ENGLISH

24 ޖޫން 2026

Advertisement

ކްރޮއޭޝިއާ އަތުން ބަލިވެ، ޕެނަމާ ކަޓައިފި

24 ޖޫން 2026

|

މުޙައްމަދު އަދުހަމް

ކްރޮއޭޝިއާ އަށް ލަނޑުޖަހައިދިނުމަށްފަހު ބުޑިމީރް (މ) އެ ޓީމުގެ އެހެން ކުޅުންތެރިންނާއެކު އުފާ ފާޅުކުރަނީ. ފޮޓޯ: އޭޕީ

ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް އެލް ގައި ކުޅުނު މެޗުގައި ކްރޮއޭޝިއާ އަތުން 1-0 އިން ބަލިވެ، ޕެނަމާ މުބާރާތުން ކަޓައިފިއެވެ.

މިއީ މި ފަހަރުގެ މުބާރާތުގައި ކްރޮއޭޝިއާގެ ފުރަތަމަ މޮޅެވެ. އަނެއްކޮޅުން، މިއީ ޕެނަމާ ބަލިވި ދެވަނަ ފަހަރެވެ.

މި ނަތީޖާއާއެކު، ކްރޮއޭޝިއާ ވަނީ މި ގްރޫޕުގެ ތިންވަނަ މަގާމަށް ޖެހިލައިފައެވެ. އެންމެ ކުރީގައި އުޅޭ އިންގްެލެންޑާއި ދެވަނައިގައި އޮތް ގާނާ އަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، އިންގްލެންޑަށް ކުރިލިބެނީ ފައިދާގޯލްގެ ތަފާތުންނެވެ. ކްރޮއޭޝިއާ ތިންވަނައިގައި އޮތީ ތިން ޕޮއިންޓާއެކު އެވެ. ފުލުގައި އުޅޭ ޕެނަމާ އަށް ޕޮއިންޓެއް ލިބިފައިނުވާއިރު، އެ ޓީމު ވަނީ ކަޓައިފައެވެ.

ކެނަޑާގެ ޓޮރޮންޓޯ ސްޓޭޑިިއަމްގައި ކުޅުނު މެޗު ފެށިގެން ޕެނަމާ އިން ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ދައްކާފައިވާއިރު، 23 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑެއްޖެހުމާ ގާތަށް ޖެހިލައިފައެވެ. ޕެނަމާގެ ހޯސޭ ރޮޑްރިގޭޒް ބޮލުން ފޮނުވާލި ބޯޅަ ކްރޮއޭޝިއާގެ ކީޕަރު، ޑޮމިނިކް ލިވަކޮވިޗް ވަނީ މަތަކޮށްފައެވެ.

ޕެނަމާއާ ކްރޮއޭޝިއާ ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: އޭޕީ

އޯގަނައިޒްކޮށް ފެނުނު ޕެނަމާގެ ޑިފެންސްލައިން ތެރެއިން ލަނޑުޖަހާނެ ހުސް ފުރުސަތެއް ތަނަވަސްކުރުމަށް ކްރޮއޭޝިއާ އަށް ގޮންޖެހުންތައް ކުރިމަތިވި ފުރަތަމަ ހާފު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.

ފުރަތަމަ ހާފާ ހިލާފަށް ކްރޮއޭޝިއާ އިން ވަނީ ދެވަނަ ހާފު ފެށިގެން ކުޅުން ރަނގަޅުކޮށްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، މެޗުގެ 53 ވަނަ މިނެޓުގައި ކްރޮއޭޝިއާ އިން ވަނީ ލަނޑުޖަހައިފައެވެ. އެ ޓީމަށް މި ލަނޑުޖަހައިދިނީ އަންޓޭ ބުޑިމީރް އެވެ. އޭނާ މި ލަނޑުޖެހީ ކްރޮއޭޝިއާގެ ޖޮސިޕް ސްޓަނިސިޗް ނަގައިދިން ހުރަހެއްގެ އެހީގައެވެ.

ކްރޮއޭޝިއާ އިން ލަނޑުޖެހިތާ ތިން މިނެޓު ތެރޭގައި މާކޯ ޕަސަލިޗް ވަނީ ލަނޑުޖަހަން ލިބުނު ރަނުގެ ފުރުސަތެއް ބޭކާރުކޮށްލާފައެވެ. އޭނާ ފޮނުވާލި ބޯޅަ ޕެނަމާގެ ކީޕަރު، އޯލަންޑޯ މޮސްކޭރާ ހުއްޓުވިއިރު، ދެވަނަ ފަހަރަށް ފޮނުވާލި ބޯޅަ ގޯލަށް އަމާޒުވާގޮތެއްނުވިއެވެ.

ޕެނަމާއާ ކްރޮއޭޝިއާ ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: އޭޕީ

ފަހު ހާފުގައި ޕެނަމާ ލަނޑެއްޖަހަން ކުރި މަސައްކަތްތައް ނާކާމިޔާބުކޮށްލުމުގައި ކްރޮއޭޝިއާގެ ކީޕަރު، ލިވަކޮވިޗް ވަނީ ހުށިޔާރުކަމާއެކު އެ ބޯޅަތައް މަތަކޮށްފައެވެ.

މި މެޗުން ކްރޮއޭޝިއާ މޮޅުވެ، މުހިއްމު ތިން ޕޮއިންޓް ހޯދިއިރު އެ ޓީމުގެ ކެޕްޓަން، ލޫކަ މޮޑްރިޗް ވަނީ ގައުމީ ޓީމަށް 200 މެޗު ހަމަކޮށް ތާރީހުގެ ތެރެއަށް ޖެހިލައިފައެވެ. އޭނާ ވަނީ ކްރޮއޭޝިއާ އިން ވޯލްޑް ކަޕުގައި އެންމެ ފަހުން ކުޅުނު 21 މެޗުގައި ކުޅެފައެވެ. މި މުބާރާތުގައި މޮޑްރިޗް އެންމެ ފުރަތަމަ ކްރޮއޭޝިއާ އަށް ކުޅެފައިވަނީ، 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކްރޮއޭޝިއާ ދެން ނިކުންނާނީ ގާނާއާ ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވާ އާދީއްތަ ދުވަހު އެވެ. ހަމަ އެ ދުވަހު ކުޅޭ މެޗުގައި ޕެނަމާ ބައްދަލުކުރާނީ އިންގްލެންޑާ އެވެ.

ކިޔުންތެރިންގެ ހިޔާލު