ENGLISH
29 ޖޫން 2026
ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތަކީ ވަށާޖެހޭ ޕްރޮގުރާމެއްގެ ތެރެއިން ކުރާ މަސައްކަތެއް: ރައީސް
29 ޖޫން 2026
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ދުންފަތުން މީހުން ސަލާމަތްކުރުމަށް ސަރުކާރުން ކުރާ މަސައްކަތަކީ ވަށާޖެހިފައިވާ އުސޫލެއްގެ ތެރެއިން ކުރެވެމުންދާ މަސައްކަތެއްކަމަށާއި، އެ މަސައްކަތުގައި ސަރުކާރުން ފަހަތަށް ފިޔަވަޅެއް ނާޅާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މިއަދު އެމަނިކުފާނު ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ދުންފަތުގެ ޑިއުޓީއަށް ގެންނަ ބަދަލާ ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މުޖުތަމައުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކީ މަރުހަލާތަކަކަށް ބެހިގެން ކުރިއަށްދާ މަސައްކަތެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ސިގިރެޓުގެ ޑިއުޓީ މުރާޖައާކުރުމުގެ މަސައްކަތަކީ ފަންނީ ލަފައާއި އެކަމާ ގުޅޭ ގޮތުން ހެދިފައި ހުރި ދިރާސާތަކަށް ރިއާޔަތްކުރެވިގެން ގެންނަ ބަދަލެއް ކަމަށެވެ.
ސަރުކާރުން މިކަމުގައި ގެންގުޅެނީ ވަށާޖެހޭ ސިޔާސަތެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ޖެނެރޭޝަނަލް ބޭން ތައާރަފުކުރެއްވުމުގެ މަގުސަދަކީ ޅައުމުރުގައި ދުންފަތުގެ އިސްތިއުމާލުކުރަން ފެށުމަށް ހުރަސްއެޅުއްވުން ކަމަށެވެ. އަދި ވޭޕު މަނާކުރުމަކީ ރާއްޖޭގައި ފެތުރެމުންއައި ނުރައްކަލެއް ހުއްޓުމަކަށް ގެންނެވުމަށް އެޅުއްވި ފިޔަވަޅެް ކަމަށެވެ.
އަދި ވޭޕު މަނާކުރުމާ ގުޅިގެން ގިނަ ބަޔަކު ސިގިރެޓު ބުއިމުގެ ތެރެއަށް ވަދެދާނެކަމަށް ވިސްނިވަޑައިގެން އެވަގުތު ސިގިރެޓުން ނަގަމުންއައި ޑިއުޓީ ބޮޑުކުރެއްވީ އެކަން ހުއްޓުވުމަށްޓަކައިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިހާރު އަޅާ ފިޔަވަޅަކީވެސް ދުންފަތުން މީހުން ދުރުުކުރުމުގެ މަސައްކަތުގެ ތެރެއިން އަޅުއްވާ ފިޔަވަޅެއް ކަމަށެވެ.
ސަބަބެއްކަމަށް ރައީސް ފާހަގަކުރެއްވީ މިފިޔަވަޅާއެކު ދުންފަތުން މީހުން ދުރުކުރުމަށް މަދަނީ ޖަމްއިއްޔާ ޖަމާއަތްތަކާއެކު ބޮޑެތި މަސައްކަތްތަކެއް ކުރުމަށާއި، މީހުން ދުންފަތުން ދުރުހެލިވުމަށް އެހީތެރިވެދިނުމަށާއި އެކަމަށް ބާރުއެޅުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ރޭވިފައިވުމެވެ.
ދުންފަތުން މީހުން ދުރުކުރުމުގައި އެންމެ ބޮޑެތި ކާމިޔާބީތައް ހާސިލުކުރާ ފަރާތްތަކަށް ގައުމީ އިނާމު ދިނުމަށް ނިންމަވާފައިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ މަސައްކަތުގައި ބައިވެރިވާ މަދަނީ ޖަމްއިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، އެޖަމްއިއްޔާތަކުގެ މަސައްކަތް ގައުމީ ފެންވަރެއްގައި ފާހަގަކުރުންފަދަ ކަންކަން ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
"މިކަމުގައި (ދުންފަތުން ސަލާމަތްވުމަށް) ބޭނުންކުރާ ހުރިހާ އާލަތްތަކުން ނަގަމުން އަންނަ ޑިއުޓީތައް ކަނޑައިލުމަށް މަޖިލީހަށް މިހާރު ފޮނުވާފައިވާ އިސްލާހުގައި ހިމަނާފައިވާނެ. އެހެންވީމާ ވަށާޖެހޭ ޕްރޮގުރާމެއްގެ ތެރެއިން މިކަން މިކުރަނީ،" ރައީސް ވިދާޅުވިއެވެ.
އަދި ޑިއުޓީ ކުޑަކުރާ އެއް ސަބަބުގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ ދުންފަތަށް ދެވިހިފައިފައިވާ މީހުން މިހާރަކަށް އައިސް ސިއްހީ ގޮތުން މާ ގެއްލުން ބޮޑު ބާވަތްތައް ބޭނުންކުރަމުންދިއުމެވެ. އެހެންކަމުން ސަރުކާރުން އަޅާ ފިޔަވަޅުތަކަކީ ސަރުކާރުން މަސައްކަތް ފެށި ރާސްތާގައި ކުރިއަށް އަޅާ ފިޔަވަޅުތަކެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެންމެން ގުޅިގެން މި އަމާޒަށް ކުރާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކުރިއަށް އޮތް ތަނުގައި ދިވެހި މުޖުތަމައަކީ ދުޅަހެޔޮ މުޖުތަމައަކަށްވާނެ ކަމަށެވެ.