ENGLISH

27 ޖޫން 2026

Advertisement

އަނިޔާގެ ސަބަބުން ޕީނޯއަށް ވޯލްޑް ކަޕުގައި ދެން ނުކުޅެވިދާނެ

27 ޖޫން 2026

|

އިސްމާއިލް ޝާހު

ސްޕެއިންގެ ފޯވާޑް ޔެރެމީ ޕީނޯއަށް އަނިޔާވެފައި --- ފޮޓޯ: ގެޓީ

ސްޕެއިންގެ ފޯވާޑް ޔެރެމީ ޕީނޯގެ ކޮނޑުކަށިގަނޑު ބިނދިފައިވާ ކަމަށް ބެލެވޭތީ، ވޯލްޑް ކަޕް 2026 ގައި އޭނާއަށް ދެން ކުޅެވޭނެ ކަމާމެދު ސުވާލު އުފެދިއްޖެއެވެ.

ގްރޫޕް ސްޓޭޖުގައި ރޭ އުރުގުއޭއާ ދެކޮޅަށް ކުޅެ 1-0 ގެ ނަތީޖާއަކުން ސްޕެއިން މޮޅުވި މެޗުގެ ފަހުކޮޅު، އިދިކޮޅު ކުޅުންތެރިއެއްގެ ޗެލެންޖަކާ ގުޅިގެން ޕީނޯ ވެއްޓުނު ގޮތަކުން އޭނާގެ ވައަތްފަރާތު ކޮނޑަށް ވަނީ ސީރިއަސް އަނިޔާއެއް ލިބިފައެވެ. ކްރިސްޓަލް ޕެލަސްއަށް ކުޅޭ ޕީނޯ މެޗުގެ ބާކީބައި ފުރިހަމަކުރީ އަނިޔާގައި ހުރެގެންނެވެ. އެއީ އެ ވަގުތު ސްޕެއިންއަށް އިތުރު ބަދަލެއް ކުރެވެން ނެތުމުންނެވެ.

މެޗުގެ 66 ވަނަ މިނެޓުގައި ޕީނޯ ކުޅެން އެރުވި ކޯޗު ލުއިސް ޑި ލަ ފުއެންޓޭ ބުނީ، ލިބިފައިވާ އަނިޔާގެ ފުރަތަމަ ރިޕޯޓުތަކުން ކަންބޮޑުވުން އެބަހުރި ކަމަށެވެ.

"ބެލެވޭ ގޮތުގައި ޕީނޯގެ ކޮނޑުކަށިގަނޑު ވަނީ ބިނދިފައި. މިއަދު އިތުރު ޓެސްޓުތަކެއް ހެދުމުން އަނިޔާގެ ސީރިއަސްމިން ސާފުވާނެ،" ކޯޗު ބުންޏެވެ. "އޭނާ އެ ހުރީ ވަރަށް ބޮޑު ތަދެއްގައި. ކޮނޑުކަށިގަނޑު ބިނދިފައި އޮވެމެ، މެޗު ނިމެންދެން އޭނާ ދެއްކި ހިތްވަރަކީ ނަމޫނާއެއް. އެއީ ބަތަލެއް ފަދަ އަމަލެއް. އޭނާގެ އެ މަސައްކަތަށްޓަކައި އަހަރެންނާއި މުޅި ޓީމުވެސް އޭނާއަށް ޝުކުރުވެރިވަން،"

ކޮނޑުކަށިގަނޑު ބިނދިފައިވާނަމަ، މުބާރާތުގެ ނޮކްއައުޓް ބުރު ފެށޭއިރު ޕީނޯއަށް ދެން މުބާރާތުގައި ކުޅުމުގެ ފުރުސަތު ގެއްލޭނެއެވެ.

ގްރޫޕް އެޗްގެ އެއްވަނަ ސްޕެއިން ހޯދީ ހަތް ޕޮއިންޓާއެކުގައެވެ. ގަދަ 32 ޓީމު ވާދަކުރާ ބުރުގައި އަންނަ ބުރާސްފަތި ދުވަހުގެރޭ އެމެރިކާގެ ލޮސް އެންޖެލެސްގައި ސްޕެއިން ނުކުންނާނީ އޮސްޓްރިއާ ނުވަތަ އަލްޖީރިއާއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު