ENGLISH

27 ޖޫން 2026

Advertisement

ވާދަވެރި ޕާޓީ ޒިންމާދާރުވުމަކީ ސަރުކާރުން ރަނގަޅުކަމެއް ކުރީމަ އެކަން ބަލައިގަންނަން ކެރުން: ތަރުޖަމާނު

27 ޖޫން 2026

|

އައިމިނަތު ޝަފާ

ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް. ފޮޓޯ؛ ރައީސް އޮފީސް

ވާދަވެރި ސިޔާސީ ޕާޓީތައް ޒިންމާދާރުވުމަކީ ސަރުކާރުން ކުރާ ރައްޔިތުންނަށް ފައިދާހުރި ރަނގަޅު ކަންކަން ބަލައިގަންނަން ކެރުންކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ''ޕްރެސަރ ވިތު ދަ ސްޕޮކްސް'' ސިލްސިލާގެ މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

މިފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވާގޮތަށް ސަރުކާރުގެ އިސް ބޭފުޅުން އަންނަނީ މިވަގުތު އިދިކޮޅު ވާދަވެރި ސިޔާސީ ޕާޓީއެއް ނެތްކަމަށް ވިދާޅުވަމުންނެވެ. އެވާހަކަތަކާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ތަރުޖަމާނު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ބޭނުމަކީ ހަމައެކަނި އިންތިހާބުތަކުގައި ވާދަކޮށްގެން ނަތީޖާ ނެރުން ނޫންކަމަށާއި ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާދެނީ ޒިންމާތަކެއްވެސް ހަވާލުކޮށްފައިކަމަށެވެ. 

ސިޔާސީ ޕާޓީއަކުން ސިޔާސީ ވާދަވެރިކަން ސަރުކާރުގެ ހުރިހާކަމަކަށް ދެއްކުމުގެ ބަދަލުގައި ރައްޔިތުންނަށް ފައިދާވާގޮތަށް ސަރުކާރަކުން ކުރާ ކަންކަން ބަލައިގަންނަންޖެހޭކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

"ރާއްޖޭގައި މިއަދު މި ފެންނަނީ އެކަމެއް ނޫން، ޒިންމާދާރުކަމަކީ އަޅުގަނޑުމެން ރަނގަޅުކަމެއްކުރީމަ ނުވަތަ އެކަމަކީ ޖުމްލަގޮތެއްގައި ފައިދާހުރި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބަލައިގަންނަކަމަކަށްވާނަމަ އެކަމަށް މަރުހަބާ ކިޔުން،" ތަރުޖަމާނު ވިދާޅުވިއެވެ.

މި ސަރުކާރު އިދިކޮޅު ސިޔާސީ ހަރަކާތުގެ ގޮތުގައި އޮތްއިރު ކޮވިޑް-19 ގެ އާލަމީ ބަލިމަޑުގެ ދުވަސްވަރު އެމްޑީޕީން އަޅަމުންދިޔަ ބައެއް ފިޔަވަޅުތަކަށް މަރުހަބާ ކިޔައި އެއީ ރަނގަޅު ނިޔަތެއްގައި އެ ސަރުކާރުން އެޅި ފިޔަވަޅުތަކެއްކަން ހާމަކޮށްފައިވާނެކަމަށެވެ. އެކަމަށް ތާއީދުކުރުމާއެކު އެކަން ފުރިހަމަވާނެ އިތުރު ގޮތްތައްވެސް އަމިއްލަ ރައުޔަށް ކިޔާދީފައިވާނެކަމަށް ވިދާޅުވިއެވެ. 

ސަރުކާރުން ކުރާ ހުރިހާކަމެއްގައި ދެކޮޅު ހެދުމަކީ ސިޔާސީ ޕާޓީއެއްގެ ޒިންމާދާރުކަމުން އުނިވާކަމެއްކަމަށާއި ރައީސް ފާހަގަކުރައްވަމުން ގެންދަވަނީ އެކަންކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު