ENGLISH
24 ޖޫން 2026
ސްކޫލްތަކުގެ ނަން ބޭނުންކޮށްގެން ޔޫނިއަން އުފެއްދުމަކީ ގާނޫނާ ހިލާފުކަމެއް: ވަޒީރު ޝަފީޢު
24 ޖޫން 2026
|
ތައުލީމާއި މަތީތައުލީމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ. ފޮޓޯ؛ މަޖިލިސް އިދާރާ.
އެންމެ މަޤްބޫލު
ސްކޫލްތަކުގެ ނަން ބޭނުންކޮށްގެން ޔޫނިއަން އުފެއްދުމަކީ ގާނޫނާ ހިލާފުކަމެއްކަމަށް ތައުލީމާއި މަތީތައުލީމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
އިސްކަންދަރު ސްކޫލްގެ ޓީޗަރުން އިސްކަންދަރު ވޯކް ޔޫނިއަންގެ ނަމުގައި އުފައްދާފައިވާ ޔޫނިއަން ބަލައިނުގަންނާނެކަމަށާއި އެ ޔޫނިއަންގެ އެއްވެސް ހަރަކާތެއް ސްކޫލްގައި ނުހިންގޭނެކަމަށް، ސްކޫލް ޕްރިންސިޕަލް ޔޫނިއަންގެ މަސްއޫލުވެރިޔާއަށް އެންގި ކަމަށް ބުނެ ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލުގެ ޖަވާބުގައި ވަޒީރު ވިދާޅުވީ ތައުލީމީ ދާއިރާގެ އެންމެ މުހިންމު މަސައްކަތްތެރިންނަކީ މުދައްރިސުން ކަމަށެވެ.
ޔޫނިއަން ރަޖިސްޓްރީކުރާ ގަވާއިދުގައި ބުނާގޮތުން ދިވެހި ދައުލަތުގެ މުއައްސަސާއެއްގެ ނަމެއް ނުވަތަ އެފަދަ މުއައްސަސާއެއްގެ ނަމަކާ އޮޅުން އަރާފާނެ ނަމެއް ޔޫނިއަނަކަށް ނުކިޔޭނެއެވެ. އަދި އާއްމު ކުންފުނިތަކާ ހިލާފަށް ސްކޫލުތަކާއި މަދުރަސާތަކަކީ ހާއްސަ ސިފަތަކެއް ލިބިފައިވާ ތަންތަން ކަމަށާއި އެއީ ވަރަށް ގިނަ ހިފެހެއްޓުންތަކެއް ހުންނަ ތަންތަންކަމަށް ވަޒީރު ވިދާޅުވިއެވެ.
"ހުށަހެޅިފައިވާ ސުވާލުގެ ކުރު ޖަވާބެއްގެ ގޮތުގައި ބުނަންޏާ އަޅުގަނޑަށް ބުނެވޭނީ ކުރިން މި ދެންނެވި ގަވާއިދުގެ 12 ވަނަ މާއްދާގެ (ހ)ގެ ހަތަރަކާ ހަވާލާދީ އަޅުގަނޑުމެން ގަބޫލެއް ނުކުރަމޭ އިސްކަންދަރު ނަން ބޭނުންކޮށްގެން، މަޖީދިއްޔާގެ ނަން ބޭނުންކޮށްގެން، އަމީނިއްޔާގެ ނަން ބޭނުންކޮށްގެން އަދި އެހެން ސްކޫލެއްގެ ވެސް ނަން ބޭނުންކޮށްގެން ޔޫނިއަން އެއް އުފެއްދިދާނެ ކަމަކަށް ،". ވަޒީރު ވިދާޅުވިއވެެ.
އެ ޔޫނިއަން ރަޖިސްޓްރީކޮށްފައި އޮތީ އެންމެ ރަނގަޅުގޮތަށް ކަމަށް ވުޒާރާއިން ނުދެކޭ ކަމަށާއި އެހެންވެ ޔޫނިއަންތަކުގެ ރަޖިސްޓްރާއަށް އެ މައްސަލަ ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އިސްކަންދަރުގެ ޓީޗަރުން އުފެއްދި ޔޫނިއަން ބަލައިނުގަންނާނެ ކަމަށް އެ ސްކޫލްގެ ޕްރިންސިޕަލް އެންގެވީ ވުޒާރާގެ އިރުޝާދާ އެއްގޮަތަށްކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ސަރުކާރުން ޓީޗަރުންގެ ހައްގު ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
"މި ސަރުކާރުގައި ޓީޗަރުންގެ ހައްގުތައް ހޯދައިދިނުމަށްޓަކައި ޓީޗާސް އެސޯސިއޭޝަނުން އިސްވެ މުއާމާލާތުކުރި މިންވަރަށްވުރެ އަޅުގަނޑު ޚުދު އެސޯސިއޭޝަނަށް ގުޅައި މުއާމާލާތްކޮށްފައިވާ މިންވަރު މާ ގިނަވާނެއޭ،". ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ސްކޫލްމަދުރަސާތަކުގެ ތެރޭގައި މުދައްރިސުންގެ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި ފުރުސަތު ދޭނެކަމަށާއި އެހެން ނަމަވެސް ވަކިވަކި ނަންތަކެއް ހަދައިގެން، ސްކޫލްތަކުގެ ނަންތައް ބޭނުންކޮށްގެން މިފަދަ ކަންތައްތައް ކުރުމަށް ފުރުސަތު ދޭން ގަސްދުނުކުރައްވާކަމަށެވެ.
ވަޒީރުގެ ޖަވާބާ ގުޅިގެން ސުވާލުކުރަން ދިން ފުރުސަތުގައި މެންބަރު މައުރޫފް ވިދާޅުވީ އިސްކަންދަރު ސްކޫލްގެ ޓީޗަރުން އުފެއްދި ޔޫނިއަން މިދިޔަ ޖެނުއަރީ މަހު ދާހިލީ ވުޒާރާގައި ރަޖިސްޓްރީކޮށްދީފައިވާކަމަށާއި މޭ ޑޭގައި އެ ވުޒާރާއިން އިންތިޒާމްކުރި ރެލީގައި ބައިވެރިވާން އެ ޔޫނިއަން އަށް ދައުވަތު ވެސް ދިން ކަމަށެވެ. އެހެންކަމުން އެ ޔޫނިއަން އަށް އެ ނަމުގައި ހަރަކާތްތެރި ނުވެވޭނެކަމަށް ވިދާޅުވީ ކޮން ގާނޫނަކުން ބާރުލިބިގެންތޯ އެއްސެވިއެވެ.
ޖަވާބުގައި ވަޒީރު ވިދާޅުވީ ޓީޗަރުންގެ އަޑު އުފުލައި ވަކާލާތުކުރުމަށް ޕްލެޓްފޯމެއް ގާއިމުވެފައި އޮތް ހިނދުގައި ވަކި ވަކި ޔޫނިއަންތައް ހަދައިގެން ޓީޗަރުންގެ ތެރޭގައި ބައިބައިވުން އުފެއްދުމަކީ ތާއީދުކުރާކަމެއް ނޫންކަމަށެވެ.
"އަޅުގަނޑުގެ ހިތުން ސަރުކާރުގެ އިދާރާއަކުން ރަޖިސްޓްރީކުރިކަމުގައި ވިޔަސް، އެކަށީގެންވާ ވަރަށް ބަލައިލުމެއް ނެތިއޭ އެ ރަޖިސްޓްރީކުރެވިފައި އެވަނީ. އަޅުގަނޑު ކޮންމެހެން އެއަކަށް މާބޮޑު ޖަދަލެއް ކުރާކަށް ބޭނުމެއް ނޫން. އެހެން ނަމަވެސް އަޅުގަނޑު ކުރިން ދެންނެވި ޖަވާބަށް ރިއާޔަތްކޮށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ސްކޫލް މަދުރަސާތަކަކީ އެއީ ހާއްސަ ސިފަތަކަކާ ރައްކާތެރިކަމަކަމަކާދީ ހާއްސަ ގޮތަކަށް އަޅުގަނޑުމެން ވިސްނަން ޖެހޭނެ ކަމެކޭ،". ވަޒީރު ވިދާޅުވިއެވެ.
އެ ޔޫނިއަން ރަޖިސްޓްރީކޮށްދީފައިވިޔަސް ގަވާއިދާ ހިލާފުވެފައިވާތީ ޔޫނިއަންގެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެކަމަށް ވަޒީރު ވިދާޅުވިއެވެ.