ENGLISH

24 ޖޫން 2026

Advertisement

ފުލުހުންގެ އެގްޒެކެޓިވް ބޯޑާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

24 ޖޫން 2026

|

އަޙުމަދު ޙަމީދު

ފުލުހުންގެ އެގްޒެކެޓިވް ބޯޑާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެގްޒެކެޓިވް ބޯޑުގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ފުލުހުންގެ މައި މަރުކަޒު، ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި އޮތް މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާނާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، ފުލުހުންގެ ޚިދުމަތުގެ އެގްޒެކެޓިވް ބޯޑުގެ މެންބަރުން ބައިވެރިވެވަޑައިގަތެވެ.

މި ބައްދަލުވުމުގައި މަޝްވަރާކުރެވުނީ ފުލުހުންގެ ޚިދުމަތުގެ ފެންވަރު މަތިކޮށް، މުއައްސަސާގެ ހިންގުން ހަރުދަނާކުރުމުގެ އިތުރުން، ސްޓްރެޓީޖިކް ލަނޑުދަނޑިތައް ހާސިލުކުރުމާ ގުޅޭގޮތުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރައްޔިތުންގެ ބޭނުންތަކާއި އިހުސާސްތަކަށް އިސްކަންދީގެން ހިދުމަތް ފޯރުކޮށްދޭ ނަމޫނާ މުއައްސަސާއެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.

މީގެއިތުރުން، މުޅި ރާއްޖެއަށް ފުލުހުންގެ ޚިދުމަތް ފުޅާކޮށް، ހިދުމަތް ދޭން މިހާރު ފެށިފައިވާއިރު، މުއައްސަސާގެ އިދާރީ ހިންގުން ހަރުދަނާކުރުމުގައި އެގްޒެކެޓިވް ބޯޑުން އަދާކުރާ މުހިންމު ދައުރުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލެއްވި އެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އާއި އެގްޒެކެޓިވް ބޯޑުގެ މެންބަރުން ވަނީ ފުލުހުންގެ ސްޓްރެޓީޖިކް މަގުސަދުތައް ހާސިލުކުރުމަށާއި، ރައްޔިތުންގެ އިތުބާރު ހޯދުމުގެ އިތުރުން، ދިވެހިރާއްޖޭގެ އަމަންއަމާންކަމާއި ރައްކާތެރިކަން ގާއިމުކުރުމުގައި ސާބިތުކަމާއެކު ދެމިތިއްބަވާނެކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު