ENGLISH

24 ޖޫން 2026

Advertisement

މުނޯޒްގެ ލަނޑާއެކު ކޮންގޯ ބަލިކޮށް، ކޮލަމްބިއާ ދެވަނަ ބުރަށް

24 ޖޫން 2026

|

މުޙައްމަދު އަދުހަމް

ކޮންގޯ ކޮޅަށް ލަނޑުޖެހުމަށްފަހު ކޮލަމްބިއާގެ މުނޯޒް އުފާ ފާޅުކުރަނީ. ފޮޓޯ: އޭޕީ

ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ކޭ ގައި މިއަދު ހެނދުނު ކުޅުނު މެޗުގައި ޑެނިއެލް މުނޯޒް ކާމިޔާބުކުރި ގޯލާއެކު 1-0 އިން ކޮންގޯ ބަލިކޮށް، ކޮލަމްބިއާ އިން މުބާރާތުގެ ގަދަ 32 ޓީމުގެ ބުރަށް ދަތުރުކޮށްފިއެވެ.

ކޮލަމްބިއާ އިން ވަނީ މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށްފައެވެ. އެ ޓީމުން ވަނީ ފުރަތަމަ މެޗުގައި އުޒްބެކިސްތާން 3-1 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ. 

މި ނަތީޖާއާއެކު ކޮލަމްބިއާ އުޅެނީ ގްރޫޕް ކޭ ގެ އެއްވަނައިގައެވެ. އެ ޓީމު ވަނީ ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ހޯދާފައެވެ. ދެވަނައިގައި ޕޯޗުގަލް އޮތީ ހަތަރު ޕޮއިންޓާއެކު އެވެ. ކޮންގޯ ތިންވަނައިގައި އުޅެނީ އެއް ޕޮއިންޓް ހޯދައިގެންނެވެ. ފުލުގައި އޮތް އުޒްބެކިސްތާނަށް ޕޮއިންޓެއްނުލިބެއެވެ.

މެކްސިކޯގެ ގުއަޑަލަހަރާ ސްޓޭޑިއަމްގައި ކުޅުނު މެޗު ފެށިގެން ކޮލަމްބިއާ އިން ޑޮމިނޭޓްކޮށްފައިވާއިރު، މި ހާފުގައި ކޮންގޯގެ އެޑޯ ކަޔެމްބޭ އަށް ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.

ކޮންގޯއާ ކޮލަމްބިއާ ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: އޭޕީ

ކޮލަމްބިއާގެ ޖޯން އަރިއާސް ފޮނުވާލި ބޯޅަ ކޮންގޯގެ ކީޕަރު، ލިއޮނަލް އެމްޕާސީ މަތަކުރިއިރު، ދެވަނަ ފަހަރަށް އެ ބޯޅަ ޑެނިއަލް މުނޯޒް އަށް ލިބުމުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ބޭރު އަރިމަތީދާގަނޑަށެވެ. އޭގެފަހުން، މުނޯޒް ފޮނުވާލި ބޯޅައެއް ކޮންގޯގެ ކީޕަރު ހުއްޓުވުމުން ދެވަނަ ފަހަރަށް ގޯލުގެތެރެއަށް ބޯޅަ އޭނާ ފޮނުވާލިނަމަވެސް އޮފްސައިޑްކަމަށް ނިންމައި، އެ ލަނޑު ގަބޫލުނުކުރިއެވެ.

ފުރަތަމަ ހާފުގައި ކޮލަމްބިއާގެ ހަމޭސް ރޮޑްރިގޭޒް އާއި ލުއިސް ޑިއާޒްގެ އިތުރުން ގުސްޓާވޯ ޕުއެޓާ ފޮނުވާލި ބޯޅަތައް ވެސް ކޮންގޯގެ ކީޕަރު، އެމްޕާސީ ހުއްޓުވިއެވެ. މި ހާފު ނިމެންދަނިކޮށް، ކޮންގޯގެ އާތަރ މަސުއާކޫ ނަގައިދިން ހުރަހަކުން ޔޮއާން ވިސާ ބޮލުން ފޮނުވާލަން މަސައްކަތްކުރި ބޯޅަ ރަނގަޅަށް ލައްވައި ނުލިއެވެ.

މެޗުގެ ދެވަނަ ހާފު ފެށިގެން ވެސް ކޮލަމްބިއާ އިން ގިނަ އެޓޭކުތަކެއް ކޮށްފައިވާއިރު، ޑިއާޒް ފޮނުވާލި ބޯޅައެއް އެމްޕާސީ ވަނީ މަތަކޮށްފައެވެ. ރީބައުންޑްގައި އަރިއާސް ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 76 ވަނަ މިނެޓުގައި ކޮލަމްބިއާ އަށް ކާމިޔާބުކޮށްދިނީ މުނޯޒް އެވެ. އޭނާ މި ލަނޑުޖެހީ ފަހު ހާފުގައި ބަދަލަކަށް ކުޅެން އެރި ޖޯން ކޯޑޯބާ ގެ އެހީތެރިކަމާއެކު އުފެއްދި އެޓޭކަކުންނެވެ. 

ކޮންގޯއާ ކޮލަމްބިއާ ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: އޭޕީ

އޭގެފަހުން، ޑިއާޒް ފޮނުވާލި ދެ ބޯޅައެއްގައި ގޯލު ކާމިޔާބުކުރިނަމަވެސް އޮފްސައިޑް ކަމަށް ނިންމައި، ރެފްރީ އެ ލަނޑުތައް ގަބޫލެއްނުކުރިއެވެ. މެޗު ނިމެންދަނިކޮށް، ކޮންގޯ އިން ނަތީޖާ އެއްވަރުކުރަން ކުރި މަސައްކަތްތައް ކޮލަމްބިއާގެ ކުޅުންތެރިން ވަނީ ހުއްޓުވައިފައެވެ.

މި މެޗުން ބަލިވިނަމަވެސް ކޮންގޯ އަށް މުބާރާތުގައި ކުރިއަށްދިއުމުގެ ފުރުސަތު އެބައޮތެވެ. އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ޕޯޗުގަލްއާ ވަނީ އެއްވަރުކޮށްފައެވެ. މިއާއެކު، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އުޒްބެކިސްތާން ބަލިކޮށްގެން، ތިންވަނަ ހޯދައިގެން އެންމެ ރަނގަޅު ނަތީޖާ ހޯދައި ގަދަ 8 ޓީމުގެ ތެރޭގައި ހިމެނުމުގެ ފުރުސަތު ކޮންގޯ އަށް އެބައޮތެވެ.

މި މުބާރާތުގައި ކޮލަމްބިއާ ދެން ކުޅޭ މެޗުގައި މި މަހުގެ 28 ވާ އާދީއްތަ ދުވަހު ރާއްޖެގަޑިން ފަތިހު 4:30 ގައި ނިކުންނާނީ ޕޯޗުގަލްއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު