ENGLISH

30 ޖޫން 2026

Advertisement

ވޯލްޑް ކަޕުގެ ތާރީޚުގައި އީރާނަކީ އެންމެ ނަސީބުދެރަ ޓީމު؟

28 ޖޫން 2026

|

ސުވެއިދާ ހުސެއިން

ވޯލްޑް ކަޕުގައި މިސްރާ ދެކޮޅަށް ކުޅުނު މެޗަށްފަހު އީރާނުގެ ކުޅުންތެރިން --- ފޮޓޯ: ރޮއިޓަރސް

ފީފާ ވޯލްޑް ކަޕް ފަދަ ދުނިޔޭގެ ފެންވަރުގެ ބޮޑެތި މުބާރާތްތަކަކީ ހިތާމަވެރި ނިންމުންތަކާއި އަދި އުފާވެރި ކަންތައްތަކެއް ކުރިމަތިލާންޖެހިދާނެ މުބާރާތަކެއްކަން އެއީ އެންމެންވެސް ގަބޫލުކުރާ ހަގީގަތެކެވެ. ކޮންމެ ކާމިޔާބީއެއްގެ ވާހަކަ ދައްކާއިރު، އޭގެ ފަހަތުގައި ނަސީބުދެރަކަމުންނާއި، އިންސާފުން ބޭރުން ކަންތައްތައް މެދުވެރިވުމުގެ ސަބަބުން މުބާރާތުން ވަކިވާންޖެހޭ ޤައުމުތަކުގެ ހިތްދަތި ވާހަކަތައް އޮވެއެވެ. ނަމަވެސް މި އަހަރުގެ ވޯލްޑް ކަޕުން އީރާން ވަކިވާންޖެހުނު ހިތްދަތިގޮތާ އަޅާކިޔޭނެ މިސާލެއް މަދެވާނެއެވެ.

މުބާރާތް ފެށުމުގެ ކުރިންވެސް، މީގެ ކުރިން ވޯލްޑް ކަޕެއްގައި ޓީމަކަށް ކުރިމަތިލާން ނުޖެހޭފަދަ ގޮންޖެހުންތަކާ  ކުރިމަތިލާން ޖެހުނު ނަމަވެސް، އީރާން ޓީމުން ވަނީ ދެވަނަ ބުރުގެ ޖާގައެއް ހޯދުމާ ގާތަށް ޖެހިލާފައެވެ. އެކަމަކު އެންމެ ފަހު ވަގުތު އެ މީހުންގެ އަތުން އެ ފުރުސަތު ބީވެގެން ދިޔައީއެވެ.

ގްރޫޕް ސްޓޭޖުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވި ނަމަވެސް، ލަނޑުގެ ތަފާތުން އީރާނަށް ވަނީ ނޮކްއައުޓް ބުރުގެ ފުރުސަތު ވަރަށް ހަނި ގޮތަކަށް ގެއްލިފައެވެ. އެކަމަކު މި ހިތްދަތި ނިމުމުގެ ފަހަތުގައި މިއަށްވުރެ މާ ފުން  އަސަރުތަކެއް އެކުލެވިގެންވެއެވެ.

ވޯލްޑް ކަޕުގައި ވާދަކުރި އީރާނުގެ ކުޅުންތެރިން --- ފޮޓޯ: އޭޕީ

އީރާނުން އެންމެ ފަހު ވަގުތު ޖެހި ލަނޑު ބާތިލުކުރުން

ނިއުޒީލެންޑާއި ބެލްޖިއަމާ ދެކޮޅަށް ކުޅުނު މެޗުތައް އެއްވަރުވުމުން، ސިއެޓްލްގައި މިސްރާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެގެން އީރާނަށް ދެވަނަ ބުރަށް ދެވެން އޮތެވެ. މެޗުގެ ކުރީކޮޅު މިސްރުން ލަނޑެއް ޖަހައި ކުރި ހޯދި ނަމަވެސް، އީރާނުން ވަނީ ހިތްވަރާއެކު ކުޅެފައެވެ. މެހްދީ ތަރޭމީ ފޮނުވާލި ޕެނަލްޓީއެއް ނާކާމިޔާބުވި ނަމަވެސް، ރާމިން ރެޒަލިއާން ކާމިޔާބުކުރި ގޯލުން މެޗުގެ ނަތީޖާ އެއްވަރުވިއެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރު ވަގުތުގެ ތެރޭގައި ޝުޖާ ޚަލީލްޒާދޭ ވަނީ އީރާނަށް ލީޑު ހޯދައިދީފައެވެ. މި އުފާވެރި ވަގުތު ފާހަގަކުރުމުގެ ގޮތުން އޭނާ ވަނީ ޖާޒީ ބޭލުމަށްފަހު އައިނެއް އަޅައިގެން ފޮޓޯއަކަށްވެސް ހުއްޓިފައެވެ. ނަމަވެސް، މި އުފާވެރިކަން މާޔޫސްކަމަށް ބަދަލުވީ ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމުމުންނެވެ. އެއީ ވަރަށް ހަނި ގޮތަކުންނެވެ. ޚަލީލްޒާދޭގެ ފައިގެ އިނގިލީކުރި، ކުރީގައި އޮތުމުން ނިންމި ނިންމުމެކެވެ. މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވުމުން، އީރާނަށް ޖެހުނީ އެހެން ޓީމުތަކުގެ ނަތީޖާއަށް އިންތިޒާރުކުރާށެވެ.

އީރާނުގެ ނަސީބު ކަނޑައެޅުން އޮތީ އަލްޖީރިއާ އާއި އޮސްޓްރިއާ ބައްދަލުކުރި މެޗުގައެވެ. އެއިން ކޮންމެ ޓީމެއް މޮޅުވި ނަމަވެސް އީރާނަށް ފުރުސަތު އޮތެވެ. މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވާން ދަނިކޮށް، އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ރިޔާދު މަހްރޭޒް ޖެހި ލަނޑުން އަލްޖީރިއާ ކުރި ހޯދިއެވެ. މި ނަތީޖާއާއެކު އީރާން ކޮލިފައިވުމާ ވަރަށް ގާތަށް ދިޔައެވެ. ނަމަވެސް މެޗުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި އޮސްޓްރިއާގެ ސާސާ ކަލަޖްޒިޗް ބޮލުން ޖެހި ލަނޑާއެކު މެޗު އެއްވަރުވެ، 24 ގަޑިއިރު ތެރޭގައި ދެވަނަ ފަހަރަށް އީރާނުގެ އުއްމީދުތައް ފެނަށްދިޔައެވެ.

ވޯލްޑް ކަޕުގައި މިސްރާ ދެކޮޅަށް ކުޅުނު މެޗަށްފަހު އީރާނުގެ ކުޅުންތެރިން --- ފޮޓޯ: ރޮއިޓަރސް

މީގެ ކުރިއަށް ޖެހިލާއިރު، އީރާން މިހާހިސާބަށް އައީ އެ ޤައުމާ ދެކޮޅަށް މުބާރާތް ބާއްވާ އެއް ޤައުމު ކަމަށްވާ އެމެރިކާ އާއި އިސްރާއީލުން ކުރިމަތިކުރި ސިޔާސީ ގޮންޖެހުންތަކުގެ ތެރެއިންނެވެ. މުބާރާތުގެ ތަމްރީނުތައް އެމެރިކާގެ އެރިޒޯނާގެ ބަދަލުގައި މެކްސިކޯގެ ޓިއުވާނާއަށް ބަދަލުކުރަން ޖެހުމާއި، ދަތުރުފަތުރުގެ ހަރުކަށި ހުރަސްތަކާ ކުރިމަތިލާން ޖެހުނެވެ. އީރާން ޓީމަށް އެމެރިކާއަށް ވަދެވުނީ މެޗު ފެށުމުގެ އެންމެ ދުވަހެއް ކުރިންނެވެ. އަދި މެޗު ނިމޭ ދުވަހު އަނބުރާ ޤައުމުން ފުރަން ޖެހުނެވެ.

އީރާނުގެ ކޯޗު ގަލެނޮއީ ބުނިގޮތުގައި އޭނާގެ ޓީމަކީ މުބާރާތުގައި އެންމެ ބޮޑަށް އަނިޔާ ލިބުނު ޓީމެވެ. އެހެން ޓީމުތަކަށް އާންމު ހާލަތްތަކުގައި ތަމްރީނު ހެދުމުގެ ފުރުސަތު ލިބުނުއިރު، އީރާނަށް ތައްޔާރުވާން ލިބުނީ ބޭނުންވާ ވަގުތުގެ ދެބައިކުޅަ އެއްބަޔަށްވުރެވެސް މަދު ވަގުތުކޮޅެކެވެ. މެޗަށްފަހު ގަލެނޮއީ ބުނީ އޭނާގެ ކުޅުންތެރިންނާމެދު ފަޚުރުވެރިވާ ކަމަށެވެ.

"މި ޒުވާން ކުޅުންތެރިން ކުރި މަސައްކަތް ތާރީޚުގައި ލިޔަންޖެހޭނެ. އެއީ މުބާރާތް ބާއްވާ ޤައުމުން އަހަރެމެންނާ މެދު ކަންތައް ކުރީ ވަރަށް ބޭއިންސާފުން ކަމަށްވާތީ. މި ހުރިހާ ހުރަސްތަކަކާއެކުވެސް އަހަރެމެން ދެއްކި ކުޅުމަށް މުޅި ދުނިޔެ ފަޚުރުވެރިވާނެ،" އޭނާ ބުންޏެވެ. އަދި ކުރިއަށް އޮތް މުބާރާތްތަކުގައި ބާއްވާ ޤައުމުން ޓީމުތަކާ މެދު މިފަދަ ގޮތަކަށް އަމަލުކުރުމުގެ ފުރުސަތު ނުދިނުމަށް އޭނާ ވަނީ ފީފާއަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު