ENGLISH
29 ޖޫން 2026
ދެކުނު އެފްރިކާއާ ދެކޮޅަށް ކުޅޭ މެޗަށް ޑޭވީސް ފިޓުވެއްޖެ: ކެނެޑާ ކޯޗު
28 ޖޫން 2026
|
ކެނެޑާގެ ކެޕްޓަން ޑޭވީސް -- ފޮޓޯ: ރޮއިޓަރސް
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 32 ޓީމުގެ ބުރުގައި މިރޭ ދެކުނު އެފްރިކާއާ ދެކޮޅަށް ކުޅޭ މެޗަށް ކެނެޑާގެ ކެޕްޓަން އަލްފޮންސޯ ޑޭވީސް ފިޓުވެފައިވާ ކަމަށް އެ ޓީމުގެ ކޯޗު، ޖެސީ މާޝް ބުނެފިއެވެ.
މެޗުގެ ކުރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކޯޗު މާޝް ބުނީ، ދެކުނު އެފްރިކާއާ ދެކޮޅަށް ކުޅޭ މެޗަށް ޑޭވީސް ފިޓްވެފައިވުމަކީ ކެނެޑާ ޓީމަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
ޑޭވީސްގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވީ، މިދިޔަ މަހު ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ޕީއެސްޖީއާ ދެކޮޅަށް ބަޔާން މިއުނިކް ކުޅުނު މެޗުގައެވެ.
"އަލްފޮންސޯ އަލުން ޓީމާ ގުޅި، ކުޅެވޭ ވަރަށް ފިޓްކޮށް ހުރުމަކީ މުޅި ޓީމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް އަދި ހިތްވަރެއް،" މާޝް ބުންޏެވެ.
ކެނެޑާގެ ފަރިތަކުރުންތަކުގައި ޑޭވީސް ބައިވެރިވަނީ -- ފޮޓޯ: ކެނޭޑިއަން ޕްރެސް ފައިލް ފޮޓޯ
މާޝް ބުނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސްވިޒަލެންޑާ ދެކޮޅަށް ކެނެޑާ ކުޅުނު މެޗުގައިވެސް ޑޭވީސް ކުޅެން ބޭނުންވި ކަމަށެވެ. އެހެންނަމަވެސް، އޭރު ޑޭވީސް ކުޅުވަން މާ އަވަސް ކަމަށް ބުނިކަން މާޝް ފާހަގަކުރިއެވެ. އެ މެޗުން ސްވިޒަލެންޑް އަތުން ކެނަޑާ ބަލިވީ 2-1 އިންނެވެ.
ގްރޫޕް ސްޓޭޖުގެ ތިން މެޗުގައި ނުކުޅެ، ބަލަން ހުންނަން ޖެހުންވީ ވަރަށް އުނދަގޫ ކަމެއްގެ ގޮތުގައި ސިފަކުރަމުން ޑޭވީސް ބުނީ، ކޮންމެ ކުޅުންތެރިއަކުވެސް އެންމެ ބޭނުންވާނީ ދަނޑުމަތީގައި ހުރެ ޓީމަށް އެހީތެރިވުމަށް ކަމަށެވެ.
ޑޭވީސް ފަދަ ކުޅުންތެރިއަކާ މެދު އަމަލުތައް ބަހައްޓަން ޖެހޭނީ "ފެރާރީ" ކާރެއް ފަދައިން ނާޒުކު އަދި އަގުބޮޑު އެއްޗަކާ މެދު އަމަލުކުރާ ގޮތަށް ފަރުވާތެރިކަމާއެކު ކަމަށް ކޯޗު، މާޝް ބުންޏެވެ.
މީގެކުރިން، ސްވިޒަލެންޑާ ދެކޮޅަށް ޑޭވީސް ކުޅޭނެ ކަމަށް މާޝް ބުނި ނަމަވެސް، ފަހުން އޭނާ ވަނީ އެއީ އިދިކޮޅު ޓީމަށް އޮޅުވާލުމަށްޓަކައި ބުނި ވާހަކައެއް ކަމަށް އިއުތިރާފުވެފައެވެ.
ކެނެޑާގެ ކުޅުންތެރިން ފަރިތަކުރުންތަކުގައި ބައިވެރިވަނީ --ފޮޓޯ: އޭއެފްޕީ / ގެޓީ
މިދިޔަ އޮކްޓޫބަރު މަހު ފްރާންސްގެ ނީސްއަށް ކުޅެނިކޮށް ފައި ބިންދައިގެންދިޔަ ކެނެޑާގެ ޑިފެންޑަރު، މޮއިސް ބޮމްބީޓޯ ވެސް މިރޭގެ މެޗަށް ފިޓުވެފައިވާ ކަމަށް މާޝް ބުންޏެވެ. ބޮމްބީޓޯއަށް އަނިޔާވިފަހުން ކުޅުނު ފުރަތަމަ މެޗަކީ ގަތަރު އަތުން 6-0 އިން ކެނެޑާ މޮޅުވި މެޗެވެ. އޭނާ ވަނީ އެ މެޗުގެ ފަހު ހާފުގައި ކުޅެން ނިކުމެފަ އެވެ.
މި ފަހަރުގެ މުބާރާތުގައި ފުރަތަމަ ފަހަރަށް އަމިއްލަ ޤައުމުން ބޭރުގައި ކުޅޭ މެޗުގައި ދެކުނު އެފްރިކާއާ ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު، ދެކުނު ކޮރެއާ އަތުން ދެކުނު އެފްރިކާ މޮޅުވެފައިވުމާއެކު ކުރިއަށް އޮތް މެޗުގައި އެ ޓީމާ ދެކޮޅަށް ކެނެޑާގެ ކިބައިން ވަރަށް އެގްރެސިވް ކުޅުމެއް ކުޅޭތަން ދެކެން ބޭނުންވާ ކަމަށް މާޝް ބުންޏެވެ.
މި މުބާރާތް ބާއްވާ ތިން ޤައުމުގެ ތެރޭގައި ކެނެޑާ ހިމެނޭތީވެ، ސަޕޯޓަރުންގެ އުންމީދުތައް ވަރަށް ބޮޑެވެ. އެހެންނަމަވެސް، މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މަސްހުނި ނަތީޖާތަކެއް ނިކުތުމުގެ ސަބަބުން ޓީމުގެ ފެންވަރާ މެދު ސަޕޯޓަރުންގެ މެދުގައި ސުވާލު އުފެދިފައިވެ އެވެ.
ކެނެޑާގެ މެޗުތަކުގައި ގިނަ އަދަދެއްގެ ސަޕޯޓަރުން ކުޅިބަލަން ރަތާއި ހުދު ކުލައިގެ ޖާޒީގައި ވަދެ، ސްޓޭޑިއަމްތައް ފުރާލާފައިވާ ކަމަށާއި، އެ މަންޒަރު ފެނުމުން ލޮލުން ކަރުނަ ހިލި، ވަރަށް ބޮޑަށް އުފާކުރާ ކަމަށް ޑޭވީސް ބުންޏެވެ.