ENGLISH

26 ޖޫން 2026

Advertisement

"ޕާޓީގެ މެމްބަރުންނަށް މިނިވަން އިންސާފުވެރި އިންތިހާބެއް ކަށަަވަރުކޮށްދޭނަން"

26 ޖޫން 2026

|

އައިމިނަތު ޝަފާ

ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ ޕީއެންސީ މެންބަރު ހަސަން މުފީދު އަބްދުލްގާދިރު

ކޮންގްރެސް ޕާޓީގެ ދާއިރާތަކުގެ އިންތިހާބު އަންނަ މަހުގެ 11 ގައި ބާއްވަން ނިންމާފައިވާއިރު އެ އިންތިހާބުގައި  ޕާޓީގެ މެމްބަރުންނަށް މިނިވަން އިންސާފުވެރި އިންތިހާބެއް ކަށަަވަރުކޮށްދޭނެކަމުގެ ޔަގީންކަން އެ ޕާޓީން ދީފިއެވެ. 

އެމްއެމްޓީވީގެ "ބޮޑު ހަބަރު" ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ ޕީއެންސީ މެންބަރު ހަސަން މުފީދު އަބްދުލްގާދިރު ވިދާޅުވީ ޕީއެންސީގެ ލީޑާޝިޕަކީ އެއްވެސް ވަރަކަށް ކަންކަމަށް ނުފޫޒު ފޯރުވާނެ ބައެއް ނޫންކަމަށެވެ. 

އިންތިހާބު ބޭއްވިގެންދާނީ ޕީއެންސީގެ އަސާސީ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންކަމަށާއި އިންތިހާބުގެ ކުރިން އިންތިޒާމު ކޮމިޓީން ބާއްވާ ބައްދަލުވުންތަކުގައިވެސް މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ޕާޓީގެ ލީޑާޝިޕުން ބާރުއަޅާކަމަށެވެ. 

" މި އިންތިހާބު ވެގެންދާނީ މިހާތަނަށް ރާއްޖޭގައި ބޭއްވޭ އެންމެ ގިނަ މީހުންގެ ބައިވެރިވުން އޮތް އިންތިހާބަށް، އިންތިހާބުގައި ބައިވެރިވާން މި މަހު 15 ގައި ހުޅުވާލާފައި މުއްދަތު ހަމަވާން މިއިނީ މި މަހު 30 އާ ހަމައަށް، މިހާތަނަށް ހުށަހަޅާފައިވާ ފޯމުތަކަށް ބެލިޔަސް ވަރަށް އުއްމީދީ ގޮތަކަށް މިދަނީ، ދަންނަވާލަން ބޭނުންވަނީ އަވަހަށް ލަސް ނުކޮށް ފޯމު ހުށަހަޅާށޭ، އޭރުން ކަމެއް ދިމާވިޔަސް އެކަން ހައްލުކުރުން އަވަސްވާނެ،". މެމްބަރު ވިދާޅުވިއެވެ.

މި ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން ވިދާޅުވީ ކޮންގްރެސް ޕާޓީގެ ދާއިރާތަކުގެ އިންތިހާބަކީ ޕާޓީގެ އެތެރެ ވަރުގަދަކޮށް 2028 ގެ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކުރެވޭ މުހިންމު މަސައްކަތެއްކަމަށެވެ. 

ޕީއެންސީއަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީކަން ފާހަގަކުރައްވަމުން މެމްބަރު އިބްރާހީމް ވިދާޅުވީ ދާއިރާތަކުގެ އިންތިހާބާއެކު ޕީއެންސީގެ މެމްބަރުން އިތުރަސް ބާރުވެރިވެގެންދާނެކަމަށެވެ. ކޮންގްރެސް ޕާޓީގެ ދާއިރާތަކުގެ އިންތިހާބަށްފަހު އަތޮޅުތެރޭގައި ޕާޓީގެ ހަރަކާތްތައް މިހާރަށްވުރެ ފުޅާވެގެންދާނެކަމަށް ވިދާޅުވިއެވެ. 

ކޮންގްރެސް ޕާޓީގެ ދާއިރާތަކުގެ އިންތިހާބު ބާއްވާނި އަންނަމަހުގެ 11 ވަނަ ދުވަހުއެވެ. އެއަށްފަހު ކޮންގްރެސް ޕާޓީގެ މަތީ މަޖިލިސް އަންނަ ސެޕްޓެމްބަރުމަހުގެ 15 އިން 18 އަށް ބާއްވާނެއެވެ.

މި މަގާމުތަކަށް ޝައުގުވެރިވާ މެމްބަރުން އެކަމަށް އެދި ހުށަހަޅާނީ ޕޯޓަލް މެދުވެރިކޮށެވެ.

މި މަގާމުތަކަށް ވާދަކުރެވޭނީ މިމަހުގެ 15 އާ ހަމައަށް ކޮންގްރެސް ޕާޓީގައި ދަފްތަރުވެފައި ތިބި މެމްބަރުންނަށެވެ. އަދި މި އިންތިހާބުގައި ވޯޓުލެވޭނީވެސް މިތާރީހާ ހަމައަށް ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު