ENGLISH

30 ޖޫން 2026

Advertisement

ކްލަސިކް: އެމްއީޑީޓީޓީ އާއި ވިޒިޓް މޯލްޑިވްސްއަށް މޮޅެއް

28 ޖޫން 2026

|

އިސްމާއިލް ޝާހު

ކްލަސިކުގައި އެމްއީޑީޓީޓީ އާއި ކުލަބު ޑީޖޭއޭ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގައި ހިމެނޭ ކްލަސިލް 2026 ގައި މިއަދު ހަވީރު ކުޅުނު މެޗުތަކުން އިޤުތިޞާދީި ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާ (އެމްއީޑީޓީޓީ) އާއި ވިޒިޓް މޯލްޑިވްސް ކުލަބު މޮޅުވެއްޖެއެވެ.

ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ ކްލަސިކް މުބާރާތުގައި 19 ޓީމެއް ވާދަކުރެއެވެ. މި ޓީމުތައް ހަތަރު ގްރޫޕަކަށް ބަހާލާފައިވާއިރު، ގްރޫޕް އޭ، ބީ އަދި ސީގައި ފަސް ޓީމު ހިމެނެއެވެ. އަދި ގްރޫޕް ޑީގައި ހިމެނެނީ ހަތަރު ޓީމެވެ.

މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ދެ މެޗަކީ މީގެ ކުރިން ރޭ ކުޅެން ތާވަލުކުރި ދެ މެޗެވެ. އެކަމަކު މޫސުން ގޯސްވުމާ ގުޅިގެން މެޗުތައް ކުޅެފައިވަނީ މިއަދު ހަވީރެވެ. ގްރޫޕް ބީގައި މިއަދު ހަވީރު ކުޅުނު މެޗުން އެމްއީޑީޓީޓީ މޮޅުވީ ކުލަބު ޑީޖޭއޭ އަތުން 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އެމްއީޑީޓީޓީއަށް ކާމިޔާބުކޮށްދިނީ އިރުފާން އާދަމް ނަސީރެވެ. 

މި މޮޅާއެކު ގްރޫޕް ބީގެ ތިންވަނައިގައި އެމްއީޑީޓީޓީ އޮތީ ކުޅުނު ދެ މެޗުން ލިބުނު ތިން ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް ކުލަބު ކްރިމިނަލް ކޯޓު (ސީއާރްސީ) ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހޯދިއިރު، ދެވަނައިގައި އޮތް ކުލަބު ޑީޖޭއޭއަށް ތިން މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ހަތަރުވަނައިގައި އޮތް ހެލްތަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ކުލަބު އެސްއެމްއީ ޑިޖިޓަލަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. އެ ޓީމު ވަނީ ކުޅުނު ދެ މެޗުންވެސް ބަލިވެފައެވެ.

ކްލަސިކުގައި ވިޒިޓް މޯލްޑިވްސް އާއި އެމްއެމްއޭ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

މީގެ އިތުރުން މި މުބާރާތުގެ ގްރޫޕް ސީގައި މިއަދު ހަވީރު ކުޅުނު މެޗުން ވިޒިޓް މޯލްޑިވްސް މޮޅުވީ އެމްއެމްއޭ ސޯޝަލް ކުލަބު އަތުން 6-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ވިޒިޓް މޯލްޑިވްސްގެ އަޙްމަދު ސާއިން ސިއްދީގު ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ އަޙްމަދު ސާއިމް، އަބްދުލް ޝަކޫރު އަބްދުލް ސައްތާރު އަދި އިސްމާޢީލް ރާއިދު ރިޔާޒެވެ. އަދި އެމްއެމްއޭގެ މުޙައްމަދު ފައިޒާމް އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފައެވެ. މި މެޗުގައި އެމްއެމްއޭއިން ޖެހި ދެ ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ އަންސަރު އިބްރާހީމެވެ.

މި މޮޅާއެކު ގްރޫޕް ސީގެ ތިންވަނައިގައި ވިޒިޓް މޯލްޑިވްސް އޮތީ ކުޅުނު ދެ މެޗުން ލިބުނު ތިން ޕޮއިންޓާއެކުއެވެ. ހަތަރުވަނައިގައި އޮތް ޕީއެސްއެމްއަށްވެސް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ވިޒިޓް މޯލްޑިވްސްއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. މި ގްރޫޕުގެ އެއްވަނައިގައި އޮތް ކުލަބު ބިނާރާއަށް ތިން މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް އެމްއެމްއޭއަށް ވަނީ ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައެވެ. އަދި ފުލުގައި އޮތް ތަޢުލީމީ ގުޅުމަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައި ނުވާއިރު، އެ ޓީމު ވަނީ ކުޅުނު ދެ މެޗުންވެސް ބަލިވެފައެވެ.

މި މުބާރާތުގެ މެޗުތައް ދެން ކުޅޭނީ އަންނަ އަންގާރަ ދުވަހުގެ ހަވީރެވެ.

  • ކުލަބު ބީސީސީ - ކުޅިވަރާ ބެހޭ ވުޒާރާ (16:00)
  • ފައިނޭންސް އާރްސީ - ދިވަރު އާރްސީ (16:00)
  • ހުޅުމާލެ ހޮސްޕިޓަލް - ޕެމާ (17:10)
  • އެމްއެމްއޭ އެސްސީ - ތަޢުލީމީ ގުޅުން (17:10)

ކްލަބު މޯލްޑިވްސް ކަޕުގައި މިރެއަށް ހަތަރު މެޗު ތާވަލުކޮށްފައި އޮތް ނަމަވެސް، މޫސުން ގޯސްވުމާ ގުޅިގެން އެ މެޗުތައް ވަނީ އަންގާރަ ދުވަހުގެ ރެއަށް ފަސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު