ENGLISH

27 ޖޫން 2026

Advertisement

ސިޔާސީ މުވައްޒަފުން މަދުކުރުން އޮތީ ފިޔަވަޅުއެޅުމުގެ މަރުހަލާގައި

27 ޖޫން 2026

|

އައިމިނަތު ޝަފާ

އޮފީސްތަކުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ވެލާނާގެ ބޭރުގައި. ފޮޓޯ: މިހާރު

ސަރުކާރުގެ ސައިޒު ކުޑަކުރުމަށް ސިޔާސީ މުވައްޒަފުން މަދުކުރުމުގެ އިދާރީ މަސައްކަތްތައް ނިމި މިހާރު އޮތީ ފިޔަވަޅު އެޅުމުގެ މަރުހަލާގައިކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.

"ނޭޝަން ޗެޓް" ޕޮޑްކާސްޓްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ތަރުޖަމާނު ވިދާޅުވީ ސިޔާސީ މުވައްޒަފުން މަދުކުރުމަށް އެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ މަރުހަލާގެ މަސައްކަތްތައް މިހާރު ނިމުމަކާ ހަމައަށް އައިސްފައިވާކަމަށާއި ދެން އޮންނާނީ ފިޔަވަޅު އެޅުމުގެ މަރުހަލާކަމަށެވެ. 

"އިވެލުއޭޓްކުރަނީ ހަގީގަތުގައި ނީޑެޑް ކެޕޭސިޓީ ގެނައުމުގެ ނިޔަތުގައި، މިސާލަކަށް އެސްއޯއީތައް ވެއްޖެއްޔާ އޮންނާނެ ވަން ތާޑްކަމަށްބަލާފައި މަދުކުރުން ނުވަތަ އުނިކުރަން، ސަރުކާރުގެ ސިޔާސީ މަގާމުތައް ވަކި އަދަދަކަށް އަޅުގަނޑުމެން ތިރިކުރެވޭތޯ މަސައްކަތް ކުރަނީ، ދެން އެބައި އަންނާނީ، ދެން އަންނާނީ މައުލޫމާތުގެ އަލީގައި ތަންފީޒީ މަސައްކަތް ކުރުން،". ތަރުޖަމާނު ވިދާޅުވިއެވެ. 

ސަރުކާރުގެ ސައިޒު ކުޑަކުރުމަށް ސިޔާސީ މުވައްޒަފުން މަދުކުރުމުގެ އިދާރީ މަސައްކަތްތައް ކުރިއަށްދާކަމަށާއި އެ ތަފްސީލުތައް ހާމަކުރަމުން ގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ މިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފަ އެވެ. 

ރައީސް ވިދާޅުވީ، ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު ކުޑަކުރުމަށް ނިންމި ނިންމުން ވަރަށް ހަރުކަށިކޮށް ތަންފީޒު ކުރައްވާނެ ކަމަށެވެ. އެގޮތުން މިހާރުވެސް ފަސް މިނިސްޓްރީއެއް މަދުކޮށްފައިވާ ކަމަށާއި، ކޮންމެ މިނިސްޓްރީއެއްގައި ތިބޭނެ ސިޔާސީ މުވައްޒަފުންގެ އަދަދު ކަނޑައަޅައި، މުވައްޒަފުން މަދުކުރުމުގެ އިދާރީ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މުވައްޒަފުން ވަކިކުރުމުގައި ބަލާނެ މިންގަނޑުތަކާ ބެހޭގޮތުން ރައީސް ވިދާޅުވީ، އެކަން ކުރާނީ "ޕާފޯމެންސް ބޭސްޑް" ކޮށް ކަމަށެވެ. އެގޮތުން ގަޑިއަށް ހާޒިރުވުމާއި، މަސައްކަތުގެ އަހުލާގާއި، މަސައްކަތުގެ ޒިންމާ ބަލާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ސިޔާސީ މުވައްޒަފުންގެ އަދަދު ވަރަށް ބޮޑަށް މަދުކޮށް ސަރުކާރުގެ ހިންގުން ހަރުދަނާ ކުރައްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވަ އެވެ. 

ކިޔުންތެރިންގެ ހިޔާލު