ENGLISH
24 ޖޫން 2026
ނަސީބުގަދަ އިންގްލެންޑަށް އެހީވުމަށް ވީއޭއާރް ދިޔައީ ކޮފީއަކަށް: ކުއެރޯޒް
24 ޖޫން 2026
|
ގާނާގެ ކޯޗު ކާލޯސް ކުއިރޯޒް --- ފޮޓޯ: ރޮއިޓަރސް
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް އެލްގައި ރޭ ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު، އިންގްލެންޑުގެ ކުޅުންތެރިއަކަށް ރަތް ކާޑެއް ނުދެއްކުމާއި، ގާނާއަށް ޕެނަލްޓީއެއް ނުލިބުމުން، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ދިޔައީ ކޮފީއަކަށް ކަމަށް ބުނެ ގާނާގެ ކޯޗު ކާލޯސް ކުއެރޯޒް މަލާމާތްކޮށްފިއެވެ.
މި މުބާރާތުގެ ފުރަތަމަ މެޗުތަކުން ދެ ޓީމުވެސް މޮޅުވެފައިވާއިރު، އެމެރިކާގެ ބޮސްޓަން ސްޓޭޑިމްގައި ކުޅުނު މި މެޗުގައި ގާނާއިން ވަރުގަދަ ޑިފެންސެއްކޮށް، އިންގްލެންޑަށް ވަރަށް ބޮޑަށް ހުރަސްއެޅިއެވެ. މި މެޗުގެ 79 އިންސައްތަ ވަގުތު ބޯޅަ ކޮންޓްރޯލް ކުރީ އިންގްލެންޑުންނެވެ. މިއީ ވޭތުވެދިޔަ 60 އަހަރުގެ ވޯލްޑް ކަޕް ތާރީޚުގައި، ލަނޑެއް ނުޖެހި އެއްވަރުވި މެޗެއްގައި ޓީމަކުން އެންމެ ގިނަ ވަގުތު ބޯޅަ ހިފެހެއްޓި ފަހަރެވެ.
ނަމަވެސް މެޗުގެ ފަހުކޮޅު އިންގްލެންޑުގެ އެޒްރީ ކޮންސާ، ގާނާގެ ޕްރިންސް އަޑޫއަށް ކުރި ފައުލަށް ޕެނަލްޓީއެއް ނުދިނުމުން، ގާނާގެ ޓީމުން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އޭގެ ކުޑައިރުކޮޅެއް ކުރިން، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަޑޫ އާއި އިންގްލެންޑުގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް މުޑިއެރުމުން، ރެފުރީ ނިންމީ އިންގްލެންޑަށް ހިލޭ ޖެހުމެއް ދިނުމަށެވެ.
މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފީފާގެ އޮފިޝަލަކާ ދިމާއަށް ބަލާލަމުން ކުއެރޯޒް ބުނީ، "ވޯލްޑް ކަޕުގައި އަދިވެސް ވީއޭއާރް ބޭނުންކުރޭތޯ އަޅުގަނޑު ޝައްކު އުފެދޭ. އެއީ މަސައްކަތްކުރާ އެއްޗެއްތަ؟" ކަމަށެވެ. އަދި އިންގްލެންޑާ ދެކޮޅަށް ގާނާއަށް ލިބެންޖެހޭ ސާފު ޕެނަލްޓީއެއް ނުދިނުމުން އެކަމާ ސުވާލު އުފެއްދިއެވެ.
މި މެޗުގެ ރެފުރީއަކީ ހޮންޑިއުރަަސްގެ ސައީދު މާޓިނޭޒެވެ. އަދި ވީއޭއާރް އޮފިޝަލަކަށް ހުރީ އެމެރިކާގެ އާމަންޑޯ ވިޔަރެއާލެވެ.
ކުއެރޯޒް އިތުރަށް ބުނީ، "އަޅުގަނޑުމެންނަށް ފުރުސަތުތައް ލިބުނު. އިންގްލެންޑް ސަލާމަތްވީ ހަމަ ނަސީބު ރަނގަޅުކަމުން. އަނެއްކާވެސް ވީއޭއާރް އެ ދިޔައީ ކޮފީއަކަށް. އެއީ އިންސާނީ ކަމެއް، އަޅުގަނޑުވެސް ބައެއް ފަހަރު ކޮފީއެއް ބޯލަން ބޭނުންވޭ. އެކަމަކު އެއީ ސާފު ޕެނަލްޓީއެއްގެ އިތުރުން ރަތް ކާޑެއް ދައްކަންޖެހޭ ވަރުގެ ކަމެއް."
މެޗުގެ ނަތީޖާއާ މެދު ވާހަކަދައްކަމުން އޭނާ ބުނީ، އިންގްލެންޑުން ގިނަ ވަގުތު ބޯޅަ ހިފެހެއްޓި ނަމަވެސް، ގާނާއިން ކުރި ހިތްވަރާއި، އުފެއްދި ފުރުސަތުތަކަށް ބަލާއިރު މިއީ އިންސާފުވެރި ނަތީޖާއެއް ކަމަށެވެ. އަދި އޭނާގެ ވާހަކަ މިހާރު ހުރީ މަލާމާތުގެ ރާގަކަށް ކަމަށާއި، ސީރިއަސްކޮށް މި ވާހަކަތައް ދައްކައިފިނަމަ އަދަބު ލިބިދާނެތީ އެކަމަށް މައާފަށް އެދޭ ކަމަށްވެސް ބުންޏެވެ.
މެޗުގެ ފުރަތަމަ ހާފު ނިމިގެން ކުޅުންތެރިން ދަނޑުން ފޭބިއިރު، އިންގްލެންޑުގެ ޖޫޑް ބެލިންހަމް އާއި ކުއިރޯޒްއާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކުރެވުނެވެ. އެއީ ބެލިންހަމް، ގާނާގެ ޖެރޯމް އޮޕޯކޫއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ. ބެލިންހަމް ބުނީ އެއީ ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ކުރެވުނު ކަމެއް ކަމަށާއި، ގާނާގެ ބެންޗުން އޭނާއަށް ރީނދޫ ކާޑެއް ދައްކަން ބާރުއެޅުމުން އެކަމާ ހިތްހަމަނުޖެހުނީ ކަމަށެވެ. އަދި ކުއެރޯޒްއަކީ ކުރިން މެންޗެސްޓާ ޔުނައިޓެޑުގައި މަސައްކަތްކުރި ގަދަރުވެރި ކޯޗަކަށް ވާތީ، އޭނާއަށް އިހުތިރާމުކުރާ ކަމަށް ބެލިންހަމް ބުންޏެވެ.
މިއީ ކުއެރޯޒް ކޯޗެއްގެ ގޮތުގައި އިރުޝާދުދޭ ފަސްވަނަ ވޯލްޑް ކަޕެވެ. އޭނާ ބުނިގޮތުގައި މައްސަލަ ގޯސްވީ ބެލިންހަމް ބޭނުންކުރި ބޭއަދަބީ ބަހެއްގެ ސަބަބުންނެވެ.
ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކަށް ދާއިރު، އިންގްލެންޑް ދެން ބައްދަލުކުރާނީ ޕެނަމާއާއެވެ. ގާނާ ބައްދަލުކުރާނީ ޕެނަމާއާއެވެ. މި ފަހަރުގެ މުބާރާތުގައި 48 ޓީމު ކުޅޭތީ، ގްރޫޕުތަކުގެ ތިންވަނައަށްދާ އެންމެ މޮޅު 8 ޓީމަށްވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އޮންނާނެއެވެ. އެހެންކަމުން ދެ ޓީމަށްވެސް އަދި އުއްމީދު އެބައޮތެވެ.