ENGLISH
24 ޖޫން 2026
ވައްކަންކުރި މީހުންނަށް 2023 ގައި ރައްޔިތުން ނޫނެކޭ ބުނެ ހެޔޮވެރިކަމަކަށް އޮތީ ފުރުސަތު ދީފައި: އަބްދުއްރަހީމް
24 ޖޫން 2026
|
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ
އެންމެ މަޤްބޫލު
ވައްކަންކުރި މީހުންނަށް 2023 ގައި ރައްޔިތުން ނޫނެކޭ ބުނެ ހެޔޮވެރިކަމަކަށް އޮތީ ފުރުސަތު ދީފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމްޑީޕީގެ މެންބަރުން އަސާސެއް ނެތް ދޮގު ވާހަކަތައް ތަކުރާރު ކުރުމުން ރިޔާސަތުގައި އިންނަވާ ޢަބްދުއްރަހީމް ވިދާޅުވީ ރިޔާސަތުގައި އިންނަ ބޭފުޅަކަށް ބަހުސްގައި ބައިވެރިއެއް ނުވެވޭ ނަމަވެސް ޙަޤީޤަތް ސާފުކޮށް ދެއްވުމުގެ ގޮތުން އެއްޗެއް ވިދާޅުވާ ކަމަށެވެ.
ރައްޔިތުންގެ މުދަލުން ވައްކަންކުރި ސަރުކާރުން ރައްޔިތުން ދެކެފައިވާ ކަމަށާ އެ ސަރުކާރުތަކަށް ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ރައްޔިތުން 2023 ވަނަ އަހަރު ފުރުސަތު ދިނީ ހެޔޮވެރިކަމަކަށް ކަމަށް ވިދާޅުވި އެވެ.
"ވައްކަންކުރި ސަރުކާރުތަކާ ދޭތެރޭ ރައްޔިތުން އަމަލުކުރިގޮތް މާޒީގައި އަޅުގަނޑު ދެކެފީމު. ވައްކަންކުރާ ސަރުކާރުތަކަށް ނޫނެކޭ ބުނެ ރައްޔިތުން ހެޔޮ އެދޭ ވެރިކަމަކަށް 2023 ގައި ގެނައި ވެރިކަމުން، ރައްޔިތުންގެ މަޖިލީހުން ހެޔޮ ވެރިކަމެއް ގާއިމުކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތްކެއް ކުރައްވަމުން ގެންދަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އިދިކޮޅު މެންބަރުން މިހާރުގެ މަޖިލީހަކީ ސަރުކާރުގެ "ރަބަރު ސްޓޭމްޕް" އަކަށް ހަދާފައިވާ ކަމަށް ތުހުމަތު ކުރުމުން އަބްދުއްރަހީމް ވަނީ ނިމިދިޔަ މަޖިލީހުގައި އެމްޑީޕީގެ މެންބަރުން އަމަލުކުރި ގޮތް ހަނދާންކޮށް ދެއްވާފަ އެވެ.