ENGLISH
25 ޖޫން 2026
ގްރީން ސްޓްރީޓްސް ބަލިކޮށް ގައްދޫ ތިންވަނައަށް
24 ޖޫން 2026
|
ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފައިންގައި ގައްދޫ އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް
އެންމެ މަޤްބޫލު
ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފައިން ބުރުގައި ކުލަބު ގްރީން ސްޓްރީޓްސް ބަލިކޮށް، ތާވަލުގެ ތިންވަނައަށް ގދ. ގައްދޫ ޖެހިލައިފިއެވެ. ޤައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗު ގައްދޫން ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ.
މިދިޔަ އަހަރު އަލަށް ތައާރަފުކުރި ފުޓްބޯޅައިގެ އައު އޮނިގަނޑުގެ ދަށުން، ރާއްޖޭގެ ހަތަރު ރީޖަންގެ ޗެމްޕިއަނުން ހިމެނޭހެން ކުރިއަށްދާ ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފައިން ބުރުގައި ވާދަކުރަނީ ސައުތު ރީޖަން ލީގުގެ ޗެމްޕިއަން ގދ. ގައްދޫ، ސެންޓްރަލް ރީޖަން ލީގުގެ ޗެމްޕިއަން ކ. ހުރާ، ނޯތު ރީޖަން ލީގުގެ ޗެމްޕިއަން ހއ. ދިއްދޫ، މާލެ ރީޖަން (ދެވަނަ ޑިވިޝަން) ގެ ޗެމްޕިއަން ބިސް ބުރު ސްޕޯޓްސް ކުލަބުގެ އިތުރުން ނިމިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގުގެ ހަތްވަނަ އާއި އަށްވަނަ މަގާމުގައި ނިންމާލި ދެ ޓީމު ކަމަށްވާ ޓީސީ ސްޕޯޓްސް ކުލަބާއި، ކުލަބު ގްރީން ސްޓްރީޓްސްއެވެ.
ކޮލިފައިންގެ ފަހު މެޗުތަކާ ކުރިމަތިލިއިރު، ހަތަރު ޓީމުން ވަނީ އަންނަ ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގުގެ ޖާގަތައް ކަށަވަރުކޮށްފައެވެ. އެގޮތުން ޓީސީން ދިވެހި ޕްރިމިއަރ ލީގުގެ ޖާގަ ދެމެހެއްޓިއިރު، ބިސް ބުރު، ދިއްދޫ އަދި ގައްދޫ ވަނީ ދިވެހި ޕްރިމިއަރ ލީގަށް އަލަށް ކޮލިފައިވެފައެވެ.
ކޮލިފައިންގައި މިރޭ ކުޅުނު މެޗުގައި ގައްދޫގެ ލަނޑުތައް ޖަހައިދިނީ ވަހީބް ތަހުރާ، އަޙްމަދު ރިފްޝާން އަދި އލީ މުޙައްމަދެވެ. މީގެ ތެރެއިން ވަހީބް ތަހުރާ ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ.
މި މޮޅާއެކު ގައްދޫ ތިންވަަނައަށް ޖެހިލީ ފަސް މެޗުން ނުވަ ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް ބިސް ބުރާއި، ދެވަނައިގައި އޮތް ޓީސީއަށް 10 ޕޮއިންޓް ލިބިފައިވާއިރު، ބިސް ބުރަށް ބާކީ މެޗެއް އެބައޮތެވެ. ހަތަރުވަނައިގައި އޮތް ދިއްދުއަށް ހަތަރު މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. އަދި ފަސްވަނައިގައި އޮތް ގްރީން ސްޓްރީޓްސްއަށް ފަސް މެޗުން ދެ ޕޮއިންޓް ލިބުނުއިރު، ފުލުގައި އޮތް ހުރާއަށް ފަސް މެޗުން ލިބިފައިވަނީ ޕޮއިންޓެކެވެ.
ކޮލިފައިންގެ ފަހު މެޗު މާދަމާރޭ ކުޅޭއިރު، އެ މެޗުގައި ބައްދަލުކުރާނީ ދިއްދޫ އާއި ބިސް ބުރެވެ.