ENGLISH

24 ޖޫން 2026

Advertisement

ކޮލިފައިންގައި ކުޅުނު ފަހު މެޗުން ޓީސީއަށް ބޮޑު މޮޅެއް

24 ޖޫން 2026

|

އިސްމާއިލް ޝާހު

ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފައިންގައި ޓީސީ އާއި ހުރާ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް

ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފައިން ބުރުގައި ކުޅުނު ފަހު މެޗުން ޓީސީ ސްޕޯޓްސް ކުލަބު ބޮޑު މޮޅެއް ހޯދައިފިއެވެ. ޤައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުން ޓީސީ މޮޅުވީ ކ. ހުރާ އަތުން 7-2 ގެ ނަތީޖާއަކުންނެވެ.

މިދިޔަ އަހަރު އަލަށް ތައާރަފުކުރި ފުޓްބޯޅައިގެ އައު އޮނިގަނޑުގެ ދަށުން، ރާއްޖޭގެ ހަތަރު ރީޖަންގެ ޗެމްޕިއަނުން ހިމެނޭހެން ކުރިއަށްދާ ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފައިން ބުރުގައި ވާދަކުރަނީ ސައުތު ރީޖަން ލީގުގެ ޗެމްޕިއަން ގދ. ގައްދޫ، ސެންޓްރަލް ރީޖަން ލީގުގެ ޗެމްޕިއަން ކ. ހުރާ، ނޯތު ރީޖަން ލީގުގެ ޗެމްޕިއަން ހއ. ދިއްދޫ، މާލެ ރީޖަން (ދެވަނަ ޑިވިޝަން) ގެ ޗެމްޕިއަން ބިސް ބުރު ސްޕޯޓްސް ކުލަބުގެ އިތުރުން ނިމިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގުގެ ހަތްވަނަ އާއި އަށްވަނަ މަގާމުގައި ނިންމާލި ދެ ޓީމު ކަމަށްވާ ޓީސީ ސްޕޯޓްސް ކުލަބާއި، ކުލަބު ގްރީން ސްޓްރީޓްސްއެވެ.

ކޮލިފައިންގެ ފަހު މެޗުތަކާ ކުރިމަތިލިއިރު، ހަތަރު ޓީމުން ވަނީ އަންނަ ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގުގެ ޖާގަތައް ކަށަވަރުކޮށްފައެވެ. ޓީސީން ދިވެހި ޕްރިމިއަރ ލީގުގެ ޖާގަ ދެމެހެއްޓިއިރު، ބިސް ބުރު، ދިއްދޫ އަދި ގައްދޫ ވަނީ ދިވެހި ޕްރިމިއަރ ލީގަށް އަލަށް ކޮލިފައިވެފައެވެ.

ކޮލިފައިންގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޓީސީގެ ލަނޑުތައް ޖަހައިދިނީ އަޙްމަދު ރިލްވާން، ބޯޑު ޕްރިންސް، އައިހަމް ހަމްދޫނު، ހުސައިން އަހުސަމް މޫސާ އަދި މުޙައްމަދު ޔޫހާން ފާއިޒެވެ. މީގެ ތެރެއިން ޕްރިންސް ދެ ލަނޑު ޖެހިއިރު، އެ ޓީމުގެ އަނެއް ލަނޑަކީ ހުރާގެ މުޙައްމަދު އާކިން ބިން ޝަހީން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މި މެޗުގައި ހުރާގެ ލަނޑުތައް ޖަހައިދިނީ ލިބުނު ޕެނަލްޓީއަކުން އަގްބެޓި ފްރާންސިން އަދި މުޙައްމަދު ފަވާޒެވެ.

މި މެޗުގައި ޓީސީއަށް ލަނޑު ޖަހައިދިން ރިލްވާން ވަނީ މެޗަށްފަހު ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާންކޮށްފައެވެ.

މި މޮޅާއެކު ތާވަލުގެ ދެވަނައިގައި ޓީސީ އޮތީ ކުޅުނު ފަސް މެޗުން ލިބުނު 10 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް ބިސް ބުރަށް ހަތަރު މެޗުން 10 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. ތިންވަނައިގައި އޮތް ދިއްދުއަށް ހަތަރު މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނައިގައި އޮތް ގައްދުއަށް ހަތަރު މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. ފަސްވަނައިގައި އޮތް ގްރީން ސްޓްރީޓްސްއަށް ހަތަރު މެޗުން ދެ ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ހުރާއަށް ފަސް މެޗުން ލިބިފައިވަނީ ޕޮއިންޓެކެވެ.

ކޮލިފައިންގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ގްރީން ސްޓްރީޓްސް އާއި ގައްދުއެވެ.

ކިޔުންތެރިންގެ ހިޔާލު