކޮށް ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ތައާރަފުކުރިފަހުން މަދުވެގެން 3،280 ސްޓާޓްއަޕުން އެ ޚިދުމަތާ ލިންކުކޮށްފައިވާކަމަށް އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޭޕަލް ޚިދުމަތާ ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ސަޢީދު ވިދާޅުވީ އެ ޚިދުމަތް ރާއްޖެއަށް ތައާރަފުކުރެވުނީ ސަރުކާރުން ކުރި މަސައްކަތްތަކުގެ ސަބަބުންކަމަށާއި، ޕޭޕަލްއިން ރާއްޖޭގައި ޚިދުމަތް ދިނުމަށް ބައިވެރިއެއްގެ ގޮތުގައި އޫރީދޫ އިޚުތިޔާރުކުރުމަށްފަހު، ޚިދުމަތް ދިނުމުގެ ހުރިހާ މަސައްކަތްތައް ކުރިއަށްދިޔައީ ސަރުކާރާއި ޕޭޕަލް އަދި އޫރީދޫ ގުޅިގެން ކަމަށެވެ.
އަދި ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތައާރަފުކުރެވި ޚިދުމަތް ދޭން ފަށާފައިވީ ނަމަވެސް އެ ޚިދުމަތް ރާއްޖެއަށް ނުލިބޭކަމަށް ދައްކަން މަސައްކަތްކުރަނީ ސިޔާސީ ގޮތުން ސަރުކާރާ ވިސްނުން ތަފާތު ބައެއް ފަރާތްތަކުން ސިޔާސީ މަގުސަދެއްގައިކަމަށް ވަޒީރު ވިދާޅުވިއެވެ.
"ތަންކޮޅެއް ހިޔާލު ތަފާތު ސިޔާސީ ފަރާތްތަކުން، ޕޭޕަލް ރާއްޖެއަށް އައިމަ 'އުނހޫ ޕޭޕަލް ނުގެނެވޭ' އެހެން ވިދާޅުވަން އުޅޭހެން އަޅުގަނޑަށް ހީވަނީ. އެކަމަކު ޕޭޕަލް ރާއްޖޭގައި މިހާރު ހުރީ،" ސައީދު ވިދާޅުވިއެވެ.
ކުޑަ ގައުމަކަށްވާތީ ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ތައާރަފުކުރެވިދާނެކަމާމެދު ގިނަ ބަޔަކު ޝައްކު އުފެއްދި ނަމަވެސް މިހާރު އެ ޚިދުމަތް ތައާރަފުކުރެވިފައިވާކަން ފާހަަގަކުރައްވައި ސައީދު ވިދާޅުވީ ޚިދުމަތް ތައާރަފުކުރެވުމަކީ ފެށުމެއްކަމަށާއި، ކުރިއަށް އޮތް ތަނުގައި ޕޭޕަލްއިން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރުކުރެވި ފުޅާކުރެވިގެންދާނެ ކަމަށެވެ.
ޕޭޕަލް ޚިދުމަތް ތައާރަފުކުރިފަހުން ފާއިތުވި މުއްދަތުގައި 3،280 ސްޓާޓްއަޕުން ޕޭޕަލްއާ ލިންކުކޮށްފައިވާއިރު އަލަށް 2،159 ވޮލެޓު އެކްޓިވޭޓުކޮށް ބޭނުންކުރަން ފަށާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ޕޭޕަލްގެ މަންސައިން ފޯރުކޮށްދޭ ބައެއް ޚިދުމަތްތަކާއި އިޚުތިޔާރުތައް ކުރިއަށް އޮތް ތަނުގައި ވަގުތާއެކު ތައާރަފުކުރަމުންދާނެ ކަމަށާއި، މި ޚިދުމަތްތައް ލިބެން ފެށުމަކީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ސްޓާޓްއަޕްތަކަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށްވެސް ސައީދު ވިދާޅުވިއެވެ.