ENGLISH

26 ޖޫން 2026

Advertisement

އެމްޑީޕީ ރަޖިސްޓްރީކުރަން ލަންކާއަށް ދިޔަ ބައިވެރިއެއްގެ ޙައިސިއްޔަތުން މެންބަރު އިބްރާހިމްގެ ނަސޭހަތެއް

26 ޖޫން 2026

|

އަޙުމަދު ޙަމީދު

މެންބަރު މުޙައްމަދު އިބްރާހިމް

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ރަޖިސްޓްރީކުރަން އަވައްޓެރި ސްެރީލަންކާއަށް ދިޔަ ބައިވެރިއެއްގެ ޙައިސިއްޔަތުން ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ މެދު ދާއިރާގެ މެންބަރު އިބްރާހިމް މުޙައްމަދު އެ ޕާޓީގެ ވެރީންނާއި މެންބަރުންނަށް ނަސޭހަތެއް ދެއްވައިފި އެވެ.

މެންބަރު އިބްރާހިމް މި ނަސޭހަތް ދެއްވީ އެމްޑީޕީއަށް 21 އަހަރު ފުރުމާއި ދިމާކޮށް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އެމްޑީޕީ އުފެއްދީ ލަންކާގަ އެވެ.

އެއީ އޭރުގެ ޙާލަތު ހުރި ގޮތުން ސިޔާސީ މަސައްކަތަށް ރާއްޖޭގައި އެންމެ ފަހި މާހައުލެއް ނެތުމުންނެވެ. އެ މަސައްކަތަށް ލައްކާއަށް ވަޑައިގެންނެވި އިސް ބޭފުޅަކީ އިސްލާހީ ހަރަކާތުގައި މުހިންމު ދައުރެއް އަދާކުރެއްވި މުޙައްމަދު ލަތީފް (ގޯގޯ ލަތީފް) އެވެ. 

މެންބަރު އިބްރާހިމަކީ ވެސް ލަންކާއަށް ވަޑައިގެންނެވި ވަފްދުގެ މެންބަރެކެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މެންބަރު ވަނީ އެމްޑީޕީ އުފެއްދި މަޤްސަދާ އެ ޕާޓީގެ މިހާރުގެ އަމާޒު ބޮޑުތަނުން ޚިލާފުވެފައިވާ ކަމަށް ވިދާޅުވެ ނަސޭހަތެއް ދެއްވާފަ އެވެ.

‏"المرحوم ގޯގޯލަތީފާއެކު އެމްޑީޕީ ރަޖިސްޓްރީކުރަން ލަންކާއަށް ދިޔަ ބައިވެރިއެއްގެ ޙައިސިއްޔަތުން ދޭން އޮތް ނަސޭޙަތަކީ ޕާޓީގެ ލީޑަރޝިޕް ބޮޑުތަނުން އުފެއްދި މަޤްސަދާ ޚިލާފަށް ފާއިތުވީ ތަނުގައި ޢަަމަލު ކުރިއޭ އަދި މިހާރުވެސް މިސްރާބު ހުރީ ހަމަ އެހެންނޭ މިކަން ރަނގަޅުކޮށްދެއްވަވާށޭ،" މެންބަރު އިބްރާހިމްގެ ޕޯސްޓްގައި ވިދާޅުވެފައިވެ އެވެ.

ގޯގޯ ލަތީފަކީ އަކީ ރާއްޖޭގައި ޑިމޮކްރަސީ ޤާއިމުކުރުމަށް ކުރެވުނު މަސައްކަތުގައި ވަރަށް ބޮޑު ހިއްސާއެއް އޮތް ބޭފުޅެކެވެ.

އެމްޑީޕީ އުފެއްދުމަށް އެ ޕާޓީގެ ފުރަތަމަ މެނިފެސްޓޯ ލިޔެ އަދި ކޮލަމްބޯ ޑިކްލަރޭޝަން އެކުލަވާލުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ ލަތީފެވެ. މެންބަރު އިބްރާހިމް އެ ފާހަގަ ކުރެއްވީ އެ މަސައްކަތަށް ލަންކާއަށް ކުރެއްވި ދަތުރެވެ.

1989 ވަނަ އަހަރު ގއ އަތޮޅު މެންބަރުކަން ވެސް ކުރެއްވި ގޯގޯ ލަތީފް ވަނީ ފަހުން އެމްޑީޕީން ވަކިވެވަޑައިގެންފަ އެވެ. އެއީ ކުރީގެ ރައީސް ނަޝީދުގެ ޒައާމަތުގައި އެމްޑީޕީ، އެ ޕާޓީ އުފެއްދި މަޤްސަދާ ދުރަށް ދިއުމުންނެވެ.

ލަތީފް އަވަހާރަވީ ޖުލައި 3، 2022 ގައި ސްރީލަންކާގަ އެވެ.

އެމްޑީޕީ އުފެއްދި މަޤްސަދާއި މުޅީން ދުރަށް ގޮސް އެ ޕާޓީގެ އުސޫލުތައް ބަދަލުވުމުން ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮޅުން އުޅުއްވި ވަރަށް މަދު ބޭފުޅަކު ނޫނީ މިހާރު އެ ޕާޓީގައި ނެތެވެ.

ކިޔުންތެރިންގެ ހިޔާލު