ENGLISH
26 ޖޫން 2026
ކުދި ވިޔަފާރިތަކުގެ ދުވަސް ފާހަގަކުރުމަށް ހާއްސަ ހަރަކާތްތަކެއް
26 ޖޫން 2026
|
ކުދި ވިޔަފާރިތަކުގެ ދުވަސް ފާހަގަކުރުމަށް އަންނަނީ ތައްޔާރުވަމުން.
އެންމެ މަޤްބޫލު
އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ އިސްނެގުމާއެކު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާއި އެސްއެމްއީ ޑިޖިޓަލް އިން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމައިފިއެވެ.
މިއަހަރުގެ އެމްއެސްއެމްއީ ދުވަހަކީ މާދަމާއެވެ. މި ދުވަހާއި ގުޅުވައިގެން ކުރިއަށްގެންދާ މި ހަރަކާތްތަކުގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވިޔަފާރިތައް ކުރިއެރުވުމާއި، އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުންކަމަށް ބީސީސީން މައުލޫމާތުދެއެވެ. އެގޮތުން ރާއްޖޭގެ އެކި ރަށްތަކުގައި ބީސީސީން ހިންގާ ބިޒްނަސް ސެންޓަރުތައް މެދުވެރިކޮށް "އެމް.އެސް.އެމް.އީ ބިޔޯންޑް" ގެ ނަމުގައި، ވިޔަފާރީގެ ދާއިރާއަށް ޝައުގުވެރިވާ ފަރާތްތަކަށާއި، ކުދި ވިޔަފާރިތަކަށް ޚާއްޞަ ސެޝަންތަކެއް ކުރިއަށްގެންދަން ވަނީ ނިންމާފައެވެ. މި ސެޝަންތަކުގައި، ވިޔަފާރިއެއް އަމަލީގޮތުން ކުރަން ބޭނުންވާ މަޢުލޫމާތާއި، ވިޔަފާރިއެއް ފަށާނެ ގޮތުގެ މަޢުލޫމާތުގެ އިތުރުން ކާމިޔާބު ވިޔަފާރިވެރިންގެ ތަޖުރިބާ ހިއްސާކުރާނެއެވެ.
މި ދުވަސް ފާހަގަ ކުރުމުގެގޮތުން އެސްއެމްއީ ޑިޖިޓަލް އިން ވެސް ވަނީ ޚާއްޞަ ޙަރަކާތްތަކެއް ރާވާފައެވެ. އެގޮތުން ހޮނިހިރު ދުވަހުގެ ހެނދުނު 9:30 އިން ހަވީރު 4:00އަށް މާލެ އަތޮޅު ހުރާގައި، ވިޔަފާރިތަކަށާއި ވިޔަފާރީގެ ދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކަށް ޚާއްޞަކޮށްގެން އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ ޚާއްޞަ ޙަރަކާތް ފާހަގަ ކޮށްލެވެއެވެ. ހުރާ ކައުންސިލާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނާއި ގުޅިގެން އެސްއެމްއީ ޑިޖިޓަލް އިން ކުރިއަށްގެންދާ މި ޙަރަކާތުގައި، އެ ބޭންކުން ވިޔަފާރިތައްކަށް ހުރި މާލީ އެހީގެ ފުރުޞަތުތަކާއި ވިޔަފާރިތައް ކުރިއެރުވުމަށާއި، ވިޔަފާރިވެރިންނަށް ބޭނުންވާ އެކި މަޢުލޫމާތުތައް ދިނުން ކުރިއަށް ދާނެއެވެ.
މީގެ އިތުރުން، ބީސީސީން ވަނީ "އެމް.އެސް.އެމް.އީ ޕިޗް އަޕް" ގެ ނަމުގައި ހާއްސަ ޙަރަކާތެއް ވެސް ތައާރަފުކޮށްފައެވެ. މި ހަރަކާތުގެ ދަށުން ހޮވާލެވޭ އަށް ޓީމަކަށް ދާއިރާގެ ތަޖުރިބާކާރުންނާއި ބީސީސީގެ ޓީމުގެ ފަރާތުން މެންޓަރިންގ ފޯރުކޮށްދޭނެއެވެ. މީގެ ބޭނުމަކީ އެ ފަރާތްތަކުގެ ވިޔަފާރި ޚިޔާލުތައް ތަރައްޤީކޮށް، މާކެޓަށް ނެރެވޭނެ ފަދަ އުފެއްދުންތަކަކަށް ބަދަލުކުރުމަށް އެހީތެރިވުމެވެ. މީގެ ތެރޭގައި އުފެއްދުންތައް ތަރައްޤީކުރުމާއި، ބިޒްނަސް ޕްލޭން ހެދުމުގެ އިރުޝާދުތައް ވެސް ހިމެނެއެވެ.
މި ހަރަކާތްތަކުގެ ތެރެއިން ބާއްވާ "އެމް.އެސް.އެމް.އީ ފެސްޓް" އޮންނާނީ ޖޫން 27 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މި ފެސްޓިވަލްގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަ 30 ސްޓޯލް ހުންނާނެއެވެ. މީގެ އިތުރުން މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި، ކުޑަކުދިންނަށް ޚާއްސަ ކުޅިވަރުތަކުގެ އިތުރުން ކާބޯތަކެތީގެ ޚިދުމަތް ވެސް މި ފެސްޓިވަލްގައި ލިބެން ހުންނާނެއެވެ.
މީގެ އިތުރުން މި ދުވަހާ ގުޅިގެން "އެމް.އެސް.އެމް.އީ ޑޭ ލައިވް" ގެ ނަމުގައި މުޅި ދުވަހަށް ބަހާލައިގެން ޚާއްސަ ޓީވީ ޕްރޮގްރާމްތަކާއި މަޢުލޫމާތު ބްރޯޑްކާސްޓް ކުރުމަށް ވެސް ހަމަޖައްސާފައިވެއެވެ. މި ޕްރޮގްރާމްގައި ވިޔަފާރިތަކަށް ހުރި ފުރުޞަތުތަކާއި، ކާމިޔާބު ވިޔަފާރިވެރިންގެ ވާހަކަތަކުގެ އިތުރުން ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލާނެއެވެ.
މި ހަރަކާތްތަކުގެ ބޭނުމަކީ ވިޔަފާރީގެ ދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކަށާއި ވިޔަފާރިތަކަށް ބޭނުންވާ މަޢުލޫމާތާއި އެހީތެރިކަން ފޯރުކޮށްދިނުންކަމަށް ބީސީސީން ބުންޏެވެ.