ENGLISH

29 ޖޫން 2026

Advertisement

ބްރެޒިލާ ދެކޮޅަށް ކުޅޭ މެޗު ޕެނަލްޓީއަށް ހިނގައްޖެނަމަ، އެ ޖަހާނެ ކުޅުންތެރިން ކަނޑައަޅާނީ އަހަރެން: މޮރިޔާސޫ

29 ޖޫން 2026

|

މުޙައްމަދު އަދުހަމް

ޖަޕާނުގެ ކޯޗު، މޮރިޔާސޫ. ފޮޓޯ: ރޮއިޓާސް

ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 32 ޓީމުގެ ބުރުގައި މިރޭ ބްރެޒިލާ ދެކޮޅަށް ކުޅެން އޮތް މެޗު އެއްވަރުވެގެން ޕެނަލްޓީޝޫޓްއައުޓަކަށް ހިނގައްޖެނަމަ، ޕެނަލްޓީ ޖަހާނެ ކުޅުންތެރިން ކަނޑައަޅާނީ އޭނާ އަމިއްލަ އަކަށް ކަމަށް ޖަޕާންގެ ކޯޗު ހަޖީމޭ މޮރިޔާސޫ ބުނެފި އެވެ.

ޖަޕާނުގެ ކޯޗު، މޮރިޔާސޫ މިހެން ބުނީ މެޗުގެ ކުރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ.

މޮރިޔާސޫގެ ވާހަކަތައް ޕެނަލްޓީޝޫޓްއައުޓާ ގުޅުވައި އަލިއަޅުވާލާފައިވަނީ، އެންމެ ފަހުން ކުޅެވުނު 2022 ވަނަ އަހަރު ވޯލްޑް ކަޕްގެ ގަދަ 16 ޓީމުގެ ބުރުގައި ކްރޮއޭޝިއާ އަތުން ޖަޕާން ބަލިވީ ޕެނަލްޓީ ޝޫޓްއައުޓްގައި ތިން ކުޅުންތެރިއަކަށް ޕެނަލްޓީ ކާމިޔާބު ނުކުރެވުމުންނެވެ.

އެމެރިކާގެ ހިއުސްޓަން ސްޓޭޑިއަމްގައި މިރޭ ބްރެޒިލާ ދެކޮޅަށް ޖަޕާން ކުޅޭ މެޗު އެއްވަރުވެގެން ޕެނަލްޓީއަށް ގޮސްފިނަމަ، ކުޅުންތެރިންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތު އޭނާ އަމިއްލަ އަށް އުފުލާނެ ކަމަށް މޮރިޔާސޫ ވައުދުވި އެވެ.

މުބާރާތުގައި ޖަޕާނާ ސްވިޑެން ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: އޭޕީ

"މިފަހަރު ޕެނަލްޓީ ޖަހަންޖެހޭ ހާލަތެއް އަތުވެއްޖެނަމަ، މިދިޔަ ފަހަރާ ހިލާފަށް ކުޅުންތެރިން އަމިއްލައަށް އިސްނެގުމުގެ ބަދަލުގައި، ޕެނަލްޓީ ޖަހާނެ ތަރުތީބު ކަނޑައަޅަނީ އަހަރެން،" މޮރިޔާސޫ ބުންޏެވެ.

ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ޖަރުމަނާއި، ސްޕެއިން އަދި އިންގްލެންޑް ފަދަ ވަރުގަދަ ޓީމުތަކުގެ މައްޗަށް ހޯދި ކާމިޔާބީތަކުގެ ސަބަބުން، ޖަޕާނުން ތިބީ މިފަހަރުގެ މުބާރާތުގައި ފުރަތަމަ ފަހަރަށް ފައިނަލާ ދަތުރުކުރުމުގެ އުއްމީދުގަ އެވެ.

މީގެއިތުރުން، މިދިޔަ އޮކްޓޯބަރު މަހު ޓޯކިޔޯގައި ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ޖަޕާނުން 3-2 ގެ ނަތީޖާއަކުން ބްރެޒިލް ބަލިކޮށްފައިވުމާއެކު މޮރިޔާސޫ ބުނި ގޮތުގައި އެ ނަތީޖާގެ ސަބަބުން މި މެޗަށް ބްރެޒިލުން ނުކުންނާނީ އިތުރު ފޯރިއަކާއެކުގައެވެ.

އަދި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ލިބުނު އަނިޔާއެއްގެ ސަބަބުން ޖަޕާނުގެ އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާ ކަމަށްވާ، ޓަކެފޫސާ ކޫބޯ އަށް މި މެޗުގައި ވެސް ނުކުޅޭނެކަން މޮރިޔާސޫ ވަނީ ކަށަވަރުކޮށްދީފަ އެވެ.

މެޗުގެ ކުރީން ބޭއްވި ފަރިތަކުރުންތަކުގައި ޖަޕާންގެ ކުޅުންތެރިން ބައިވެރިވަނީ. ފޮޓޯ: އޭޕީ

"ޓީމުގެ ފަރިތަކުރުންތަކުގައި ކޫބޯ ބައިވެރިނުވޭ. މިވަގުތު އޭނާ ފަރިތަކުރުންތައް ކުރިއަށްގެންދަނީ އެހެން ކުޅުންތެރިންނާ ވަކިން. އެހެންވެ، ބްރެޒިލް މެޗުގައި އޭނާ ނުފެންނާނެ. އަހަރެމެންވެސް، އޭނާވެސް ބޭނުންވަނީ ވީހާވެސް އަވަހަކަށް އަނިޔާއިން ރަނގަޅުވެ، ކުޅުމަށް އެނބުރި އަންނަން." މޮރިޔާސޫ ބުންޏެވެ.

ކެނަޑާ، އެމެރިކާ އަދި މެކްސިކޯގައި ކުރިއަށްދާ މި މުބާރާތުގައި އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރަން ޖެހުމުގެ ސަބަބުން ކުޅުންތެރިންނަށް ވަރަށް ބޮޑު ތަކުލީފެއް އުފުލަން ޖެހިފައިވާ ކަން ފާހަގަކޮށް މޮރިޔާސޫ ބުނީ، ބްރެޒިލަށްވުރެ އެއް ދުވަސް މަދުން އަރާމުކުރަން ލިބުމަކީ ވެސް ކުރިމަތިވި ގޮންޖެހުމެއް ކަމަށެވެ.

މޮރިޔާސޫގެ ވާހަކަ ނިންމާލަމުން ބުނީ، ޖަޕާން ޓީމުން މެޗަށް ނިކުންނަނީ މެޗުން މޮޅުވެވޭނެ ކަމުގެ ފުރިހަމަ އިތުބާރާއެކު އެކަން ޤަބޫލުކޮށްގެން ކަމަށެވެ. އަދި، ބައެއް ފަރާތްތަކުން ޖަޕާނަކީ 'ޑާކް ހޯސް' އެއްގެ ގޮތުގައި ސިފަކުރާތީ، އެކަން ވެސް ހަނދާނުގައި ބަހައްޓާނެ ކަމަށް އޭނާ ބުންޏެވެ.

މުބާރާތުގެ ގަދަ 32 ޓީމުގެ ބުރުގައި ޖަޕާނާ ބްރެޒިލް ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެގަޑިން މިރޭ 10 ޖަހާއިރު އެވެ.

ކިޔުންތެރިންގެ ހިޔާލު