ENGLISH

27 ޖޫން 2026

Advertisement

އުރުދުން މެޗުގެ ފުރަތަމަ އެގާރައިގައި މެސީ ނުހިމެނޭނެ: ސްކަލޯނީ

27 ޖޫން 2026

|

އިސްމާއިލް ޝާހު

އާޖެންޓީނާގެ ފަރިތަކުރުންތަކުގެ ތެރެއިން ކެޕްޓަން ލިއޮނެލް މެސީ --- ފޮޓޯ: ރޮއިޓަރސް

ފީފާ ވޯލްޑް ކަޕް 2026 ގައި ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާއިން ގްރޫޕް އެފްގެ ފަހު މެޗުގައި އުރުދުންއާ ދެކޮޅަށް ނުކުންނައިރު، ކެޕްޓަން ލިއޮނެލް މެސީ ހުންނާނީ ބެންޗުގައި ކަމަށް އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ކަށަވަރުކޮށްދީފިއެވެ.

އެމެރިކާގެ އިންޓަރ މިޔާމީއަށް ކުޅެމުން އަންނަ މެސީ ވަނީ، އަލްޖީރިއާ އާއި އޮސްޓްރިއާ އަތުން އާޖެންޓީނާ މޮޅުވި މެޗުތަކުގައި އެ ޓީމުން ޖެހި ހުރިހާ ލަނޑެއް (ޖުމްލަ ފަސް ލަނޑު) ކާމިޔާބުކޮށްދީފައެވެ. މި މޮޅުތަކާއެކު، ގްރޫޕް ސްޓޭޖުގެ ފަހު މެޗު ބާކީ އޮއްވާ އާޖެންޓީނާ ވަނީ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ.

ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ސްކަލޯނީ ބުނީ، "މެސީ މެޗު ފަށާނީ ބެންޗުން. މެސީ ކުޅެން އަރާނީ މެޗުގެ ފަހުކޮޅުގައި،" ކަމަށެވެ.

ގްރޫޕުގެ އެއްވަނަ މަގާމު އާޖެންޓީނާއިން މިހާރު ކަށަވަރުކޮށްފައިވީ ނަމަވެސް، ކުރިއަށް އޮތް ދެވަނަ ބުރަށް އިސްކަންދީގެން ބަލިކަށި ޓީމެއް ނެރޭ ކަމަށް ދެކެވޭ ވާހަކަތައް ސްކަލޯނީ ވަނީ ދޮގުކޮށްފައެވެ.

"މާދަމާގެ މެޗުގައި ކުޅޭ ހުރިހާ ކުޅުންތެރިންނަކީވެސް ކުޅުމުގެ ފުރުސަތު ހައްގުވާ، ޓީމުގެ މުހިންމު ބައިވެރިން. އަޅުގަނޑުމެން ތަމްރީނުތަކުގައި ކުރާ ހުރިހާ މަސައްކަތެއް ބިނާވެފައިވަނީ އެ ކުޅުންތެރިންގެ މައްޗަށް. އެ ކުޅުންތެރިންނަކީ ނުކުޅެ ތިބޭ ވަގުތުތަކުގައިވެސް ނުހަނު ބުރަ މަސައްކަތްކުރާ ކުޅުންތެރިން،" އޭނާ ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން ސްކަލޯނީ ބުނީ، ކޮންމެ ކުޅުންތެރިއަކަށްވެސް ކުޅުމުގެ ފުރުސަތު ދިނުމަކީ އޭނާ ބޭނުންވާ ގޮތް ކަމަށާއި، އެ ފުރުސަތު ދެނީ އެއީ އެ ފެންވަރުގެ މޮޅު ކުޅުންތެރިންނަށް ވާތީ ކަމަށެވެ. 

އާޖެންޓީނާއާ ދެކޮޅަށް މާދަމާ ހެނދުނު ޑަލަސް ސްޓޭޑިއަމްގައި ނުކުންނަ އުރުދުން ޓީމު ވަނީ ފުރަތަމަ ދެ މެޗުން ބަލިވެ، މުބާރާތުން ވަކިވާން ޖެހިފައެވެ. 

ކިޔުންތެރިންގެ ހިޔާލު