ENGLISH

27 ޖޫން 2026

Advertisement

އިޤްތިޞާދުގެ ވަރުގަދަކަން ގުޅިފައިވަނީ، ފުރުސަތުތައް ތަނަވަސްކޮށްދޭ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ: ރައީސް

27 ޖޫން 2026

|

ޢަލީ ޝަހީމް

2025 ވަނަ އަހަރު ބޭއްވި ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޒިޔާރަތްކުރެއްވުން. ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ އިޤްތިޞާދުގެ ވަރުގަދަކަން ގުޅިފައިވަނީ، ރަށްތަކުގައި ކުރިއެރުން ހޯދައިދީ ފުރުޞަތުތައް ތަނަވަސްކޮށްދޭ އެތައް ހާސް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރާ ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ވަނީ ރާއްޖޭގެ އިޤްތިޞާދު އިތުރަށް ވަރުގަދަކޮށް، ކޮޅަށް ޖެހުމަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ކުރާ ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި ޝުކުރުއަދާކުރައްވައިފައެވެ. 

އެމަނިކުފާނުގެ ޕޯސްޓުގައި އިތުރަށް ވިދާޅުވީ، "މޯލްޑިވްސް 2.0" ގެ ދަށުން، މާލީ އެހީތެރިކަމާއި، ޑިޖިޓަލް ވަސީލަތްތަކާއި، އިންފްރާސްޓްރަކްޗަރގެ އިތުރުން ބައިނަލްއަޤްވާމީ މާކެޓްތަކަށް ވާސިލުވުމުގެ ފުރުޞަތު ސަރުކާރުން ދަނީ ފުޅާކުރަމުން ކަމަށެވެ. 

ސަގާފީ ތަރިކައާ ގުޅުންހުރި ވިޔަފާރިވެރިންނަށް އެހީތެރިކަން ފޯރުކޮށްދޭ ސަގާފީ މަރުކަޒުތަކުން ފެށިގެން، ކްރިއޭޓަރ ހަބް، އެސް.އެމް.އީ ޑިޖިޓަލް ފައިނޭންސިން، އަދި އަލީބާބާ އާއި ޕޭޕަލް މެދުވެރިކޮށް ބައިނަލްއަޤްވާމީ މާކެޓްތަކަށް ވާސިލުވުމުގެ ފުރުޞަތު ހުޅުވާލުމާއެކު، ރާއްޖެ ދަނީ ކުރިއެރުމާއި ކާމިޔާބީއަށް އައު މަގުތަކެއް ތަނަވަސްކުރަމުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

ރާއްޖޭގެ އަމާޒު ސާފު ކަމަށާއި، ފުރުޞަތުތައް ހުޅުވާލެވިފައިވަނީ އެންމެންނަށްކަން އެމަނިކުފާނުގެ ޕޯސްޓުގައި ފާހަގަކުރެއްވިއެވެ. 

ސަރުކާރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް މިއަހަރާއި އަންނަ އަހަރު ޚާއްޞަކުރާއިރު، މައިގަނޑު ވިސްނުން ހުރީ ކޮންމެ ވިޔަފާރިއެއްވެސް ކުރިއަރައިދިއުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޯށްދީ އެފަދަ އިޤްތިޞާދެއް ބިނާކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. 


ކިޔުންތެރިންގެ ހިޔާލު