ENGLISH

29 ޖޫން 2026

Advertisement

އިންޑިއާއިން ރާއްޖެއަށް ބައިލައްކައަށްވުރެ ގިނަ ފަތުރުވެރިން

28 ޖޫން 2026

|

އައިމިނަތު ޝަފާ

ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންތަކެއް.

އަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ބައިލައްކައިން މައްޗަށް އަރައިފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1،036،558 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. 

މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާ ފާހަގަކުރެވެނީ ރާއްޖެއަށް ހަ ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމުގެ ގޮތުގައެވެ. އެގޮތުން އިންޑިއާއިން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 60,515 އަރައެވެ. މި މުއްދަތުގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިންނެވެ. އެގޮތުން ޗައިނާއިން ރާއްޖެއަށް 162,305 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މާކެޓުގެ ދެވަނައިގައި އޮތް ރަޝިއާއިން ރާއްޖެއަށް 144,552 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ގަދަ 7 ގައުމު:

ޗައިނާ- 162,305 ފަތުރުވެރިން

ރަޝިއާ- 144,552 ފަތުރުވެރިން

އިނގިރޭސިވިލާތް - 84،787 ފަތުރުވެރިން

އިޓަލީވިލާތް - 72,802 ފަތުރުވެރިން

ޖަރުމަނުވިލާތް - 65,888 ފަތުރުވެރިން

އިންޑިއާ - 60,515 ފަތުރުވެރިން

ފަރަންސޭސިވިލާތް- 29,374 ފަތުރުވެރިން

ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އެއީ 71.8 އިންސައްތަ މީހުންނެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ އެކު އެ ސަރަހައްދުގެ ވައިގެ މަގުތައް ބަންދުވެ، ބައިނަލްއަގުވާމީ ދަތުރުފަތުރަށް ބުރޫއަރާ، ދިމާވި އެތައް ގޮންޖެހުންތަކަކާ އެކުވެސް، މިދިޔަ އަހަރާ ދާދި އެއް މުއްދަތެއްގެ ތެރޭގައި ރާއްޖެއިން ވަނީ އެއް މިލިއަން ފަތުރުވެރިންގެ ލަނޑުދަނޑިއަށް ވާސިލުވެފައެވެ. 

ހަނގުރާމައާ ގުޅިގެން ވައިގެ ދަތުރުފަތުރަށް ކުރިމަތިވި ހުރަސްތަކާ ގުޅިގެން، ވިޒިޓް މޯލްޑިވްސްއިން ވަނީ އިންޑިއާއި، ޗައިނާ އަދި ރަޝިއާ ފަދަ މާކެޓުތަކަށް ހާއްސަ ސަމާލުކަމެއްދީ، އައު މާކެޓުތައް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

މި ދަތި އުނދަގޫ ހާލަތުގައިވެސް އެއް މިލިއަން ފަތުރުވެރިންގެ ލަނޑުދަނޑިއަށް ވާސިލުވުމަކީ ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާއެކު ވެސް ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށްޓަކައި މި ސިނާއަތުގެ އެންމެހާ ފަރާތްތަކުން ގުޅިގެން ކުރެވޭ މަސައްކަތްތަކުގެ ކާމިޔާބީ ރަމްޒުކޮށްދޭކަމެއްކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ބުންޏެވެ.  

ކިޔުންތެރިންގެ ހިޔާލު