ENGLISH

29 ޖޫން 2026

Advertisement

އީސީގެ ރައީސަކަށް ޝަކީލް އައްޔަން ކުރަނީ

29 ޖޫން 2026

|

އައިމިނަތު ޝަފާ

މުހައްމަދު ޝަކީލް

އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމަށް އެ ކޮމިޝަނުގެ މެމްބަރު މުހައްމަދު ޝަކީލް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުގެ މަގާމަށް މުހައްމަދު ޝަކީލް އައްޔަން ކުރެއްވީ މި މަހުގެ 24ވަނަ ދުވަހުއެވެ.

ގާނޫނުގައިވާގޮތުން ކޮމިޝަނުގެ ރައީސްގެ މަގާމަށް އިތުރު ބޭފުޅަކު އައްޔަން ކުރެވޭނީ ކޮމިޝަނަށް ކަނޑައަޅާފައިވާ އަދަދަށް މެންބަރުން އައްޔަން ކުރެއްވުމަށްފަހުއެވެ.

ކޮމިޝަނުގެ ރައީސްކަމަށް އެ ކޮމިޝަނުގެ މެމްބަރު މުހައްމަދު ޝަކީލް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިހާރު ވަނީ ފޮނުއްވާފައެވެ. އެ ކޮމިޝަނުގެ ރައީސަކަށް ޝަކީލް އައްޔަން ކުރެވޭނީ ކޮމިޓީން މައްސަލަ ދިރާސާކުރުމަށްފަހު ޝަކީލަށް ރުހުންދޭން ފެންނަ ކަމަށް ފާސްކޮށް، މަޖިލީހުގެ ތަޅުމަށް ހުށަހަޅައި، ތަޅުމުގައި ހުރިހާ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން ފާސްވުމުންނެވެ.

ޝަކީލް މީގެ ކުރިންވެސް އިލެކްޝަންސް ކޮމިޝަންގެ މެންބަރުގެ މަގާމު އަދާކުރައްވާފައިވެއެވެ. އެގޮތުން، 2014 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތިނަކުން 2018 ވަނަ އަހަރުގެ މޭ މަހުގެ ނުވަ ވަނަ ދުވަަހުގެ ނިޔަލަށް ކޮމިޝަނުގެ  މެންބަރުކަން ކުރައްވާފައިވާއިރު 01 ސެޕްޓެމްބަރު 2013 އިން 03 ޑިސެމްބަރު 2014 އާ ހަމައަށް އެ ކޮމިޝަންގެ ޑިރެކްޓާ ޖެނެރަލްގެ މަގާމު އަދާކުރައްވާފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނަކީ ފަސް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ކޮމިޝަނެކެވެ. އެ ކޮމިޝަނުގައި މިހާރު ތިއްބެވީ ޝަކީލްގެ އިތުރުން ނައިބު ރައީސް އަބްދުއްރަހުމާން ސަލާހު ރަޝީދާއި ތިން މެމްބަރުންކަމަށްވާ މެންބަރުން ހަސަން ޒަކަރިއްޔާއާއި އަބްދުލްހަސީބް އިސްމާއިލާއާއި އަލްއުސްތާޛް ރިފްއަތު އަބްދުﷲއެވެ.

ކިޔުންތެރިންގެ ހިޔާލު