ENGLISH

26 ޖޫން 2026

Advertisement

ދަރީންނަކީ އަމާނާތެއް، އިހުމާލުވުމަކީ ޚިޔާނާތްތެރިވުން: ހުކުރު ޚުޠުބާ

26 ޖޫން 2026

|

މުޙައްމަދު އަދުހަމް

ދަރީންނަކީ އަމާނާތެއް ކަމަށާއި، އެ ކުދީންނަށް ހެއު ގޮތުގައި ތަރުބިޔަތު ނުދީފި ނަމަ، އަދި އެ ކުދީންގެ ޙައްޤުތައް އަދާކުރުމުގައި އިހުމާލުވެއްޖެ ނަމަ، ތިބާ އެވަނީ ޙަވާލުކުރެވިފައިވާ އަމާނާތަށް ޚިޔާނާތްތެރިވެފައި ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

"އަމާނާތްތަކަށް ރައްކާތެރިވުން" މި މަޢުޟޫއަށް މުޅި ރާއްޖޭގައި ދިން ޚުޠުބާގައި ބުނީ، އަމާނާތުގެ މާނައަކީ ހަމައެކަނި މީސްތަކުންގެ މުދަލާއި ރައްކާކުރާންދޭ ތަކެތި ރައްކާކުރުން އެކަންޏެއްނޫން ކަމަށެވެ.

އަމާނާތުގައި އެއަށް ވުރެ މާ ތަނަވަސް ފުޅާ މާނައެއް އެކުލެވިފައިވާ ކަމަށާއި، އެއިގެ ތެރޭގައި މާތް اللهގެ ޙައްޤުތަކާއި މީސްތަކުންގެ ޙައްޤުތަކުގެ ތެރެއިން އިންސާނާއާ ޙަވާލުކުރެވިފައިވާ ހުރިހައި ޙައްޤުތަކެއް ހިމެނޭ ކަމަށް ޚުޠުބާގައި ބުންޏެވެ. 

"މާތް الله ތިބާއަށް ދެއްވައިފައިވާ ގުނަވަންތަކަކީ ތިބާއާ ޙަވާލުކުރެވިފައިވާ އަމާނާތެކެވެ. ލޮލަކީ އަމާނާތެކެވެ. އެއިން ޙަރާމް ތަންތަނަށް ނުބަލާށެވެ! ކަންފަތަކީ އަމާނާތެކެވެ. އެއިން ޙަރާމް އަޑުތައް ނާހާށެވެ! ދުލަކީ އަމާނާތެކެވެ. އެއިން މީހުންގެ އަބުރުކަތިލައި، ޣީބަބުނެ، ނެތިމޮށި ނުއުޅޭށެވެ! އަދި ދޮގުހެދުމުން އެ ދޫ ރައްކާތެރިކުރާށެވެ! ހަމަ އެފަދައިން ދަރީންނަކީ ވެސް އަމާނާތެކެވެ. އެ ކުދީންނަށް ހެއު ގޮތުގައި ތަރުބިޔަތު ނުދީފި ނަމަ، އަދި އެ ކުދީންގެ ޙައްޤުތައް އަދާކުރުމުގައި އިހުމާލުވެއްޖެ ނަމަ، ތިބާ އެވަނީ ޙަވާލުކުރެވިފައިވާ އަމާނާތަށް ޚިޔާނާތްތެރިވެފައެވެ." ޚުޠުބާގައި ބުންޏެވެ.

މާތް ނަބިއްޔާ صلى الله عليه وسلم ވަނީ އަމާނާތްތެރިކަމަކީ ކިހައި މުހިންމު ކަމެއްކަން އަހަރެމެންނަށް ބަޔާންކޮށްދެއްވާފައިވާ ކަމަށާއި، އަދި އެ އަމާނާތަށް ޚިޔާނާތްތެރިވުމަކީ މުނާފިޤުންގެ ޢަލާމާތެއްކަމުގައި އަންގަވައިފައިވާ ކަމަށް ވެސް ޚުޠުބާގައި ބުންޏެވެ.

ޚުޠުބާގައި ބުނީ، الله سُبْحَانَهُ وَتَعَالَى ވަނީ، އަމާނާތްތަކަށް ރައްކާތެރިވުމަކީ ފިރުދައުސޭ ކިޔުނު ސުވަރުގޭގެ ވާރުތަވެރީންގެ ސިފަތަކުގެ ތެރެއިން ސިފައެއްކަމުގައި ލައްވައިފައިވާ ކަމަށެވެ.

އިސްލާމްދީނުގައި އަމާނާތަކީ ވަރަށް މަތިވެރި، ބޮޑުވެގެންވާ އަދި އެހައިމެ ބުރަދަންހުރި އެއްޗެއް ކަމަށާއި، މުއުމިނެއްގެ އީމާންކަން ފުރިހަމަވާނީ އޭނާއަކީ އަމާނާތްތެރިއަކަށްވެގެން ކަމަށް ވެސް ޚުޠުބާގައި ބުންޏެވެ.

"އަމާނާތްތެރިކަމެއް ނުވާ މީހާގެ އީމާންކަން ފުރިހަމައެއް ނުވެއެވެ. އަދި ޢަހުދަށް ވަފާތެރިނުވާ މީހާގެ ދީން ފުރިހަމައެއްނުވެއެވެ." ޚުޠުބާގައި ބުންޏެވެ.

ޚުޠުބާގައި ބުނީ، الله سُبْحَانَهُ وَتَعَالَى ބޮޑުވެގެންވާ މި އަމާނާތް އުޑުތަކަށާއި ބިމަށާއި ފަރުބަދަތަކަށް ހުށަހެޅުއްވި ކަމަށާއި، ނަމަވެސް އެ ތަކެތި އެ ކަމުގެ މަސްއޫލިއްޔަތުގެ ބޮޑުކަމާއި ޙިސާބުބެއްލެވުމުގެ ގަދަފަދަކަމާ ހުރެ އެ ކަމާ ބިރުވެތިވެ، އެ ކަމާ ޙަވާލުވުމަށް އިންކާރުކުރިއިރު އިންސާނާ އެ އަމާނާތް އުފުލި ކަމަށެވެ.

"މިކަމުގެ ބޮޑުކަން ތިޔަބައިމީހުންނަށް ތަޞައްވުރުކުރެވޭހެއްޔެވެ؟ އުޑުތަކުގެ އުސްކަމާއި، ބިމުގެ ތަނަވަސްކަމާއި، ފަރުބަދަތަކުގެ ބިޔަކަމާއެކު ވެސް އެ ކަމަށް އިންކާރުކޮށް ބިރުވެތިވިއެވެ. ނަމަވެސް ބަލިކަށި އިންސާނާ އެ އަމާނާތް އުފުލުމާ ޙަވާލުވިއެވެ!" ޚުޠުބާގައި ބުންޏެވެ.

ޚުޠުބާގައި ބުނީ، އަހަރެމެން އެންމެ ބޮޑަށް ސަމާލުވެ، ރައްކާތެރިވާންޖެހިފައިވާ އެއް އަމާނާތަކީ، ދައުލަތާއި ޢާންމު ރައްޔިތުންގެ މުދަލާއި ފައިސާ ކަމަށެވެ. މިއީ ބޮޑުވެގެންވާ އަމާނާތެއް ކަމަށާއި، މީހެއްގެ އަމިއްލަ މުދަލަކަށް ޚިޔާނާތްތެރިވުމަށް ވުރެ، ރައްޔިތުންގެ މުދަލަށް ޚިޔާނާތްތެރިވުމުގެ ފާފަ މާ ބޮޑު ކަމަށް ޚުޠުބާގައި ބުންޏެވެ. ސަބަބަކީ އެއީ މުޅި މުޖުތަމަޢުގެ ޙައްޤަކަށްވާތީ ކަމަށް ބުންޏެވެ.

އަހަރެމެން އަދާކުރާ ވަޒީފާތަކާއި، އެ ވަޒީފާގެ ވަގުތުތަކަކީ ވެސް ބޮޑުވެގެންވާ އަމާނާތަކަށްވުމާއެކު ވަޒީފާގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާނުކުރުމާއި، ވަޒީފާގެ ވަގުތަށް ފަރުވާކުޑަކުރުމަކީ އަމާނާތަށް ވެވޭ ވަރަށް ބޮޑު ޚިޔާނާތެއް ކަން ޚުޠުބާގައި ހަނދާންކޮށްދީފައިވެއެވެ. މީގެ އިތުރަށް، މީސްތަކުން އަހަރެމެންނަށް އިތުބާރުކޮށްފައި ކިޔައިދޭ ވާހަކަތަކަކީ ވެސް އަމާނާތެއް ކަމަށް ޚުޠުބާގައި ބުންޏެވެ.

ޚުޠުބާ ނިންމާލަމުން ވަނީ، އަމިއްލަ ނަފުސުތަކަށާއި، އަނބިދަރިންނަށާއި، އަދާކުރާ ވަޒީފާތަކަށާއި ރައްޔިތުންގެ މުދަލަށް ފުރިހަމައަށް އަމާނާތްތެރިވެ، ވަށައިގެންވާ ޤުދުރަތީ ވެށްޓާއި ދިރޭތަކެއްޗަކީ ވެސް، އަންނާންއޮތް ޖީލުތަކަށް ޓަކައި ރައްކާތެރިކުރުމަށް މާތް الله އަހަރެމެންނާ ޙަވާލުކުރައްވައިފައިވާ ބޮޑުވެގެންވާ އަމާނާތެއްކަން ހަނދާން ކުރުމަށް ގޮވާލައިފައެވެ. 

ތިމާވެއްޓަށް ގެއްލުން ނުދީ، އިސްރާފުނުކޮށް ހެޔޮ ގޮތުގައި ބޭނުންކުރުމަކީ ވެސް އަމާނާތްތެރިކަމުގެ ތެރެއިންވާ ކަމެއް ކަމަށާއި، ޤިޔާމަތްދުވަހުން މި ހުރިހައި އަމާނާތްތަކާ މެދު ސުވާލުކުރެއްވޭނޭކަން ދަނެ، މާތް اللهއަށް ބިރުވެތިވެ އަމާނާތްތަކަށް ރައްކާތެރިވުމަށް ޚުޠުބާގައި އިލްތިމާސްކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު