ENGLISH

29 ޖޫން 2026

Advertisement

އާއްމުންނަށް ޑޮލަރު ހޯދައިދިނުމަށް ރިސޯޓު ތަރައްގީކުރާނެ ރަށްްތައް ކަނޑައެޅުމުގެ މަސައްކަތްް ފަށައިފި

29 ޖޫން 2026

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މި އަހަރުގެ ރިޔާސީ ބަޔާނުގައި އިއުލާނުކުރެއްވި ގޮތަށް ޓޫރިޒަމުން ލިބޭ ބޭރު ފައިސާގެ އާމްދަނީން ބައެއް ކޮންމެ ދިވެހި ރައްޔިތަކަށް ސީދާ ލިބޭނެ ގޮތް ހެދުމަށް ސަރުކާރުން ތަރައްގީކުރާ ރިސޯޓުތައް އެޅުމަށް އެންމެ އެކަށީގެންވާ ރަށްތަކާއި ފަޅުތައް ދެނެގަތުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާކަން ރައީސް ހާމަކުރައްވައިފިއެވެ. 

މިއަދު ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވައުދުވެވަޑައިގަތް ގޮތަށް ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްގޮސްފައިވާ ހިސާބާ ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އެ މަޝްރޫއަކީ ވަރަށް އިސްކަންދީގެން ސަރުކާރުން ކުރިއަށްދާ މަޝްރޫއެއް ކަމަށެވެ. 

މިއީ 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް އިއުލާނުކުރެއްވި މަޝްރޫއެކެވެ. އެ މަޝްރޫއުގެ ބޭނުމަކީ ފަތުރުވެެރިކަމަށް ބޭނުންކުރާ އެސެޓުތައް ކަމުގައިވާ ދިވެހިރާއްޖޭގެ ރަށްރަށުގެ ހަގީގީ ވެރިންކަމަށްވާ ދިވެހިންނަށް އެ އެސެޓުތަކުން އުފައްދާ އާމްދަނީ ސީދާ މަންފާއެއް ލިބޭނެ ނިޒާމެއް ގާއިމުކުރެއްވުމެވެ. 

"ސަރުކާރުން މިހާރު ނިންމައިފައި ވަނީ، ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް، ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި، މަދުވެގެން 10 ރިޒޯޓު ތަރައްޤީކޮށް، އެ ރިޒޯޓުތަކުން ލިބޭ ފައިދާގެ ބޮޑުބައެއް، ހަމަ އެއްވެސް ރައްޔިތަކު ބާކީނުކޮށް، ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް، ހަމަހަމަކަމާއެކު، އަހަރަކު އެއްފަހަރު، ބޭރު ފައިސާއިން ޖަމާކޮށްދޭން.،" އެ މަޝްރޫއު އިއުލާނުކުރައްވަމުން ރައީސް ވިދާޅުވިއެވެ. 

އެމަނިކުފާނު ވިދާޅުވި ގޮތުގައި މިހާރު ކުރިއަށްދަނީ އެ މަޝްރޫއުގެ ދަށުން ތަރައްގީކުރަން އެންމެ އެކަށީގެންވާ ރަށްތަކާއި ފަޅުތައް ކަނޑައެޅުމުގެ މަރުހަލާއެވެ. މި މަރުހަލާގެ މަސައްކަތް ކުރައްވަަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ހާއްސަ ކޮމިޓީއަކުންކަން ރައީސް ފާހަގަކުރެއްވިއެވެ. 

"މިހާރު ފިނޭންސް މިނިސްޓްރީއާއި އެހެނިހެން ބައެއް މިނިސްޓްރީތައް ހިމެނޭ ގޮތަށް އަޅުގަނޑުމެން އެކުލަވައިލި ކޮމިޓީން ތިޔަ މަސައްކަތް ކުރިއަށް އެބަގެންދޭ. މިހާރު ބައެއް ރަށްތައް އައިޑެންޓިފައިކުރުމުގެ މަސައްކަތް ގާތްގަނޑަކަށް ނިމުމަކާ ހަމައަށް އެދަނީ. ރަށްތަކާއި ފަޅުތައް އައިޑެންޓިފައިކުރަނީ މިކަމަށް އެންމެ ފީޒިބަލް ތަންތަން ބަލައިގެން،" ރައީސް ވިދާޅުވިއެވެ. 

މި މަސައްކަތް ނިމުމަށްފަހު ކުރިއަށް އޮތް މަރުހަލާއަކީ އެ ރަށްރަށާއި ފަޅުތަކުގައި ރިސޯޓު ތަރައްގީކުރުމުގެ ފީސިބިލިޓީ ހެދުންކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ ފީސިބިލިޓީ ނިމުމާއެކު، އެ މަސައްކަތް ސަރުކާރުގެ ކުންފުންޏަކާ ހަވާލުކުރެވިގެން ދެން ހުރި  މަރުހަލާތަކުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ‌. 

ރައީސް ވިދާޅުވި ގޮތުގައި މި މަސައްކަތް ކުރިންވެސް ރޭވިފައި އޮތް ގޮތަށް "އޮން ޓްރެކް" ކުރިއަށް އެބަދެއެވެ. 

ކިޔުންތެރިންގެ ހިޔާލު