ENGLISH

27 ޖޫން 2026

Advertisement

އީ-ވޯޓިން ތައާރަފުކުރާކަށް ނޫޅެން، މިއުޅެނީ ކޮރަޕްޝަން ނައްތާލަން: ރައީސް

27 ޖޫން 2026

|

އައިމިނަތު ޝަފާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު "ނޭޝަން ޗެޓް"ގެ ދެ ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަނީ. ފޮޓޯ؛ ރައީސް އޮފީސް.

"މޯލްޑިވްސް 2.0"ގެ ތެރެއިން ރާއްޖެ ޑިޖިޓަލް ކުރިޔަސް ވޯޓުލާ ގޮތާ ނުކުޅޭނެ ކަމަށާއި، އިލެކްޓްރޯނިކް ވޯޓިން ނުވަތަ އީ ވޯޓިން ގެންނަން ސަރުކާރުން ނޫޅޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

ސަރުކާރުން މިހާރު މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ބިލަކީ އީ-ވޯޓިން ތައާރަފްކޮށް، ވޯޓުން ވައްކަން ކުރަން ސިިއްރު އެޖެންޑާއެއްގެ ދަށުން ކުރާ ކަމެއް ކަމަށް އިދިކޮޅު އެމްޑީޕީން ދަނީ ތުހުމަތުކުރަމުންނެވެ.

ސިލްސިލާ ޕޮޑްކާސްޓް "ނޭޝަން ޗެޓް"ގެ ދެ ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ "މޯލްޑިވްސް 2.0" އަކީ އޭގެ ތެރެއިން އެކި އެކި މަގުސަދުތައް ހާސިލުކުރުމަށް ކުރާ ކަމެއްކަމަށެވެ. އަދި ޑިޖިޓަލް އިކޮނޮމީއެއް ގާއިމުކުރުމަކީ އެމަނިކުފާނުގެ ވައުދުފުޅެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ 2023 އާ ހަމައަށް ދާއިރު ދިވެހި ގައުމީ އުފެއްދުންތެރިކަމުގެ 15 އިންސައްތަ އަކީ ޑިޖިޓަލް އިގްތިސާދަށް ބަރޯސާވާ މިންވަރަކަށް ހެދުމަށް އުއްމީދެއްކަމަށެވެ. 

"މޯލްޑިވްސް 2.0" މަޝްރޫއަކީ މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންގީލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް ސަރުކާރުން އިފްތިތާހުކުރި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އީ-ވޯޓިން ތައާރަފުކުރަން ނޫޅުއްވާކަމަށެވެ. 

"ވޯޓުލުން ޑިޖިޓަލް ކުރާކަަށް ނޫން މިއުޅެނީ އިނގޭތޯ، މިވެސް ކުރީ ދުވަހު މަޖިލީހުން އަޅުގަނޑުމެންނަށް އިވުނު ވާހަކައެއް، އިދިކޮޅު ފަރާތްތަކަށް ނެތް މިހާރު ރައްޔިތުންނަށް ވިއްކާނެ އެއްވެސް ސިޔާސަތެއް، އެހެންވީމަ މި އޮންނަނީ ދޮގު ހެދުން، އެގޮތުން ހަދާލި ދޮގެއް މިވެސް، އަޅުގަނޑުމެން ނޫޅެން "މޯލްޑިވްސް 2.0"ގެ ތެރެއިން އީ-ވޯޓިން ތައާރަފުކުރާކަށް، މިއުޅެނީ ކޮރަޕްޝަން ނައްތާލަން މައިގަނޑު ގޮތެއްގައި،". ރައީސް ވިދާޅުވިއެވެ.

ކޮރަޕްޝަން ނައްތާލުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމުކަމަކީ ރައްޔިތުންނަށް ފޯރުކޮށްދެންޖެހޭ ހިދުމަތްތަކުގެ ތެރެއަށް އިންސާނުން ވަންނަންޖެހޭ މިންވަރު ކުޑަކުރުންކަމަށާއި "މޯލްޑިވްސް 2.0"ގެ ތެރެއިން މަގުފަހިވެގެންދަނީ މިކަމަށްކަމަށް ރައީސް ވިދާޅުވިއެވެ.

"މޯލްޑިވްސް 2.0"ގެ ސަބަބުން ސަރުކާރު މިހާރަށްވުރެ "ސްމާޓް" ކޮށް، ހަލުވި ހިދުމަތް ދިނުމަށާއި، ކޮރަޕްޝަން ނައްތާލައި، ދެފުށް ފެންނަގޮތަށް ޓެކްނޮލޮޖީގެ އެހީގައި ހިންގުން ބަދަލުކުރުމަށް މަގުފަހިވެގެންދާނެއެވެ.

މި މަޝްރޫއުން ތަންފީޒުކުރެވޭ އިސްލާހީ މަސައްކަތްތަކާއެކު ފިޒިކަލް އަދި ޑިޖިޓަލް ކިއުތަކުގެ ބަދަލުގައި މަދު ކްލިކްތަކަކުން ހިދުމަތް ލިބޭނެގޮތަށް ހިދުމަތްތައް ފަރުމާކުރެވޭނެއެވެ. އަދި ހިންގުމުގައި އަދި ހިދުމަތް ހޯދުމުގައި ވަކިވެފައިވާ ރަށްތަކެއްގެ ވިސްނުމާއި ހިދުމަތް ދިނުމަށް ވަކި ވަކި ނިޒާމުތެއް ގެންގުޅޭކަމުގެ އިހުސާސްގެ ބަދަލުގައި، ގުޅިފައިވާ ވިއުގައަކުން ހިދުމަތް ލިބޭ ގައުމެއް ގޮތަށް ރައްޔިތުންގެ އިހުސާސްތަކާއި ތަޖުރިބާ ބަދަލުކުރެވޭނެއެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ތެރެއިން ހިދުމަތްތައް ލިބުމުގައި ލަސްވާ ލަސްވުމަށް ފަރުވާހޯދައި، އަވަސް ހިދުމަތެއް ފޯރުކޯށްދިނުން އަދި ނަތީޖާ ނެރުމަށް އިސްކަންދީ، ހިދުމަތް ހޯދުމުގައި ކަންކަންވާންވީ ގޮތް ނޭނގޭގޮތަށް އޮންނަ އޮތުން ބަދަލުކޮށް ދެފުށްފެންނަ ހުޅުވާލެވިފައިވާ ހިދުމަތް ދިނުމުގެ ނިޒާމެއް ބައްޓަންކުރެވިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު