ENGLISH
24 ޖޫން 2026
މި ސަރުކާރު ހަވާލުވީއިރު 23 ޕްރިންސިޕަލަކަށް ސިޔާސީ ގޮތުން ފިޔަވަޅު އަޅާފައިވޭ: ތައުލީމީ ވަޒީރު
24 ޖޫން 2026
|
ތައުލީމާއި މަތީ ތައުލީމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު މިއަދުގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. ފޮޓޯ؛ މަޖިލީހުގެ އިދާރާ.
އެންމެ މަޤްބޫލު
މި ސަރުކާރު ވެރިކަމާ ހަވާލުވީއިރު ސިޔާސީ ހިޔާލުތަފާތުވުންތަކުގެ ސަބަބުން ތޭވީހަކަށް ޕްރިންސިޕަލުން އެ ޕްރިންސިޕަލުން ތިއްބަވަން ޖެހޭ ރަށް ނޫން އެހެން ރަށްރަަށަށް ބަދަލުކޮށްފައި ތިބި ކަމަށް ތައުލީމާއި މަތީ ތައުލީމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިއަދުގެ ޖަލްސާގައި ވަޒީރާ ސުވާލުކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުސަތުގައި މެމްބަރު ޝުޖާއު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ވަރަށް ގިނަ ޓީޗަރުންނަށް އިންޒާރުދީ، ބަޔާން ނަގައި މަގާމުން ވަކިކޮށްފައިވާކަމަށެވެ. ޓީޗަރުން ނޫނީ ޕްރިންސިޕަލުން ފާޅުކުރާ ޝުއޫރަކާ ގުޅިގެން މި ސަރުކާރުގައި އެފަދަ އެއްވެސް ފިޔަވަޅެއް އަޅާފައިވާނެތޯ ޝުޖާއު އެއްސެވިއެވެ.
މި ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ ސިޔާސީ ފިކުރެއްގެ ސަބަބުން އެއްވެސް ޓީޗަރަކަށް އެއްވެސް މުދައްރިސަކަށް އެއްވެސް ޕްރިންސިޕަލަކަށް މިހާ ހިސާބަށް އައިއިރު ފިޔަވަޅު އަޅާފައިނުވާނެކަމަށެވެ. ސަރުކާރާ ދެކޮޅު ވިޔަސް، އެ ޕްރިންސިޕަލަށް ވެސް ފިޔަވަޅު އަޅާފައި ނުވާނެކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.
އެމްޑީޕީ ސަރުކާރުގައި ސިޔާސީ ހިޔާލުތަފާތުވުމުގެ ތެރެއިން ރަށް ބަދަލުކޮށްފައިވާ ޕްރިންސިޕަލުންގެ ކަންތައް ރަނގަޅު ކޮށްފައިވާ ކަމަށާއި މިހާރު މުވައްޒަފުން ތިބޭނީ ތިބެން ޖެހޭ ތަންތަނުގައި ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
"މިސަަރުކާރު އައި އިރުގައި ތޭވީހަކަށް ޕްރިންސިޕަލުން ހުންނަން ޖެހޭ ރަށް ނޫން ރަށްތަކަށް ކުރީ ސަރުކާރުން ބަދަލުކުރިމެ، އިނގޭތޯ، މިހާރު އެ ހުރިހާ ކަމެއް ރަނގަޅުކޮށް، އެ މުވައްޒަފަކު ހުންނަން ޖެހޭ ތަނުގައި ބަހައްޓާފައި ހުންނާނީ، ހަމަ އެއާ އެކުގައި ޓީޗަރުންގެ ފަރާތުން ލިބިފައިވާ ޝަކުވާތަކަށް ބަލައިލާ އިރުގައި ވެސް 200 އަށް ވުރެ ގިނަ ޝަކުވާ ޓީޗަރުންގެ ފަރާތުން ލިބިފައިވޭ، ތިމަންނާމެން ވަކި ސިޔާސީ ފިކުރެއްގައި ހުރުމުގެ ސަބަބުން، ތިމަންނާމެންނަށް މިވަނީ ފިޔަވަޅު އަޅާފައޭ،". ވަޒީރު ވިދާޅުވިއެވެ.
މުވައްޒަފުންނާ ދޭތެރޭ އިންސާފުން ބޭރުން ފިޔަވަޅެއް ނާޅަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިރުޝާދު ދެއްވާކަމަށާއި ވުޒާރާއިން އަމަލުކުރަމުން އަންނަނީ އެމަނިކުފާނުގެ ލަފާފުޅާއި އިރުޝާދުފުޅާ އެއްގޮތަށްކަމަށް ވަޒީރު ވިދާޅުވިއެވެ.