ENGLISH

29 ޖޫން 2026

Advertisement

ނުބަލަހައްޓާތީ އުސްގެކޮޅު ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން ނަގަން ނިންމައިފި

28 ޖޫން 2026

|

އައިމިނަތު ޝަފާ

އުސްގެކޮޅު. ފޮޓޯ؛ ޕީއެސްއެމް

ދިވެހިރާއްޖޭގެ ރަސްކަމުގެ ބޮޑުގަނޑުވަރުގެ ބިނާތަކުގެ ތެރެއިން މިހާރު ފެންނަން ހުރި ހަމައެކަނި ބިނާ ކަމަށްވާ އުސްގެކޮޅު ބެލެހެއްޓުމުގައި މާލޭ ސިޓީ ކައުންސިލުން ތަކުރާރުކޮށް އިހުމާލުވަމުންދާތީ އެތަނުގެ ބެލެނިވެރިކަން ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.

ސަރުކާރުން މިކަން ހާމަކުރިއިރު މި މަހުގެ 25 ވަނަ ދުވަހު އުސްގެކޮޅުގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި، ތަނަށް ގެއްލުންތަކެއް ދެމުން އަންނަ މައްސަލައެއްވެސް ވަނީ ފެންމަތިވެފަ އެވެ. 

މި މައްސަލައާ ގުޅިގެން ފުލުހުން މެދުވެރިކޮށް މިކަން ހިނގާދިޔަ ގޮތާއި ޒިންމާވާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު ވުޒާރާއިން ވަނީ އެކަމުގައި ޝާމިލުވި މީހުންނާމެދު ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ. 

މިކަމާ ގުޅިގެން ''ޕްރެސަރ ވިތު ދަ ސްޕޮކްސް'' ސިލްސިލާގެ އިއްޔެގެ ޕްރޮގްރާމުގައި ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވީ އުސްގެކޮޅި މިހާރު ބަލަހައްޓަމުން ދަނީ ސިޓީ ކައުންސިލުން ކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ އިގުތިސާދު ސިންތަފާތު ކުރުމާއި، ފަތުރުވެރިކަން ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން ތަރިކައިގެ ފަތުރުވެރިކަން ކުރިއެރުވުމަށް މާލޭގައި އަލަށް ތަރައްގީކުރަމުންދާ އިންޓަރެކްޓިވް މިއުޒިއަމްގެ މަސައްކަތަށް އުސްގެކޮޅު ވުޒާރާއާ ހަވާލުކޮށްދިނުމަށް މީގެ ކުރިންވެސް ތަކުރާރުކޮށް އެދިފައިވާނެކަމަށް ތަރުޖަމާނު ވިދާޅުވި އެވެ. ނަމަވެސް އެތަން ހަވާލުކޮށްނުދީ އުޅެނިކޮށް ދެން ފެންމަތިވީ އެތަނަަށް ގެއްލުންދިނުމުގެ މައްސަލަތައް ކަމަށް ވިދާޅުވި އެވެ. 

"އެންމެފަހުން މިތަނަށް ވަތްއިރު ހަމައެކަނި ފާރުގައި ކުރަހާފައި އެކަނި ހުރީކީ ނޫން އިނގޭތޯ، ބަޔަކު މީހުން އެތަނަށް ގާނޫނާ ހިލާފަށް ވަދެ އެތާ އެތެރޭގައި މަސްތުވާތަކެތި ބޭނުންކޮށްފައިވާކަމުގެ ހެކިތައްވެސް އެބަހުރި ފެންނަން، މިފެންވަރަށް ދިޔައީމަ އެތަން ކައުންސިލަށް ނުބެލެހެއްޓޭތީ މި ނިންމީ އެތަނުގެ ބެލެނިވެރިކަން އޮންނަ އުސޫލުގެ ތެރެއިން ސަރުކާރަށް ނަގަން،". ތަރުޖަމާނު ވިދާޅުވި އެވެ. 

މި ވާހަކަތައް އިތުރަށް ތަފްސީލުކޮށްދެއްވައި "އެމްއެމްޓީވީ"އަށް މައުލޫމާތު ދެއްވަމުން ތަރުޖަމާނު ވިދާޅުވީ އުސްގެކޮޅުގެ ބެލެނިވެރިކަން މާ ލަސްތަކެއް ނުވެ ވުޒާރާއަށް ލިބިގެންދާނެ ކަމަށެވެ. 

" ވުޒާރާއިން އަޅުގަނޑަށް މައުލޫމާތުދިނީ މަިކަމުގައި ގާނޫނީ ގޮތުން ހޯދަންޖެހޭ ލަފާ ހޯދުމަށްފަހު އޮންނަ އުސޫލުގެ ތެރެއިން އުސްގެކޮޅުގެ ބެލެނިވެރިކަން މާލޭ ސިޓީ ކައުންސިލުން ވުޒާރާއަށް ބަދަލުކުރުމުގެ މަސައްކަތުގައޭ މި އުޅެނީ، އެހެންވީމަ ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކުރުމުގެ މަރުހަލާގައި އެ އުޅެނީ،". ތަރުޖަމާނު ވިދާޅުވި އެވެ.

އުސްގެކޮޅަކީ މީލާދީން 20 ވަނަ ގަރުނުގެ ކުރީކޮޅު އައްސުލްޠާން ޙާޖީ ޢިމާދުއްދީން (ހަވަނަ) (1903-1893) އިމާރާތްކުރެއްވި 100 އަހަރަށްވުރެ ގިނަދުވަސްވެފައިވާ ގެކޮޅެކެވެ. މިއީ އިހުގެ ބޮޑުގަނޑުވަރުގެ ބިނާތަކުގެ ތެރެއިން މިހާރު ފެންނާން ހުރި ހަމައެކަނި ބިނާ އެވެ. މާލޭގައި އަލަށް ތަރައްގީކުރަމުންދާ އިންޓަރެކްޓިވް މިއުޒިއަމް ތަރައްގީކުރެވެނީ މާލޭގެ އުސްގެކޮޅާއި ކަޅުވަކަރު މިސްކިތް ހުރި ސަރަހައްދު ހިމެނޭ ގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު