ENGLISH
25 ޖޫން 2026
ސްވިޒަލެންޑަށް ގްރޫޕުގެ އެއްވަނަ، ބަލިވިޔަސް ކެނެޑާ ދެވަނަ ބުރަށް
25 ޖޫން 2026
|
ވޯލްޑް ކަޕުގައި ސްވިޒަލެންޑާއި ކެނެޑާ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ބީން ދެވަނަ ބުރަށް ސްވިޒަލެންޑާއި ކެނެޑާ ދަތުރުކުރިއިރު، ބޮސްނިއާއިން ދެވަނަ ބުރުގެ އުއްމީދު ދަމަހައްޓައިފިއެވެ.
މިރޭ ކުޅުނު މެޗުގައި 2-1 ގެ ނަތީޖާއަކުން ކެނެޑާ ބަލިކޮށް ސްވިޒަލެންޑް ގްރޫޕުގެ އެއްވަނަ ހޯދިއިރު، ކެނެޑާއަށް ވަނީ ދެވަނަ ލިބިފައެވެ. އަދި 3-1 ގެ ނަތީޖާއަކުން ގަތަރު ބަލިކޮށް، ތިންވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދިޔުމުގެ އުއްމީދު ބޮސްނިއާއިން ވަނީ ދަމަހައްޓާފައެވެ.
މިރޭގެ ނަތީޖާތަކަށްފަހު ސްވިޒަލެންޑަށް ގްރޫޕް ބީގެ އެއްވަނަ ލިބެނީ ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ކެނެޑާ އާއި ތިންވަނައަށް ދިޔަ ބޮސްނިއާއަށް ވަނީ ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައެވެ. ކެނެޑާއަށް ދެވަނަ ލިބުނީ، ހެޑް-ޓު-ހެޑަށް ބަލާއިރު ލަނޑުގެ ތަަފާތުންނެވެ. ތިންވަނައިގައި ނިންމި ބޮސްނިއާއަށް އަނެއް ބުރުގެ ފުރުސަތު އޮތީ އެންމެ ރަނގަޅު ނަތީޖާ ހޯދާ ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ. ފުލަށްދިޔަ ގަތަރަށް ތިން މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.
ވޯލްޑް ކަޕުގައި ސްވިޒަލެންޑާއި ކެނެޑާ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
ކެނެޑާގެ ވެންކޫވަރގައި މިރޭ ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ސްވިޒަލެންޑުންނެވެ. މެޗުގެ ދެވަނަ ހާފު ފަށައިގެން 39 ސިކުންތު ތެރޭގައި މި ލަނޑު ކާމިޔާބުކޮށްދިނީ ރުބެން ވާގަސްއެވެ. އަދި މެޗުގެ 57 ވަނަ މިނެޓުގައި ޖޯހަން މަންޒަމްބީ ވަނީ ސްވިޒަލެންޑުގެ ލީޑު ފުޅާކޮށްދީފައެވެ. މި މެޗުގައި ކެނެޑާއިން ފަރަގު ކުޑަކޮށްފައިވަނީ 76 ވަނަ މިނެޓުގައި ބަދަލެއްގެ ގޮތުގައި ކުޅެން އެރި ޕްރޮމިސް ޑޭވިޑް ޖަހައިދިން ލަނޑުންނެވެ.
މީގެ އިތުރުން އެމެރިކާގެ ސިއެޓްލް ސްޓޭޑިއަމުގައި މިރޭ ކުޅުނު މެޗުގެ 29 ވަނަ މިނެޓުގައި ބޮސްނިއާއިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު ޖަހައިދިނީ ކެރިމް އަލަޖްބެގޮވިޗެވެ. އަދި މެޗުގެ 34 ވަނަ މިނެޓުގައި ބޮސްނިއާއިން ލީޑު ފުޅާކުރިއިރު، މި ލަނޑަކީ ގަތަރުގެ ސުލްތާން އަލް-ބްރޭކް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ވޯލްޑް ކަޕުގައި ބޮސްނިއާ އާއި ގަތަރު ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
ފުރަތަމަ ހާފު ނިމުމުގެ ކުރިން ގަތަރު ފަރަގު ކުޑަކުރިއިރު، މެޗުގެ 42 ވަނަ މިނެޓުގައި މި ލަނޑު ޖަހައިދިނީ ހަސަން އަލް-ހައިދޯސްއެވެ. އެކަމަކު ދެވަނަ ހާފުގައި ބޮސްނިއާއިން އަލުން ލީޑު ފުޅާކުރީ 80 ވަނަ މިނެޓުގައި އާމިން މަމިޗް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މި ގްރޫޕުން ސްވިޒަލެންޑާއި ކެނެޑާ ދެވަނަ ބުރަށް ދަތުރުކުރިއިރު، ވޯލްޑް ކަޕް ބާއްވާ ތިން ޤައުމުވެސް މި ވަނީ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. ފުރަތަަމަ ދެ މެޗުގެ ނަތީޖާއަށްފަހު އަނެއް ދެ ހޯސްޓުން ކަމަށްވާ އެމެރިކާ އާއި މެކްސިކޯވެސް ވަނީ ދެވަނަ ބުރުގެ ޖާގަތައް ކަށަވަރުކޮށްފައެވެ. އަދި މިއީ ވޯލްޑް ކަޕުގެ ތާރީޚުގައި ކެނެޑާއިން މުބާރާތުގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިޔަ ފުރަތަމަ ފަހަރެވެ.