ENGLISH
29 ޖޫން 2026
ޑްރަގު މައްސަލަތަކުގެ ތަފާސްހިސާބުން؛ އޮއިވަރު ބަދަލުވަމުންދާ ގޮތާއި، ޕްރޮސެކިއުޓްކުރުމުގައި ލިބުނު ކާމިޔާބީ
29 ޖޫން 2026
|
އެންމެ މަޤްބޫލު
މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖެއަށް ކުރިމަތިވެފައި އޮތް އެންމެ ދުވަސްވީ އިޖުތިމާއީ މައްސަލައަށްވާއިރު، އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުތަކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެ މައްސަލައާ ގުޅޭ މުހިއްމު ތަފާސްހިސާބުތައް އަބަދުވެސް ބަލަހައްޓަމުންދެއެވެ. އެ ތަފާސްހިސާބުތަކުން މަސްތުވާތަކެތި ބޭނުންކުރާ މިންވަރާއި ބޭނުންކުރާ ބާވަތްތަކަށް އަންނަ ބަދަލުތައް ދެނެގަތުމަށް މަގުފަހިކޮށްދެއެވެ. އޭގެ އިތުރަށް މަސްތުވާތަކެއްޗާ ގުޅުންހުރި ތަފާތު މައްސަލަތަކުގައި ހައްޔަރުކުރާ މީހުންނާއި ދައުވާކުރާ މީހުންގެ އަދަދާއި، އެ ދައުވާތަކުގެ ތެރެއިން ސާބިތުވާ މައްސަލަތަކާއި ސާބިތުނުވާ މައްސަލަތަކުގެ އަދަދުތަކުން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތުގެ ކާމިޔާބު ވަޒަންކުރެވެއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު ފުލުހުންގެ ހިދުމަތުން އަތުލައިގަތް މަސްތުވާތަކެތީގެ ބާވަތަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވެއެވެ. އެ ބަދަލުތަކުން އެނގެނީ އާއްމުކޮށް ބޭނުންކުރާ މަސްތުވާތަކެތީގެ ބާވަތްތަކަށްވެސް ބަދަލުތަކެއް އަންްނަމުންދާ ކަމެވެ.
އެމްއެމްޓީވީން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ދިވެހި ފުލުހުންގެ ހިދުމަތުގައި އެދިގެން ހޯދާފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2018 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ފުލުހުން އެންމެ ގިނައިން އަތުލައިގަތީ ހެރޮއިނެވެ. އެ މުއްދސަތުގައި 1،037،658 ގުރާމުގެ ހެރޮއިން ފުލުހުން އަތުލައިގަނެފައިވެއެވެ.
ދެން އެންމެ ގިަނއިން އަތުލައިގަނެފައިވަނީ ކެނަބިސްއެވެ. އެ މުއްދަތުގައި 282،196 ގުރާމުގެ ކެނަބިސް ފުލުހުން އަތުލައިގަތެވެ. އެ މުއްދަތުގައި އެހެނިހެން މަސްތުވާތަކެތި ނުވަތަ ސިންތެޓިކް ޑްރަގާއި، ކްލެސިފައިކޮށްފައިނުވާ ބާވަތްތަކުގެ މަސްތުވާތަކެތީގެ 104،879 ގުރާމު ފުލުހުން އަތުލައިގަނެފައިވެއެވެ.
2024 ވަނަ އަހަރާއި 2025 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު ކެނަބިސްގެ ގޮތުގައި އަތުލައިގަނެވިފައިވަނީ 79،198 ގްރާމެވެ. ހެރޮއިންގެ އަތުލައިގަނެވިފައިވަނީ 94،034 ގުރާމެވެ.
އެހެންކަމުން ކެނަބިސް އަދި ހެރޮއިން އަތުލައިގަނެވުނު މިންވަރު އޭގެ ކުރީ މުއްދަތަށްވުރެ މަދުވެފައިވެއެވެ. އެ ދެބާވަތުގެ މަސްތުވާތަކެތި އަތުލައިގަނެވުނު މިންވަރު މަދުވިއިރު، އެ ދެ އަހަރު އަތުލައިގަތް އެހެނިހެން ބާވަތްތަކުގެ މަސްތުވާތަކެތި ނުވަތަ އަތުލައިގަނެވުނު ސިންތެޓިކް ޑްރަގާއި އަންކްލެސިފައިޑް ޑްރަގުގެ މިންވަރުވަނީ 151.4 އިންސައްތަ އިތުރުވެފައެވެ. މި ދެ އަހަރު ތެރޭ 298،485 ގްރާމުގެ އެހެނިހެން މަސްތުވާތަކެތި އަތުލައިގަނެފައިވެއެވެ.
މި ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެއަށް އެތެރެކުރާ ސިންތެޓިކް ޑްރަގާއި އަންކްލެސިފައިޑް މަސްތުވާތަކެތީގެ އަދަދު އިތުރުވެފައިވާކަމަށް ބެލެވިދާނެއެވެ. މިބާވަތްތަކުގެ ތެރޭގައި މެތްއެމްފަޓަމީންއާއި ފެންޓަނީލް ފަދަ ނުރައްކާތެރި ބާވަތްތަކާއި ޕާޓީ ޑްރަގްސްގެ ގޮތުގައި މަޝްހޫރު ސިންތެޓިކް ޑްރަގުތައް ހިމެނެއެވެ.
އެމްއެމްޓީވީން ހޯދާފައިވާ ތަފާސްހިސާބުތަކުން އިތުރަށް ފާހަގަކުރެވުނީ ފާއިތުވި ދެ އަހަރު މަސްތުވާތަކެތީގެ މައްސަލަތަކުގައި ޕްރޮސެކިއުޓުކުރުމުގައި ބޮޑު ކާމިޔާބެއް ހޯދިފައިވާ ކަމެވެ.
ކޮވިޑް-19ގެ އާލަމީ ވާބައަށްފަހު މަސްތުވާތަކެތީގެ މައްސަލަތަކުގައި ފުލުހުން ހައްޔަރުކުރި މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވިކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ. 2019 ވަނަ އަހަރު 2،958 މީހަކު މަސްތުވާކަތީގެ މައްސަލަތަކުގައި ހައްޔަރުކުރި ނަމަވެސް 2021 ގައި ހައްޔަރުކުރީ 1،904 މީހުންނެވެ. 2022 ގައި ހައްޔަރުކުރީ 1،714 މީހުންނެވެ. އަދި 2023 ގައި ހައްޔަރުކުރީ 2093 މީހުންނެވެ.
ނަމަވެސް 2024 ވަނަ އަހަރު އެ އަދަދު 2،154 އަށް އިތުރުވިއެވެ. އަދި 2025ގައި 2،578 މީހަކު މަސްތުވާތަކެތީގެ މައްސަލަތަކުގައި ފުލުހުން ހައްޔަރުކޮށްފައިވެއެވެ.
2021 އާއި 2022 ގައި ދައުވާކުރުމަށް ފުލުހުންގެ ހިދުމަތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި އަދަދުތަކަށް ބަލާއިރު 2021 ގައި ދައުވާކުރަން ފޮނުވީ 690 މީހެއްގެ މައްސަލައެވެ. 2022 ގައި ފޮނުވީ 660 މީހެއްގެ މައްސަލައެވެ. ނަމަވެސް 2024 ގައި އެ އަދަދު 812 އަށް 2025 ގައި 1،003 އަށް އިތުރުވިއެވެ.
ދައުވާކުރަން އެދި ފޮނުވި މީހުންގެ އަދަދު ފާއިތުވި ދެ އަހަރު އިތުރުވިއިރު ކުށް ސާބިތުވި ނިސްބަތްވެސް މަތިވެފައިވެއެވެ. އެގޮތުން 2024 ގައި 664 މީހެއްގެ މައްޗަށް ކުށް ސާބިތުވިއެވެ. 2025 ގައި 615 މީހެއްގެ މައްޗަށް ކުށް ސާބިތުވިއެވެ. 2020 ގައި ކުށް ސާބިތުވީ 310 މީހުންގެ މައްޗަށެވެ. 2021 ގައި 408 މީހުން އަދި 2022 ގައި 467 މީހުންގެ މައްޗަށް ކުށް ސާބިތުވިއެވެ.
ދައުވާކުރަން ފޮނުވި މީހުންގެ ނިސްބަތުން ކުށް ސާބިތުވި މިންވަރަށް ބަލާއިރު 2024 އާއި 2025 ގައި ކުށްް ސާބިތުވި ރޭޓުހުރީ އެވެރެޖުކޮށް 70 އިންސައްތައިގައެވެ. 2018 އިން 2023 ގެ ނިޔަލަށް މަސްތުވާތަކެތީގެ މައްސަލަތަކުގައި ކުށް ސާބިތުވި ރޭޓުހުރީ އެވެރެޖުކޮށް 39 އިންސައްތައިގައެވެ.
ފުލުހުންގެ މި ތަފާސްހިސާބުތަކުން ރާއްޖެއަށް އެތެރެކޮށް ވިއްކާ މަސްތުވާތަކެތީގެ ބާވަތްތަކަށް ބަދަލުތަކެއް އަންނަމުންދާކަން އެނގެއެވެ. އެއާއެކު މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކުގައި ދައުވާ އުފުލުމާއި ދައުވާ ސާބިތުކުރުމުގެ މަރުހަލާ ކުރިއަށްވުރެ ހަރުދަނާކުރެވި ރަނގަޅު ނަތީޖާތަކެއް ނެރެވެމުންދާކަން މި ތަފާސްހިސާބުތަކުން ސާބިތުވެއެވެ.