ENGLISH

27 ޖޫން 2026

Advertisement

ކްލަސިކް: އެޗްޕީއެސްއެން، ހުޅުމާލެ ހޮސްޕިޓަލް، ސީއާރްސީ އަދި ބިނާރާއަށް މޮޅެއް

27 ޖޫން 2026

|

އިސްމާއިލް ޝާހު

ކްލަސިކުގައި އެޗްޕީއެސްއެން އާއި ޕެމާ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގައި ހިމެނޭ ކްލަސިލް 2026 ގައި ރޭ ކުޅުނު މެޗުތަކުން އެންމެ ފަހުގެ ޗެމްޕިއަން ޓީމު އެޗްޕީއެސްއެން، ހުޅުމާލެ ހޮސްޕިޓަލް، ކުލަބު ކްރިމިނަލް ކޯޓު (ސީއާރްސީ) އަދި ކުލަބު ބިނާރާ  މޮޅުވެއްޖެއެވެ.

ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ ކްލަސިކް މުބާރާތުގައި 19 ޓީމެއް ވާދަކުރެއެވެ. މި ޓީމުތައް ހަތަރު ގްރޫޕަކަށް ބަހާލާފައިވާއިރު، ގްރޫޕް އޭ، ބީ އަދި ސީގައި ފަސް ޓީމު ހިމެނެއެވެ. އަދި ގްރޫޕް ޑީގައި ހިމެނެނީ ހަތަރު ޓީމެވެ.

ގްރޫޕް އޭގައި ކުޅުނު މެޗުން އެޗްޕީއެސްއެން މޮޅުވީ ރައްޔިތުންގެ މަޖިލިސް އިދާރާ (ޕެމާ) އަތުން 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އެޗްޕީއެސްއެންއަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ޝަހީމެވެ.

މި ގްރޫޕުގެ އަނެއް މެޗުން ހުޅުމާލެ ހޮސްޕިޓަލް މޮޅުވީ ބަންޑާރަ ކުލަބު އަތުން ފަސޭހަކަމާއެކު 7-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ހުޅުމާލެ ހޮސްޕިޓަލްގެ ލަނޑުތައް ޖަހައިދިނީ އިބްރާހީމް ސޯލިހު، ހަސަން ނާއިފް، އާދިލް އަބްދުލް ރަހްމާން އަދި އަޙްމަދު ފަތީނެވެ. މީގެ ތެރެއިން ސޯލިހު، ނާއިފް އަދި އާދިލް ވަނީ، ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖަހާފައެވެ.

މި ނަތީޖާތަކާއެކު ގްރޫޕް އޭގެ އެއްވަނައިގައި ހުޅުމާލެ ހޮސްޕިޓަލް އޮތީ ކުޅުނު ތިން މެޗުންވެސް މޮޅުވެ ނުވަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އެޗްޕީއެސްއެންއަށް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ކުލަބު އެވްސެކަށް ވަނީ ދެ މެޗުން ތިން ޕޮއިންޓް ލިބިފައެވެ. އަދި ހަތަރުވަނައިގައި އޮތް ޕެމާ އާއި ފުލުގައި އޮތް ބަންޑާރަ ކުލަބު ކުޅުނު ދެ މެޗުންވެސް ބަލިވެފައިވާއިރު، އެ ދެ ޓީމަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ކްލަސިކުގައި ސީއާރްސީ އާއި ހެލްތު ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

މި މުބާރާތުގެ ގްރޫޕް ބީގައި ރޭ ސީއާރްސީން ވަނީ ހެލްތު ރެކްރިއޭޝަން ކުލަބު އަތުން 8-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ. މި މެޗުގައި ސީއާރްސީގެ ޔައިޝް މުސްތަފާ ހެޓްރިކެއް ހެދިއިރު، އަލީ ޝާޒް ހިލްމީ ވަނީ ދެ ލަނޑު ޖަހާފައެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ މުޙައްމަދު ހައްސާން އަޙްމަދު، މުޙައްމަދު ޝަފްރާޒް އަދި މުޙައްމަދު ޝާއިފް ޝާމިރެވެ.

މި މޮޅާއެކު ގްރޫޕް ބީގެ އެއްވަނައިގައި ސީއާރްސީ އޮތީ ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ކުލަބު ޑީޖޭއޭއަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ހެލްތަށް ދެ މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. އަދި ހަތަރުވަނައިގައި އޮތް އިޤުތިޞާދީި ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާ (އެމްއީޑީޓީޓީ) އާއި ފުލުގައި އޮތް ކުލަބު އެސްއެމްއީ ޑިޖިޓަލަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ކްލަސިކުގައި ބިނާރާ އާއި ތަޢުލީމީ ގުޅުން ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

މީގެ އިތުރުން މި މުބާރާތުގެ ގްރޫޕް ސީގައި ރޭ ބިނާރާއިން ވަނީ 5-1 ގެ ނަތީޖާއަކުން ތަޢުލީމީ ގުޅުން ބަލިކޮށްފައެވެ. މި މެޗުގައި ބިނާރާގެ އަޙްމަދު ރުވާއު ހެޓްރިކެއް ހެދިއިރު، އަނެއް ދެ ލަނޑު ޖަހައިދިނީ އިބްރާހީމް ނާމީއެވެ. މި މެޗުގައި ތަޢުލީމީ ގުޅުމުގެ ހަމައެކަނި ލަނޑު ޖަހައިދިނީ އުމަރު ފާރޫގެވެ.

މި މޮޅާއެކު ގްރޫޕް ސީގެ އެއްވަނައިގައި ބިނާރާ އޮތީ ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އެމްއެމްއޭ ސޯޝަލް ކުލަބަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ޕީއެސްއެމްއަށް ދެ މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. އަދި ހަތަރުވަނައިގައި އޮތް ވިޒިޓް މޯލްޑިވްސް ކުލަބާއި ފުލުގައި އޮތް ތަޢުލީމީ ގުޅުމަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މި މުބާރާތުގެ ދެ މެޗެއް މިރޭ ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

  • ކުލަބު ޑީޖޭއޭ - އެމްއީޑީޓީޓީ (21:45)
  • އެމްއެމްއޭ - ވިޒިޓް މޯލްޑިވްސް ކުލަބު (21:45)
ކިޔުންތެރިންގެ ހިޔާލު