ENGLISH
27 ޖޫން 2026
ބޭކާރު ހަރަދޭ ވިދާޅުވުމުން ނަޝީދަށް ތަރުޖަމާނު ރައްދު ދެއްވައިފި
27 ޖޫން 2026
|
ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް
އެންމެ މަޤްބޫލު
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއަކީ ބޭކާރު ހަރަދެއް ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ރައްދު ދެއްވައިފިއެވެ.
''ޕްރެސަރ ވިތު ދަ ސްޕޮކްސް'' ސިލްސިލާގެ މިއަދުގެ ބައްދަލުކުރެއްވުމުގައި ސަރުކާރުގެ ތަރުޖަމާނު ވަނީ އެ މަޝްރޫއަކީ ބޭކާރު ހަރަދެއްގެ ގޮތުގައި ނަޝީދު ސިފަކުރެއްވި ސަބަބާ މެދު ސުވާލު އުފައްދަވާފައެވެެ.
މާލޭގެ ވަށައިގެންވާ މަގުގެ ތޮއްޖެހުމަށް ހައްލު އައުމުން މާލޭގެ އެތެރޭގެ މަގުތަކަށް ދިމާވެފައިވާ މައްސަލަތައްވެސް ހައްލުވާނެކަން ފާހަގަކުރައްވަމުން ތަރުޖަމާނު ވިދާޅުވީ ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއަކީ މުހިންމު މަޝްރޫއެއްގެ ގޮތުގައި ސަރުކާރުން ދެކޭކަމަށެވެ. ބޮޑުތަކުރުފާނުމަގު ތަރައްގީކުރުމުގެ މަޝްރުއުގެ ދަށުން ބާޒާރުމަތީ ސަރަހައްދުގެ ތޮއްޖެހުމުގެ މައްސަލަ ހައްލުވެ އެކަމުގެ ފަސޭހަކަން މިއަދު ރައްޔިތުންނަށް ފެންނަން ފަށައިފިކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.
ބޭކާރު ހަރަދަކީ ކޮބައިތޯ ތަކުރާރުކޮށް ސުވާލު އުފައްދަވަމުން އިތުރަށް ތަރުޖަމާނު ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު ސާކް ސަމިޓް ބޭއްވުމަށް އައްޑޫ ސިޓީ ހިތަދޫގައި ބިނާކުރި ކޮންވެންޝަން ސެންޓަރަކީ ދެމެހެއްޓެނިވި ވިސްނުމެއްނެތި ވަގުތީގޮތުން ބޭނުންކޮށްލެވޭގޮތަށް ބިނާކޮށްފައިވާ ތަނެއްކަމަށް ވިދާޅުވެ އެ ސެންޓަރަކީ ރައީސް ނަޝީދުގެ ސަރުކާރުން ކުރި ބޭކާރު ހަރަދެއްކަމަށް ވިދާޅުވެފައެވެ.
"ބޭކާރު ހަރަދަކީ ސާކްސަމިޓެއް ބާއްވަންވެގެން ބޮޑު މާސް ލޭންޑެއް ކޮނެ، އެތަނުގައި އިމާރާތެއް އަޅައި ކަމެއްކުރާނެ ވިސްނުމެއްނެތި އިމާރާތެއް އަޅަން މާލިއްޔަތުން ހަރަދުކުރުން، އަޅުގަނޑުގެ ނަޒަރުގައި އެއީ ބޭކާރު ހަރަދަކީ، ރައްޔިތުން ބޭނުންކުރާ ބޭންކުތައް، އޮފީސްތައް، ވިޔަފާރިތައް، އަދި މިނޫނަށް އާއްމު ރައްޔިތުންނަށް ފަސޭހައަށް ކުރާ ކަންކަމަކީ ބޭކާރު ހަރަދެއް ނޫން،" ތަރުޖަމާނު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ބިނާކުރި އައްޑޫ އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު މިހާރު ބޭނުންކުރަމުންދަނީ ހޮސްޕިޓަލެއްގެ ގޮތުގައެވެ. ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި އެތަން ހޮސްޕިޓަލަކަށް ބަދަލުކޮށް ހިންގަން ނިންމީ އެތަނުން ދެމެހެއްޓެވި ގޮތެއްގައި މަންފާލިބޭނޭގޮތެއް ނެތުމުންނެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ބާރު ސްޕީޑުގައި ކުރިއަށްދާއިރު، މިހާތަނަށް ވަނީ ދެ ސެގްމެންޓެއްގެ މަސައްކަތް ނިންމައި އާއްމުންނަށް ހުޅުވާލައިފައެވެ. އަދި މިހާރު ގެންދަނީ ބާކީ ހަތަރު ސެގްމެންޓުގެ މަސައްކަތް ކުރަމުންނެވެ. ބޮޑުތަކުރުފަނުގެ މަގު ތަރައްޤީކުރުމާއެކު އެތައް ލުއިފަސޭހައެއް އަންނަނީ ލިބެމުންނެވެ. އަދި މަގު އެއްކޮށް ނިންމާލުމާއެކު، ކުރިން ކުރިމަތިވި ބޮޑެތި ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެއެވެ.