ENGLISH

26 ޖޫން 2026

Advertisement

ސަރުކާރުގެ އަމާޒަކީ ރީއިންޓަގްރޭޓް ވުމުގެ ފުރުސަތު ހޯދައިދިނުން: ވަޒީރު އިޙްސާން

26 ޖޫން 2026

|

އައިމިނަތު ޝަފާ

ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން.

ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ރިހިބިލިޓޭޓް ވެގެން އަންނަ މީހާ މުޖުތަމަޢުގެ ތެރޭގައި ރީއިންޓަގްރޭޓް ވުމުގެ ފުރުސަތު ހޯދައިދިނުން ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ޑްރަގް ކޯޓުގެ ފަރުވާ ފުރިހަމަކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ޑްރަގާ ދުރު ޖީލެއް ބިނާކުރުމުގެ ސިޔާސަތުގެ ތެރެއިން އެންމެ މުހިންމު ސިޔާސަތަކީ ރިހިބިލިޓޭޓް ވެގެން އަންނަ މީހާ މުޖުތަމަޢުގެ ތެރޭގައި ރީއިންޓަގްރޭޓް ވުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކަމަށް ޕްރޮގްރާމެއް ޚާއްސަ އެބަކުރަން. މިއިން އެއްވެސް ބޭފުޅެއްގެ އަތުން ދޫކޮށްލުމުގެ ވިސްނުމެއް ނެތް. މުޖުތަމަޢުގައި ކާމިޔާބުކަމާއެކީ ފައިތިލަ ސާބިތު ވެއްޖެ ކަމާ އަދި އަބުރުވެރި ދިރިއުޅުމެއް ފެއްޓިޖެކަމުގެ ޔަގީންކަން ލިބެންދެން މަސައްކަތް ކުރާނަން. އެފަދަ ނިޒާމެއް ފަރުމާ ކުރެވިގެން އިމްޕްލިމެންޓް ވެގެންދާނެ ދުވަހަކީ ރީއިންޓަރގްރޭޓް ވާނެ ދުވަސް،" ވަޒީރު ވިދާޅުވިއެވެ.

ރިހެބިލިޓޭޝަން ފަރުވާގެ ނިޒާމު ފެށުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ނ. ވެލިދޫގައި ޤާއިމްކުރާ ސެންޓަރުގެ މަސައްކަތްތައް ނިންމާލެވޭނެކަމަށެވެ.

އަދި އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކާށިދޫ އާއި ލ. ގަމުގައި ޤާއިމްކުރާ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގެ މަސައްކަތްވެސް ނިންމާލެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޑްރަގްގެ ހަވާސާގައި ދިމާވާ މައްސަލަތަކީ އެ ވަބާއަށް ވުރެ ބޮޑު މައްސަލައެއްކަން ފާހަގަކުރައްވާ ވަޒީރު ވަނީ ޑްރަގްގެ ވަބާގައި ދާއިމީ ގޮތެއްގައި ޖެހިފައިވާ މީހުންނާ އަދި އެ ވަބާއިން ސަލާމަތްވާން ބޭނުންވާ މީހުންނާ މެދު މުޖުތަމަޢު ދެކޭ ދެކުން ބަދަލުވާން ޖެހޭކަން ފާހަގަކުރައްވާފައެވެ.

"މިކަންކަމުގެ ސަބަބުން އަނބުރާ މުޖުތަމަޢަށް އަންނަން ކިތަންމެ ބޭނުންވިޔަސް ބައެއް ކަހަލަ އުނދަގޫތަކެއް އެބައުޅޭ. މިއަދު މުޅި މުޖުތަމަޢަށް ދޭނެ ނަސޭހަތަކީ ޝުކުރުވެރިކަމާއެކީ އެ މީހުން ބަލައިގަންނާށޭ. އެފަދަ އުނދަގޫ ދަތި ހާލަތަކުން އަރައިގަތީތީ އަޅުގަނޑުމެންވެސް އަތެއް ދިއްކޮށްލަންވެސް ނުވަތަ ފަރުދީ ގޮތުން ކުރެވޭނީ ކޮންކަމެއްތޯ، ދާއިމީ ގޮތެއްގައި އެ ވަބާގައި ނުޖެހި މުޖުތަމަޢުގައި އަބުރުވެރިކަމާއެކު ދިރިއުޅެވޭނެ ގޮތެއް ހޯދައިދެވޭނީ ކޮން ގޮތެއްތޯ؟،" ވަޒީރު ވިދާޅުވިއެވެ.

އެފަދަ މީހުން ދާއިމީ ގޮތެއްގައި ރަނގަޅު ދިރިއުޅުމެއް އުޅުމުގައި ވަޒީފާ ދޭ މީހުންނާއި، ވަޒީފާ އުފައްދާ މީހުންނާއި، ފަރުދުންގެ ޒިންމާ ބޮޑު ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ޑްރަގް ކޯޓުގެ އިސްނެގުމާއެކު ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި ބައިވެރިވެ 300 އަށް ވުރެ ގިނަ ބައިވެރިން  ކާމިޔާބުކަމާއެކު މި ޕްރޮގްރާމް ފުރިހަމަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު