ENGLISH
27 ޖޫން 2026
ކާބޯ ވާޑޭގެ ހައިރާންކުރުވަނިވި ކުޅުމާއެކު، އާޖެންޓީނާއާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ހޯދި ގޮތް
27 ޖޫން 2026
|
ވޯލްޑް ކަޕުގެ ދެވަނަ ބުރުން ޖާގަ ހޯދުމަށްފަހު ކާބޯ ވާޑޭގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ: ރޮއިޓަރސް
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ނޮކްއައުޓް ބުރަށް ދަތުރުކުރި އެންމެ ކުޑަ ޤައުމުގެ ޝަރަފު ހޯދައި، ކާބޯ ވާޑޭއިން ވަނީ ތާރީޚީ ކާމިޔާބީއެއް ހޯދާފައެވެ. އެޓްލާންޓިކް ކަނޑުގައި އޮންނަ 10 ރަށުގެ މައްޗަށް އެކުލެވޭ މި ޤައުމަށް، މުބާރާތުގެ ގަދަ 32 ޓީމުގެ ބުރުގައި ކުރިމަތިލާން ޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާއެވެ.
ގްރޫޕް ސްޓޭޖުގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗު އެއްވެސް ލަނޑެއް ނުޖެހި އެއްވަރުވުމާއެކު، ކާބޯ ވާޑޭގެ ކުޅުންތެރިން ދަނޑުމަތީގައި ތިބެގެން މޯބައިލް ފޯނަކުން ބަލަމުންދިޔައީ، އެ ގްރޫޕުގައި ސްޕެއިން އާއި އުރުގުއޭ ބައްދަލުކުރި މެޗުގެ ފަހު ވަގުތުކޮޅެވެ. އެ މެޗުން ސްޕެއިން މޮޅުވުމާއެކު، ގްރޫޕް އެޗްގެ ދެވަނަ ޓީމުގެ ގޮތުގައި ކާބޯ ވާޑޭއަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވިއެވެ.
ވޯލްޑް ކަޕުގައި މުޅިން އަލަށް ވާދަކުރަމުން އަންނަ ކާބޯ ވާޑޭއިން މި ފުރުސަތު ހޯދީ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ވަރުގަދަ ސްޕެއިންއާ ވާދަކޮށް، 40 އަހަރުގެ ގޯލްކީޕަރު ވޮޒީނިއާގެ މޮޅު ކުޅުމާއެކު ލަނޑެއް ނުޖެހި އެއްވަރުކޮށްގެންނެވެ. އަދި ދެ ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ އުރުގުއޭއާ ވާދަކޮށް 2-2 ގެ ނަތީޖާއަކުން އެއްވަރުކުރުމަކީވެސް އެ ޓީމުން ދެއްކި ހައިރާންކުރުވަނިވި ކުޅުމެކެވެ.
އެފްރިކާގެ ފަސް ފަހަރުގެ ޗެމްޕިއަން ކެމަރޫން ފަހަތަށް ޖައްސާލުމަށްފަހު މުބާރާތަށް ކޮލިފައިވި، އެންމެ 525،000 (ފަސް ލައްކަ ފަންސަވީސްހާސް) މީހުންގެ އާބާދީއެއް އޮތް ކުޑަކުޑަ ޖަޒީރާ ޤައުމަކުން މިފަދަ ބޮޑު ކާމިޔާބީއެއް ހޯދީ ކިހިނެއް ހެއްޔެވެ؟
ވޯލްޑް ކަޕް މެޗުގެ ތެރެއިން ކާބޯ ވާޑޭގެ ސަޕޯޓަރުން --- ފޮޓޯ: ގެޓީ
ކާބޯ ވާޑޭގެ ޤައުމީ ފުޓްބޯޅަ ޓީމު ނުވަތަ "ބްލޫ ޝާކްސް" އަށް ލިބެމުންދާ ކާމިޔާބީގެ އެންމެ ބޮޑު ސިއްރަކީ، އެ ޤައުމުން ބޭރުގައި ދިރިއުޅޭ އެ ޤައުމުގެ ދަރިކޮޅުގެ ކުޅުންތެރިން ޓީމަށް ނެގުމަށް ކާބޯ ވާޑޭ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމި ނިންމުމެވެ.
ކުރީގެ އިސްތިއުމާރީ ބާރެއް ކަމަށްވާ ޕޯޗުގަލްއާއެކު އެ ޤައުމުގެ ވަރުގަދަ ގުޅުމެއް އޮންނައިރު، ނިމިދިޔަ ގަރުނުގައި ކުރިމަތިވި ހަނަފަސްކަމުގެ ސަބަބުން ގިނަ ބަޔަކު ވަނީ އެ ޖަޒީރާ ރަށްތަކުން ބޭރަށް ހިޖުރަކޮށްފައެވެ. މީގެ އިތުރުން، ކަނޑުދަތުރުފަތުރާއި ކަނޑުގެ ވިޔަފާރީގެ ސަގާފަތުގެ ސަބަބުން ނެދަލެންޑްސްގެ ރޮޓަޑަމްގައިވެސް ކާބޯ ވާޑޭއަށް ނިސްބަތްވާ ބޮޑު އާބާދީއެއް ދިރިއުޅެއެވެ.
އެ ޤައުމުގެ 26 ކުޅުންތެރިންގެ ވޯލްޑް ކަޕް ސްކޮޑަށް ބަލާއިރު، 14 ކުޅުންތެރިންނަކީ ޤައުމުން ބޭރަށް އުފަންވި ކުޅުންތެރިންނެވެ. މީގެ ތެރެއިން 6 ކުޅުންތެރިންނަކީ ރޮޓަޑަމްއަށް އުފަން ކުޅުންތެރިންނެވެ. އޭގެ ތެރޭގައި ހިމެނޭ ފޯވާޑް ޑައިލޮން ލިވްރަމެންޓޯ އަކީ މިދިޔަ ސެޕްޓެމްބަރު މަހު ކެމަރޫނާ ދެކޮޅަށް ކުޅުނު މުހިންމު ކޮލިފައިން މެޗުގައި މޮޅުވި ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ. އޭނާ މިދިޔަ ސީޒަނުގައި ކުޅެފައިވަނީ ޕޯޗުގަލްގެ ފުރަތަމަ ޑިވިޝަނުގެ ކަސާ ޕިއާ އަށެވެ.
މީގެ އިތުރުން 2019 ވަނަ އަހަރު "ލިންކްޑްއިން" މެދުވެރިކޮށް އަޔަލެންޑުގެ ޑަބްލިންއަށް އުފަން ރޮބާޓޯ ލޯޕޭސް ޓީމަށް ގެނައުމަކީވެސް ފާހަގަކޮށްލެވޭ ކަމެކެވެ. މީގެ އިތުރުން، ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ބެބޭވެސް ވަނީ ޕޯޗުގަލްގެ 21 އަހަރުން ދަށުގެ ޓީމަށް ކުޅުމަށްފަހު، 2023 ވަނަ އަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސްގައި ކާބޯ ވާޑޭ ތަމްސީލުކޮށްފައެވެ.
ވޯލްޑް ކަޕުގެ ދެވަނަ ބުރުން ޖާގަ ހޯދުމަށްފަހު ކާބޯ ވާޑޭގެ ކޯޗު ބުބިސްޓާ އުފާފާޅުކުރަނީ --- ފޮޓޯ: ގެޓީ
ކާބޯ ވާޑޭގެ މި ކާމިޔާބީތަކުގެ އެންމެ ބޮޑު ކްރެޑިޓެއް ހައްގުވަނީ، އެ ޤައުމުގެ ޤައުމީ ޓީމަށް ކުރިން ކުޅުނު އަދި 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ކޯޗުގެ މަގާމު ފުރަަމުން އަންނަ ބުބިސްޓާއަށެވެ.
އުމުރުން 56 އަހަރުގެ، ކުރީގެ ޑިފެންޑަރު ބުބިސްޓާގެ އިރުޝާދުގެ ދަށުން ޓީމަށް ލިބުނު ހަމަޖެހުމާއެކު، އޭނާ ވަނީ ދިފާއީ ގޮތުން ވަރުގަދަ، މެދުތެރޭގައި ފަންނީ ކުޅުންތެރިން ތިބި އަދި ހުނަރުވެރި ފޯވާޑުން ހިމެނޭ މޮޅު ޓީމެއް ބިނާކޮށްފައެވެ. އެފްރިކާ ކަޕް އޮފް ނޭޝަންސްގައި ވާދަކުރަން ފެށިތާ އެންމެ 10 އަހަރުގެ ތެރޭގައި، 2023 ވަނަ އަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރިއިރު، އެ ޓީމުން ވަނީ ގާނާ ބަލިކޮށް، މިސްރާ އެއްވަރުކޮށްފައެވެ.
ސްޕެއިނާ ދެކޮޅަށް ކުޅެ ލަނޑެއް ނުޖެހި އެއްވަރުވި މެޗުގައި، ތަޖުރިބާކާރު ގޯލްކީޕަރު ވޮޒީނިއާ ކުރި 7 ސޭވްއަށް ޝުކުރު ހައްގުވާއިރު، އެ ޓީމުގެ އަޚުލާގީ ފެންވަރު ފާހަގަވެގެން ދިޔައީ 2010 ވަނަ އަހަރުގެ ޗެމްޕިއަނުންނާ ދެކޮޅަށް އެންމެ ފައުލެއްވެސް ކޮށްފައި ނުވާތީއެވެ. މިއީ 1966 ވަނަ އަހަރަށްފަހު ވޯލްޑް ކަޕް މެޗެއްގައި ޓީމަކުން މިހާ މަދު ފައުލް ރިކޯޑުކުރި ފުރަތަމަ ފަހަރެވެ.
ގްރޫޕް އެޗްގައި އުރުގުއޭއާ ދެކޮޅަށް ކުޅުނު ދެވަނަ މެޗުގައި ކާބޯ ވާޑޭއިން ފެނުނީ ހަމަލާ ދިނުމަށް އިސްކަންދިން މަންޒަރެވެ. އަދި ދެވަނަ ހާފުގައި ލަނޑެއް ޖަހައި މެޗު އެއްވަރުކުރުމުން، އެ ޓީމުގެ ހިތްވަރުގަދަކަންވެސް ސާބިތުވެގެން ދިޔައެވެ.
ކޯޗު ބުބިސްޓާ ބުނި ގޮތުގައި، "ނަތީޖާއަށްވުރެ މުހިންމީ ޓީމެއްގެ ގޮތުގައި އަހަރެމެންގެ އަމިއްލަވަންތަކަމާއި، ވަރުގަދަކަމާއި، އެއްބައިވަންތަކަން އަދި ކެތްތެރިކަން ދައްކާލެވުން" ކަމަށެވެ.
ވޯލްޑް ކަޕަށް ކާބޯ ވާޑޭ ކޮލިފައިކޮށްދިނުމުގައި ބުބިސްޓާ ހޯދި ކާމިޔާބީގެ އަގު ވަޒަންކޮށް، ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލްއިން ވަނީ އޭނާއަކީ 2025 ވަނަ އަހަރުގެ އެފްރިކާ ބައްރުގެ އެންމެ މޮޅު ކޯޗުކަމަށް ނިންމާފައެވެ.
ވޯލްޑް ކަޕުގެ ދެވަނަ ބުރުން ޖާގަ ހޯދުމަށްފަހު ކާބޯ ވާޑޭގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ: ގެޓީ
ކާބޯ ވާޑޭއަށް ލިބުނު ބޮޑު ކާމިޔާބީ އާއެކު އަންނަ ހުކުރު ދުވަހުގެރޭ އެމެރިކާގެ މަޔާމީގައި، ލިއޮނަލް މެސީގެ އާޖެންޓީނާއާ ދެކޮޅަށް ކުޅެން ޖެހޭނެއެވެ.
ސައުދީ އަރަބިއްޔާއާއެކު ކުޅުނު މެޗު އެއްވަރުވުމަށްފަހު، ގައުމީ ދިދަ އޮޅާލައިގެން ހުރެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކާބޯ ވާޑޭގެ ކޯޗު ބުބިސްޓާ ބުނީ، "އަހަރެމެންނަށް ނުވާނެ ކަމެއް ނޯންނާނެ" ކަމަށެވެ.
ސައުދީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މިޑްފީލްޑަރު ޑެރޯއީ ޑުއާޓޭ ބުނީ، މިއީ ހުވަފެނެއް ފަދަ ކަމެއް ކަމަށާއި، މިކަމާ އިންތިހާއަށް އުފާވާ ކަމަށެވެ. "ފުރަތަމަ މި އުފާވެރިކަން ފާހަގަކުރަމާ ހިނގާ. އަހަރެމެން މިތިބީ ވަރަށް އުފަލުން. އުންމީދަކީ ކާބޯ ވާޑޭގެ ހުރިހާ ރައްޔިތުންވެސް މި އުފަލުގައި ބައިވެރިވުން. މާދަމާއިން ފެށިގެން އަހަރެމެން ދެން އޮތް މެޗަށް ތައްޔާރުވާނަން. އެއީ އާޖެންޓީނާއާ ދެކޮޅަށް ކުޅޭ މެޗު. އެއީ އުނދަގޫ މެޗަކަށް ވާނެ، އެކަމަކު އަހަރެމެންނަށް ކުރެވިދާނެ ކަމަށް ގަބޫލުކުރަން ޖެހޭ. ކޮންމެ ފަދަ ނަތީޖާއެއްވެސް ނުކުމެދާނެ،" ޑުއާޓޭ ބުންޏެވެ.