ENGLISH

30 ޖޫން 2026

Advertisement

ސްޕެއިންގެ ވިލިއަމްސްއަށް ކުރި ނުރައްކާތެރި ފައުލާ ގުޅިގެން ފާޑުކިޔައިފި

28 ޖޫން 2026

|

އިސްމާއިލް ޝާހު

އުރުގުއޭގެ ނިކޮލަސް ޑެ ލަ ކްރޫޒް، ސްޕެއިންގެ ފޯވާޑް ނިކޯ ވިލިއަމްސްއަށް ޓެކުލްކުރަނީ --- ފޮޓޯ: ގެޓީ

އުރުގުއޭގެ ނިކޮލަސް ޑެ ލަ ކްރޫޒް އޭނާއަށް ކުރި "ކޮންމެހެން ކުރަންނުޖެހޭ" ނުރައްކާތެރި ފައުލަކަށް، ސްޕެއިންގެ ފޯވާޑް ނިކޯ ވިލިއަމްސް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ. މި އަނިޔާގެ ސަބަބުން ފީފާ ވޯލްޑް ކަޕް 2026 ގެ ދެވަނަ ބުރުގައި ސްޕެއިން ކުޅޭ މެޗުގައި ވިލިއަމްސްއަށް ނުކުޅެވޭނެ ކަމަށް ބެލެވެއެވެ.

ސްޕެއިން 1-0 ގެ ނަތީޖާއަކުން މޮޅުވެ، އުރުގުއޭ މުބާރާތުން ކެޓި މެޗުގައި ވިލިއަމްސްގެ މަސްގަނޑަށް އަނިޔާވީ ޑެ ލަ ކްރޫޒް ކުރި ޓެކުލްއެއްގެ ސަބަބުންނެވެ. މި އަނިޔާއާ ގުޅޭގޮތުން ވިލިއަމްސް ބުނީ މިއީ އޭނާގެ ހަޔާތުގައި ކުރިމަތިވި އެންމެ ހިތްދަތި އެއް ދުވަސް ކަމަށެވެ.

މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކުރި މި ޓެކުލްއާ ގުޅިގެން ޑެ ލަ ކްރޫޒްއަށް ރީނދޫ ކާޑެއް ދެއްކިއިރު، އޭގެ ކުޑައިރުކޮޅެއް ފަހުން އުރުގުއޭގެ އަގުސްޓިން ކަނޯބިއޯ، ޕައު ކުބާސީއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން އޭނާއަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ.

އުރުގުއޭގެ ނިކޮލަސް ޑެ ލަ ކްރޫޒް، ސްޕެއިންގެ ފޯވާޑް ނިކޯ ވިލިއަމްސްއަށް ޓެކުލްކުރުމަށްފަހު --- ފޮޓޯ: ގެޓީ

އުމުރުން 23 އަހަރުގެ ވިލިއަމްސްއަށް މި ސީޒަނުގައި އެތުލެޓިކް ބިލްބާއޯގައިވެސް އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާއިރު، ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގެ ތިން މެޗުގައިވެސް އޭނާ ކުޅެން އެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރި މެސެޖެއްގައި ވިލިއަމްސް ބުނީ، "މިއަދަކީ އަހަރެންގެ ހަޔާތުގައި އައި އެންމެ ހިތްދަތި އެއް ދުވަސް. ވަރަށް އުނދަގޫ އަހަރަކަށްފަހު އަނެއްކާވެސް މިއޮތީ އަނިޔާވެފައި. އަހަންނަށް މި އަނިޔާވީ، ޕްރޮފެޝަނަލް ކުޅުންތެރިއަކު އޭނާގެ ހިތްހަމަނުޖެހުމާއި މާޔޫސްކަން ބޭރުކޮށްލުމުގެ ގޮތުން ކުރި ކަމެއްގެ ސަބަބުން. އަހަރެން ދެކޭގޮތުގައި އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫން، އަދި އެކަމުން ސަލާމަތްވުމުގެ ފުރުސަތުވެސް އޮތް. އެކަމަކު މިކަމުން އަހަރެން ހުއްޓުވައެއް ނުލެވޭނެ،"

ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނިގޮތުގައި ވިލިއަމްސްއަށް ލިބިފައިވަނީ ސީރިއަސް އަނިޔާއެއް ނޫނެވެ. އަދި މުބާރާތުގެ ފަހު މަރުހަލާގައި އޭނާއަށް އަލުން ކުޅުމަށް އެނބުރި އައުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް އެ ފެޑެރޭޝަނުން ހާމަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު