ENGLISH
28 ޖޫން 2026
48 ޓީމު ހިމަނައިގެން ވޯލްޑް ކަޕް ބާއްވާނަމަ، މުބާރާތުގެ އަގުވެއްޓިދާނެ: ކުއެރޯޒް
28 ޖޫން 2026
|
ގާނާގެ ކޯޗު ކާލޯސް ކުއެރޯޒް --- ފޮޓޯ: ރޮއިޓަރސް
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕުގައި ވާދަކުރާ ޓީމުތަކުގެ އަދަދު 48 އަށް އިތުރުކުރުމުން މުބާރާތުގެ ފެންވަރު ރަނގަޅުވިތޯ މިއީ ބަހުސްކުރެވިދާނެ ކަމެއް ކަމަށް ގާނާގެ ކޯޗު ކާލޯސް ކުއެރޯޒް ބުނެފިއެވެ. އަދި މި ބަދަލުގެ ސަބަބުން ކޮލިފިކޭޝަން މަރުހަލާގެ ފޯރި ކުޑަވެ، ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ އަގު ވެއްޓިދާނެކަމުގެ އިންޒާރު އޭނާ ވަނީ ދީފައެވެ.
މުބާރާތުން ފުރުސަތު ލިބޭ ޓީމުތަކުގެ އަދަދު ގިނަވުމުން ކޮލިފައިވުން ފަސޭހަވެފައިވާ ކަމަށާއި، މިހާރު ޚަބަރުތަކުގެ ސުރުޚީތަކުން ގިނައިން ފެންނަނީ މުބާރާތަށް ކޮލިފައި ނުވެވުނު ޓީމުތަކުގެ ވާހަކަ ކަމަށް އޭނާ އިތުރަށް ފާހަގަކުރިއެވެ.
މި ފަހަރުގެ ވޯލްޑް ކަޕުގައި ވާދަކުރާ އެފްރިކާގެ 10 ޓީމުގެ ތެރޭގައި ހިމެނޭ ގާނާ، ގްރޫޕް އެލްގައި ކްރޮއޭޝިއާ އަތުން 2-1 ގެ ނަތީޖާއަކުން ބަލިވެ، ގްރޫޕްގެ ތިންވަނަ ލިބުނު ނަމަވެސް، އެ ޓީމު ވަނީ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ.
އެފްރިކާގެ ޓީމުތަކަށް ލިބޭ ފުރުސަތުތައް އިތުރުވުމާ މެދު ސުވާލު ކުރުމުން ކުއެރޯޒް ބުނީ، "މިހާ ގިނަ ޓީމުތަކެއް ވޯލްޑް ކަޕަށް ކޮލިފައިވާއިރު، މުބާރާތުން ފުރުސަތު ލިބުމަކީ ވަރަށް މަދު ޓީމަކަށް ނޫނީ ނުލިބޭ ފަދަ އަގުހުރި ކަމެއްގެ ގޮތުގައި ބެލެވޭ މިންވަރާ މެދު އަދިވެސް ސުވާލު އުފެދޭ" ކަމަށެވެ. އަދި "ޔޫރަޕާއި އެފްރިކާގެ ކޮލިފިކޭޝަން މެޗުތަކުގެ މުހިންމުކަންވެސް މިހާރު ކުޑަވަމުންދަނީ، ހުރިހާ ޓީމަކަށް ކަހަލަ ގޮތަކަށް ފުރުސަތު އޮންނާތީ" ކަމަށް އޭނާ ބުންޏެވެ.
ކޯޗެއްގެ ގޮތުގައި ފަސްވަނަ ފަހަރަށް ވޯލްޑް ކަޕުގައި ބައިވެރިވާ ކުއެރޯޒް ބުނީ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ މަރުހަލާއަކީ ސީރިއަސް، އުނދަގޫ އަދި ވާދަވެރި މަރުހަލާއަކަށް ވާނެ ގޮތަށް އިންތިޒާމު ކުރެވިފައިވާ މުބާރާތަކަށް ވާންޖެހޭ ކަމަށެވެ. އަދި ކުޅުންތެރިން މުޅި ސީޒަނުގައި ގިނަ މެޗުތަކެއް ކުޅެ ވަރުބަލިވެފައިވާކަން އިންތިޒާމުކުރާ ފަރާތްތަކުން ވިސްނަންޖެހޭނެ ކަމަށް އޭނާ ބުންޏެވެ. "މިއީ ކުރިމަގުގައި ވަރަށް ފަރުވާތެރިކަމާއެކު ދިރާސާކުރަންޖެހޭ ކުދިކުދި އެތައް ކަމެއް އެކުލެވިގެންވާ ކަމެއް،" އޭނާ ފާހަގަކުރިއެވެ.
ޓީމު ބަލިވުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޕޯޗުގަލްއަށް ނިސްބަތްވާ ކޯޗު ބުނީ، ކްރޮއޭޝިއާ އަތުން ބަލިވީ ޑިފެންސްގައި ހެދުނު ބޮޑެތި ގޯސްތަކެއްގެ ސަބަބުން ކަމަށާއި، އަންނަ ހުކުރު ދުވަހު ކެންސަސް ސިޓީގައި ކޮލަމްބިއާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އެ ކަންކަމުން ފިލާވަޅު ލިބިގަންނާނެ ކަމަށެވެ.