ENGLISH

27 ޖޫން 2026

Advertisement

ރައީސާ ވަކިން ބައްދަލުކުރުމުގެ އުސޫލެއް ހަދައި އާއްމުކުރަނީ

27 ޖޫން 2026

|

އައިމިނަތު ޝަފާ

ރައީސް މުޙައްމަދު މުޢިއްޒު ހުޅުމާލެ ފޭސް2ގައި ބޭއްވި އަވަށު ބައްދަލުވުމުގައި ރައްޔިތަކާ ވަކިން ސަލާން ކުރައްވައި ހިޔާލުތައް އަޑުއައްސަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ވަކިން ބައްދަލުކޮށް އެދޭކަމެއްގެ ވާހަކަ ހިއްސާކުރަން ބޭނުންވާ މީހުނަށް އެ ފުރުސަތު ދިނުމުގެ ގޮތުން އެކަމާ ބެހޭ އުސޫލެއް ހަދައި ވަރަށް އަވަހަށް އާއްމުކުރައްވާނެކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.

"ނޭޝަން ޗެޓް" ޕޮޑްކާސްޓްގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ދާއިރާތައް ވަކިވަކިން ކޮންމެ ދާއިރާއަކުން ވަކި އަދަދެއްގެ ރައްޔިތުންތަކަކާ ކޮންމެ ހަފްތާއެއްގެ އެއް ދުވަހު ނުވަތަ ދެ ދުވަހު ވަކި ވަގުތަކާއި އުސޫލެއް ކަނޑައަޅައިގެން ބައްދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަމުގެ ހަބަރު އެންމެ ފުރަތަމަ ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. 

އެކަމުގެ އިތުރު ތަފްސީލު ހިއްސާކުރައްވަމުން ''ޕްރެސަރ ވިތު ދަ ސްޕޮކްސް'' ސިލްސިލާގެ މިއަދުގެ ބައްދަލުކުރެއްވުމުގައި ސަރުކާރުގެ ތަރުޖަމާނު ވިދާޅުވީ މި ސަރުކާރު ފެށުނީންސުރެ ރައްޔިތުންގެ އަޑު އެއްސެވުމަށްޓަކައި މިފަދަ ބައްދަލުވުންތައް ބާއްވަމުންދާކަމަށެވެ. ނަމަވެސް މިހާރު މި ކުރާ މަސައްކަތަކީ ކުރިއަށްވުރެ މިކަން ފުޅާކުރުންކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. 

"މިހާރު މިކުރާ މަސައްކަތަކީ ތަންކޮޅެއް ފުޅާކޮށް މިކަން ގެންދިއުން، ކުރީގެ ވެރިކަންތަކުގައިވެސް ސިޓީއެއްލީމަ ނުވަތަ ޝަކުވާއެއް ހުށަހެޅީމަ އެ ރައްޔިތުންނާ ބައްދަލުކުރޭ، އޭގެ ބަދަލުގައި ރާއްޖެ އެކި ކަންކޮޅުތަކުގައި ތިބި މީހުންނަށް ފުރުސަތު ލިބޭނެހެން، އެކި ފަންނުތަކާއި އެކި ދާއިރާތަކުގެ މީހުންނަށް ފުރުސަތު ލިބޭނެހެން ގެންދަނީ، އޭރަށް ރައީސަށް ޝަކުވާއެއް ލިބިވަޑައިގެންނެވީމަ އެކަމަށް ހައްލެއް ހޯދުމަށްވެސް ފަސޭހަވެގެންދާނެތާއޭ އެކި ދާއިރާތަކުން މީހުންނާ ބައްދަލުކުރެއްވީމަ،". ތަރުޖަމާނު ވިދާޅުވިއެވެ. 

އެ ބައްދަލުވުންތަކުގެ ފުރަތަމަ ދެލި ކޮޕީ އެކުލަވާލާފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ އެންމެ ފަހު މަރުހަލާގައި ފުރިހަމަކުރަންޖެހޭ ކަންތައްކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. އަދި ބައްދަލުވުމުގެ އުސޫލު ކަނޑައެޅުމަށް ފަހު އެކަން އާއްމުންނަށް ތަފްސީލްތައް އެނގޭނެހެން ވަރަށް އަވަހަށް އިއުލާނުކުރެވިގެންދާނެކަމަށް ވެސް ވިދާޅުވިއެވެ. 

ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވާދެއްވުމަށް ސަމާލުކަންދީ ރައްޔިތުންގެ ކަންބޮޑުވުންތައް ވަރަށް ސީރިއަސްކޮށް ނަގައި މައްސަލަތައް ހައްލުކޮށްދިނުމަށް މަސައްކަތްޕުޅުކުރައްވާކަމަށް މީގެ ކުރިން ރައީސް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. އަަދި ރަށު ފެންވަރުގައާއި އަވަށު ފެންވަރުގައި ރައްޔިތުންގެ ޝަކުވާތައް އަޑުއެއްސެވުމަށް މިފަދަ ބައްދަލުވުންތައް ސިލްސިލާގޮތެއްގައި އަންނަނީ ބާއްވަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު