ENGLISH
26 ޖޫން 2026
ޓިއުނީޝިއާ އަތުން މޮޅުވެ ނެދަލެންޑްސް އަށް އެއްވަނަ، ޖަޕާނާއި ސްވިޑެން ވެސް ދެވަނަ ބުރަށް
26 ޖޫން 2026
|
ޓިއުނީޝިއާ ކޮޅަށް ލަނޑުޖެހުމަށްފަހު ނެދަލެންޑްސްގެ ބްރޮބޭ (ކ) އާއި ޑަމްފްރީސް އުފާ ފާޅުކުރަނީ. ފޮޓޯ: ރޮއިޓާސް
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް އެފް ގައި ކުޅުނު މެޗު ކާމިޔާބުކޮށް ނެދަލެންޑްސް އެ ގްރޫޕުގެ އެއްވަނަ ހޯދިއިރު، މި ގްރޫޕުގެ އަނެއް ދެ ޓީމު ބައްދަލުކުރި މެޗު އެއްވަރުވިނަމަވެސް ޖަޕާނާއި ސްވިޑެން ވެސް މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.
ޓިއުނީޝިއާ އަތުން 3-1 ގެ ނަތީޖާއަކުން ނެދަލެންޑްސް މޮޅުވިއިރު، ޖަޕާނާއި ސްވިޑެން ބައްދަލުކުރި މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.
މި ނަތީޖާއާއެކު މި ގްރޫޕުގެ އެއްވަނަ މަގާމު ނެދަލެންޑްސް ހޯދީ ތިން މެޗުން ހަތް ޕޮއިންޓް ހަމަކޮށްގެންނެވެ. ޖަޕާނަށް ދެވަނަ ލިބުނީ ފަސް ޕޮއިންޓާއެކު އެވެ. ސްވިޑެން އަށް ހަތަރު ޕޮއިންޓާއެކު ތިންވަަނަ ލިބިފައިވާއިރު، އެ ޓީމުން ވަނީ އެންމެ ރަނގަޅު ނަތީޖާ ހޯދި ތިންވަނަ ޓީމުތަކުގެ ތެރެއިން އަނެއް ބުރުން ޖާގަ ކަށަވަރުކުރި ޓީމުތަކުގެ ތެރޭގައި ހިމެނިފައެވެ. ފުލުގައި އޮތް ޓިއުނީޝިއާ ނިންމާލީ ޕޮއިންޓެއްނުލިބިއެވެ.
އެެމެރިކާގެ ކެންސަސް ސިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗު ފެށިގެން ތިންވަނަ މިނެޓުގައި ނެދަލެންޑްސް އިން ލީޑު ނެގީ ޓިއުނީޝިއާގެ ކެޕްޓަން، އެލްޔެސް ޝްހީރީ އަތުން ބައިކޮޅަށް ވަތް ގޯލަކުންނެވެ. މިއީ ނެދަލެންޑްސްގެ ވިންގބެކް، ޑެންޒެލް ޑަމްފްރީސް ނަގައިދިން ހުރަހެއް ސަލާމަތްކުރަން އުޅެނިކޮށް ޓިއުނީޝިއާގެ ކެޕްޓަންގެ ފައިގަ ޖެހިފައި ވަތް ގޯލެކެވެ.
ޓިއުނީޝިއާ އާ ދެކޮޅަށް ނެދަލެންޑްސް ކުޅުނު މެޗުގެ ތެރެއިން. ފޮޓޯ: އޭޕީ
ނެދަލެންޑްސް އިން ލީޑުނެގިތާ ހަތަރު ވަރަކަށް މިނެޓުގެ ތެރޭގައި އެ ޓީމުން ވަނީ އިތުރު ގޯލެއް ޖަހައި، ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. މިއީ އެ ޓީމުން ފޮނުވާލި ހިލޭޖެހުމަކުން ކެޕްޓަން، ވާޖިލް ވެން ޑައިކް ބޮލުން ޖައްސާލި ބޯޅައެއް ބްރިއަން ބްރޮބޭ ކާމިޔާބުކުރި ގޯލެކެވެ. މިއީ މި ފަހަރުގެ މުބާރާތުގައި އޭނާ ޖެހި ތިންވަނަ ގޯލެވެ.
މި މެޗަށް ނިކުތްއިރު ވެސް މުބާރާތުން ކަޓާފައިވާ ޓިއުނީޝިއާ އިން ވަނީ ދެވަނަ ހާފުގެ ކުޅުން ފެށިތާ ކުރީކޮޅު ލަނޑެއްޖަހައި ފަރަގު ކުޑަކޮށްފައެވެ. މެޗުގެ 54 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހަނިބަލް މެޖްބްރީ ނަގައިދިން ކޯނަރެއްގެ އެހީގައި ހާޒެމް މަސްތޫރީ އެވެ.
އޭގެފަހުން، މެޗުގެ 62 ވަނަ މިނެޓުގައި ނެދަލެންޑްސްގެ ދެލަނޑުގެ ލީޑު އަލުން ދަމަހައްޓައިދިނީ ޔަން ޕޯލް ވެން ހެކޭ އެވެ. އޭނާ މި ލަނޑުޖަހައިދިނީ ޓިޖާނީ ރެއިންޑާސް ނަގައިދިން ހުރަހަކުންނެވެ.
އެމެރިކާގެ ޑަލާސް ސްޓޭޑިއަމްގައި މި ގްރޫޕުގެ އަނެއް ދެ ޓީމުގެ ކުރިމަތިލުމުގައި ފެނިގެންދިޔަ ހުރިހާ ގޯލެއް ވެސް ކާމިޔާބުކުރީ ފަހު ހާފުގެ ކުރީކޮޅު އެވެ.
ސްވިޑެންއާ ޖަޕާން ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: ފީފާ.ކޮމް
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ 56 ވަނަ މިނެޓުގައި ޖަޕާނުގެ ޑައިޒެން މައެޑާ ވަނީ އެ ޓީމުގެ ރިޓްސޫ ޑޮއާން ގެ ތުރޫ ޕާހަކުން ލީޑު ނަގައިދީފައެވެ.
ޖަޕާނުން ލީޑު ނެގިތާ އިރުކޮޅެއްގެ ތެރޭގައި، މެޗުގެ 62 ވަނަ މިނެޓުގައި ސްވިޑެން އަށް އެއްވަރުކޮށްދިނީ އެންތަނީ އެލަންގާ އެވެ. އޭނާ މި ލަނޑުޖެހީ ގޯލާ ގާތްގަނޑަކަށް 20 ޔާޑު ދުރުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.
އޭގެފަހުން، ސްވިޑެން މޮޅުކޮށްދޭން އަލެކްސެންޑާ އިސާކް އާއި އެލަންގާ އަށް ރަނގަޅު ފުރުސަތުތަކެއްލިބި ވަނީ ބޭކާރުވެފައެވެ. މި ދެ ކުޅުންތެރިން ފޮނުވާލި ބޯޅަތައް ވެސް ޖަޕާނުގެ ކީޕަރު، ޒިއޯން ސުޒުކީ ވަނީ ހުއްޓުވައިފައެވެ.
މި މުބާރާތުގެ ދެވަނަ ބުރުގައި ނެދަލެންޑްސް އަށް އޮތީ މޮރޮކޯއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. ޖަޕާނުން މުބާރާތުގެ އެންމެ ކާމިޔާބު ޓީމު، ބްރެޒިލާ ދެކޮޅަށް ނިކުންނައިރު ސްވިޑެން ކުޅޭ ޖެހޭ ޓީމެއް އެނގޭނީ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ކުޅެ ނިމުމުން ތިންވަނަ އަށް ދިޔަ ޓީމުތަކުގެ ރޭންކިން އަށް ބެލުމަށްފަހު އެވެ. މިވަގުތު އެ ޓީމު އުޅެނީ މި ތާވަލްގެ އެންމެ ކުރީގައެވެ.