ENGLISH
24 ޖޫން 2026
މަސްވެެރިންނަށް 1.1 ބިލިއަން ރުފިޔާ ދޫކޮށްފި
24 ޖޫން 2026
|
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް.
އެންމެ މަޤްބޫލު
މަސްވެރިން ބާނާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރަން ފެށިފަހުން މި ހިނގާ ޖޫން މަހާ ހަމައަށް 1.1 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިއަދުު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ 2023 ވަނަ އަހަރު މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު މަސްވެރިންނަށް ދޭންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދީ ހުރިކަމަށާއި އެގޮތުން 250 މިލިޔަން ރުފިޔާ މަސްވެރިންނަށް ނުދައްކާ އޮތްކަމަށެވެ.
"2024 ވަނަ އަހަރުގެ ޑިސެމްބަރުމަހުން ފެށިގެން މަސްވެރިން ބާނާ މަހަސް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދައްކަމުން އަންނަނީ، މިހާތަނަށް މަސްވެރިންނަށް 1،175،803،626.60 (އެއް ބިލިޔަން އެއް ލައްކަ ހަތްދިހަ ފަސް މިލިޔަން، އަށްސަތޭކަ ތިންހާސް ހަ ސަތޭކަ ސައްބީސް ރުފިޔާ ފަސްދޮޅަސް ލާރި) މިދެންނެވިގޮތަށް 48 ގަޑިއިރުގެތެރޭގައި ފައިސާ ދޫކުރަންފެށިފަހުން ދެއްކިއްޖެ،". ވަޒީރު ވިދާޅުވިއެވެ.
48 ގަޑިއިރު ތެރޭގައި މަސްވެރިން ބާނާ މަހަށް ފައިސާ ދޫކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވައުދުފުޅެކެވެ.
މ. އަތޮޅާއި ލ. އަތޮޅުން ތެޔޮ ލިބޭނެ އިންޒާމު ހަމަޖައްސަނީ
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން މަސްވެރިންނަށް ލުއިފަސޭހަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސައިދީފައިވާކަން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
އެގޮތުން ދެ އަތޮޅެއް ފިޔަވައި އެހެން ހުރިހާ އަތޮޅަކުން މިހާރު މަސްވެރިންނަށް އެސްޓީއޯ ރޭޓުން ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސާދީފައިވާކަމަށް ވިދާޅުވިއެވެ. ލ. އަތޮޅާއި މ. އަތޮޅުން ކޮންމެ ދުވަހަކު އެސްޓީއޯ ރޭޓުގައި ތެޔޮ ފޯރުކޮށްނުދެވޭކަން ފާހަގަކުރައްވައި ވަޒީރު ވަނީ އެކަމަށް ދާއިމީ ހައްލެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެފައެވެ.
ކޯލްޑް ސްޓޯރޭޖުގެ ކެޕޭސިޓީ 25،000 ޓަނަށް އިތުރުުކުރަނީ
ކޯލްޑް ސްޓޯރޭޖްތައް އިތުރުވެގެންދިއުމަކީ ދުނިޔޭގެ ބާޒާރުގައި ދިވެހި މަސްވެރިންނަށް ރަނގަޅު އަގެއް ހޯދައިދިނުމަށް ލިބޭނެ އެންމެ ބޮޑު ފުރުސަތުކަން ފާހަގަކުރައްވައި އެކަމަށް ހާއްސަ ސަމާލުކަމެއްދީގެން ސަރުކާރުން މަސައްކަތްކުރަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ.
މިހާރު ރާއްޖޭގައި މަސް ފިނިކޮށް ބެހެއްޓޭނެ ކެޕޭސިޓީ އުޅޭނީ 9،500ޓަނާއި 11،000 ޓަނާ ދެމެދުގައިކަމަށާއި ސަރުކާރުގެ އަމާޒަކީ އެ އަދަދު 25،000 ޓަނަށް އިތުރުުކުރުންކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ހަތް ރަށެއްގައި ކޯލްޑް ސްޓޯރޭޖުތައް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ފެލިވަރު ކޯލްޑް ސްޓޯރޭޖުގެ މަސައްކަތް ނިންމާ މިއަހަރުގެ ނިޔަލަށް އެތަން އޮޕަރޭޝަނަށް ގެނެވޭނެކަމަށް ވަޒީރު ވިދާޅުވިއވެެ. ފެލިވަރުގެ އިތުރުން ކޫއްޑޫގައި ގާއިމުކުރާ ކޯލްޑް ސްޓޯރޭޖުގެ މަސައްކަތްތައްވެސް ކުރިއަށްދާއިރު އެއިން ކޮންމެ ފެސިލިޓީއެއްގައި 4000 ޓަނުގެ މަސް ރައްކާކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. ކުރީ ސަރުކާރުން ފަށައި އެހެންނަމަވެސް އެކަމަށް ބޭނުންވާ ފަންޑު ހަމަޖައްސާފައިނެތުމުގެ ސަބަބުން ލަސްވެފައިވާ ތިނަދޫ ސިޓީގައި ގާއިމުކުރާ 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ވެސް މި އަހަރުގެ ފަހު ކުއާޓަރުގައި ނިންމަން އިސްކަންދީގެން މަސައްކަތްކުރަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ.
އިހަވަންދޫގައި ގާއިމުކުރާ 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ފެށިގެންދާނީ އެ ރަށު ބަނދަރުގެ މަސައްކަތް ނިމުމުންކަމަށާއި އަންނަ އަހަރު މުލަކުގެ ކޯލްޑް ސްޓޯރޭޖާއި އައިސް ޕްލާންޓުގެ މަސައްކަތް ނިންމައި ހިދުމަތްދޭން ފެށޭނެކަމަށް ވިދާޅުވިއެވެ. އަދި ކަނޑުއޮތްގިރިއާއި ހިރިލަންދޫގައި ގާއިމުކުރާ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތްތައްވެސް ކުރިއަށްދާކަމަށް ވިދާޅުވިއެވެ.
ރާއްޖެއިން ބޭރުކުރާ 85 އިންސައްތަ މަހަކީ ރޯ މަސްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ އަގު އެއްކުރެވިގެން މަސް ބޭރުކުރެވޭނަަމަ އިތުރު ވަޒީފާއާއެކު މަހަށް ހަމަ އަގުވެސް ލިބިގެންދާނެކަމަށެވެ. އެގޮތުން ފެލިވަރު ދަޅުމަސް ބަންދުކުރާ ކާރުހާނާގެ ކެޕޭސިޓީ 100 ޓަނަށް އިތުރުކުރުމުގެ މަސައްކަތާއި، ފިޔޯރީގައި ގާއިމުކުރާ މަސްކާރުހާނާއާއި ނިލަންދޫގައި ގާއިމުކުރާ 50 ޓަނުގެ މަސްކާރުހާނާގެ މަސައްކަތް ކުރިއަށްދާކަމަށް ވިދާޅުވިއެވެ.