ENGLISH

24 ޖޫން 2026

Advertisement

މުހިންމު ދާއިރާތަކުން އެމެރިކާއާ ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި

24 ޖޫން 2026

|

އައިމިނަތު ޝަފާ

އެމެރިކާގެ ސްޓޭޓް ޑިޕާރޓްމަންޓްގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ސައުތު އެންޑް ސެންޓްރަލް އެފެއާޒް، އެސް. ޕޯލް ކަޕޫރު ރައީސް މުއިއްޒާ ބައްދަލުކުރެއްވުމުގެ ތެރެއިން. ފޮޓޯ؛ ރައީސް އޮފީސް.

މުހިންމު ދާއިރާތަކުން އެމެރިކާއާއެކު ގުޅުންބަދަހިކުރުމަށް މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކުރިއަށްގެންދިޔައީ އެމެރިކާގެ ސްޓޭޓް ޑިޕާރޓްމަންޓްގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ސައުތު އެންޑް ސެންޓްރަލް އެފެއާޒް، އެސް. ޕޯލް ކަޕޫރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިން ދެ ބޭފުޅުން ދެއްކެވި ވާހަކަފުޅުތަކުގެ ތެރެއިންނެވެ. 

މިބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި، މިއަހަރަކީ، ދިވެހިރާއްޖެއާ އެމެރިކާއާ ދެމެދު ސިޔާސީގުޅުން ގާއިމު ކުރެވުނުތާ 60 އަހަރު ފުރޭ އަހަރު ކަމަށްވާތީ، އެކަމުގެ މައްޗަށް އަލިއަޅުއްވާ ލައްވާފައި ވެއެވެ. އަދި، ފާއިތުވެދިޔަ ފަސްދޮޅަސް އަހަރުގެތެރޭގައި، ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ރަޙުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށްވެސް ބައްލަވާލައްވާފައި ވެއެވެ.

މި ބައްދަލުކުރެއްވުމުގައި އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ދެއްކެވި ވާހަކަފުޅުގައި، ވިޔަފާރިއާއި އިގްތިސާދު ކުރިއެރުވުމާއި، ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުންބަދަހިކުރުމާއި އަދި ސަރަހައްދުގެ ސަލާމަތާ ގުޅޭ ކަންކަމާ، މެރިޓައިމް ސެކިއުރިޓީ ފަދަ ދާއިރާތަކުން ދެގައުމުން ގުޅިގެން މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ފާޅުކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ، މޯލްޑިވްސް ފަސްޓް ޕޮލިސީގެ ދަށުން، ތަރައްގީގެ މަޝްރޫއުތަކާއި، އިގުތިސާދު ސިންދަފާތުކޮށް ގައުމަށް ފައިދާ ހުރި މަޝްރޫއުތަކަށް ދިވެހިރާއްޖެ ހުޅުވާލެވިފައިވާކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

މިބައްދަލުވުން ނިންމަވާލައްވާފައިވަނީ، ދެގައުމަށްވެސް ފައިދާހުރި ކަންކަމުގައި، ދެގައުމުން އެކީގައި މަސައްކަތް ކުރަން ތައްޔާރަށް އޮތްކަމުގެ ޔަގީންކަން ދެއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު