ENGLISH
24 ޖޫން 2026
ކޫލް ސްކޫލް ޕްރޮޖެކްޓް: 52 ސުކޫލެއް އޭސީ ކުރުމުގެ މަސައްކަތް ކުރިއަށް
24 ޖޫން 2026
|
މާފުށި ސުކޫލުގެ ދަރިވަރުންތަކެއް. ފޮޓޯ؛ ސަރުކާރު.
އެންމެ މަޤްބޫލު
ސަރުކާރުން ފެށި ކޫލް ސްކޫލް ޕްރޮޖެކްޓްގެ ދަށުން ހުރިހާ ސްކޫލެއްގެ ކުލާސްރޫމްތަކެއް އޭސީކޮށް ނިންމަން ކަނޑައަޅާފައިވާއިރު، މިހާރުވެސް 52 ސުކޫލެއް އޭސީ ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ތައުލީމާއި މަތީ ތައުލީމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ އެއްވެސް ސަރުކާރަކު ސުކޫލްތައް އޭސީ ކުރުމުގެ ވިސްނުން ގެންގުޅެފައިނުވާކަމަށާއި ކޫލް ސްކޫލް ޕްރޮޖެކްޓަކީ މި ސަރުކާރުން ހާއްސަ އިސަކަމެއްދީގެން ކުރިއަށްގެންދާ ޕްރޮޖެކްޓެއްކަމަށެވެ.
މި ޕްރޮޖެކްޓުގެ ދަށުން ހުރިހާ ސުކޫލަކަށް މިހާރު އޭސީ ފޮނުވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގެ ސުކޫލުތަކަކީ ތިރީހަކަށް ނުވަތަ ސާޅީހަކަށް އަހަރުވެފައިވާ ސުކޫލުތައްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ސުކޫލުތަކުގެ ކަރަންޓު ވިއުގަތައް ބަދަލުކުރުމުގެ މަސައްކަތްތަކާއި ކުލާސްރޫމުތަކުގައި އޭސީ ހަރުކުރުމުގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށްދާކަމަށެވެ.
"ހަގީގަތުގައި ކަރަންޓު ވިއުގައިގެ މައްސަލަ ބައެއް ސުކޫލުތަކުން ފެންމަތިކުރަން ފެއްޓީވެސް ކޫލް ސްކޫލް ޕްރޮޖެކްޓުގެ ތެރެއިން، އަޅުގަނޑު ޔަގީންކަން ދޭން ބޭނުންވަނީ އަޅުގަނޑުމެން މިދަނީ މި ޕްރޮޖެކްޓާއެކު ކުރިއަށޭ، ވަރަށް ގިނަ ސުކޫލުތަކުގައި އޭސީ ހަރުކުރުމުގެ މަސައްކަތް ފެށިފައޭ އެވަނީ، މިހާރުވެސް 52 ސުކޫލުގައި އޭސީ ހަރުކުރުމުގެ މަސައްކަތް މިއަދުވެސް ކުރިއަށޭ އެދަނީ،". ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ދިމާވަމުންދާ ގޮންޖެހުންތަކާ އެކުވެސް މި މަޝްރޫއު ކާމިޔާބުކަމާއެކު ކުރިއަށްގެންދާނެކަމަށެވެ.
ކޫލް ސްކޫލް ޕްރޮޖެކްޓް އިފްތިތާހު ކުރީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ދެ ވަނަ ދުވަހުއެވެ. އެ ޕްރޮޖެކްޓް ދަށުން ފުރަތަމަ އޭސީ ކުރީ ކ. މާފުށީ ސްކޫލެވެ.